ރާއްޖެއާ އެންމެ އަވަށްޓެރި ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ގޯތަބަޔާ ރާޖަޕަކްސަގެ އާ ސަރުކާރުން، އެގައުމުގެ ވެރިކަމާ ހަވާލުވުމުން ދިވެހިރާއްޖެ އާއި ސްރީލަންކާގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ލަންކާގެ ރިޔާސީ އިންތިޚާބު ގޯތަބަޔާ ރާޖަޕަކްސަ ކާމިޔާބު ކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ ޝާހިދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިހާރު ރައީސް ކަމުގައި ހުންނެވި މައިތިރިޕާލާ ސިރިސޭނާގެ ސަރުކާރާއި، ގޯތަބަޔާ ރާޖަޕަކްސަގެ ސަރުކާރު ބަދަލުވުމުގެ ކަންކަން ވަރަށް އޮމާންކޮށް ގެންދަވާ މަންޒަރު ފެނިވަޑައިގަތުމުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
ޝާހިދު ފޮނުއްވި މަރުޙަބާގެ މެސެޖުގައި ވިދާޅުވީ ސްރީލަންކާގައި ހަމަޖެހުން ޤާއިމްވެފައި އޮތުމަކީ ދިވެހިރާއްޖެ ބޭނުންވާ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ދިވެހިންނަށް ނުހަނުގިނަ ފައިދާވެސް ކުރަމުންދާނެ ކަމަށެވެ. މިނިސްޓަރު މިފަދައިން ވިދާޅުވިއިރު ދިވެހި ރާއްޖެއިން ބޭރުގައި އެންމެގިނަ ގައުމަކީވެސް ސްރީލަންކާއެވެ. ލަންކާގެ ބަޔެއް އަވަށްތަކުގައި ދިވެހިން ވަރަށްގިނަ އަދަދަކަށް އުޅެމުން އެބަދެއެވެ.
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ދާދިފަހުން ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ލަންކާގެ ސިޔާސީ ލީޑަރުންނާއެކު ބޭއްވެވި ބައްދަލުވުންތަކެއްގެ ތެރެއިން ލަންކާގެ ރައީސްކަމަށް ދެން ވަޑައިގަންނަވާ ގޯތަބަޔާއާ ބައްދަލު ކުރައްވާފައިވެސް ވެއެވެ.
ސްރީލަންކާގެ ރައީސްކަން ގޯތަބަޔާ ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓުންގެ ތެރެއިން ސަޖިތު ޕްރަމަދާސައާ ވަރަށް ބޮޑަށް ވާދަކުރައްވައިގެންނެވެ.