ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް މިއަދު ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މިދަތުރުފުޅަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މިދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް, އަޙްމަދު މަޚްލޫފް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ޑެނީ ފޯރ އާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރަސްމީ ސިޓީފުޅެއް އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ސީޝެލްސް ސަރުކާރުގެ އިސްބޭފުޅުންނާވެސް އެބޭފުޅުން ބައްދަލުކުރައްވައި، ސީޝެލްސްއާއި ދިވެހިރާއްޖެއާއި ދެމެދުއޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.