ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ފައިސާދިން ކަމަށް ތުޙުމަތު ކުރެވޭ ފަރާތެއްގެ އޯޑިއޯއެއް ގެއްލިފައިވާ ކަން ރިޔާސީ ކޮމިޝަންގެ ތަޙްޤީޤް ރިޕޯޓުން ފާހަގަކުރެވެއެވެ.
ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ ޑރ. އަފްރާޝިމް ޢަލީގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސުން ފޯން އިންޓަރސެޕްޓްކުރަމުން ނުވަތަ އަޑުއަހަމުން ދިޔައިރު 4 މިލިއަން ރުފިޔާގެ މުޢާމަލާތަކާ ގުޅޭ ވާހަކައެއް މ. ޖަރީމާގޭ ޢަބްދުﷲ ޖާވިދު، ކާކުކަން ނޭނގޭ ވިޔަފާރި ވެރިއަކާ ދެއްކިކަމަށް ތުޙުމަތު ކުރެވޭ އޯޑިއޯއެކެވެ. 2012 ވަނަ އަހަރު ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރަމުންދިޔަ (ކޮން ފަރާތެއް ކަމެއް ދަންނަވަން ނޭނގޭ) ފަރާތެއް އޭރު ފުލުހުންގެ އިންޓެލިޖެންސްގެ ހެޑަކަށް ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އިސްމާޢީލް ޝަމީމް އާދަމަށް އެ އޯޑިއޯ ގެނެސްދިނުމުން، އެ އޯޑިއޯ އިސްމާޢީލް ޝަމީމް އާދަމް އަޑުއެހިކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.
އިސްމާޢީލް ޝަމީމް އާދަމް ޙާޒިރުކޮށް ކޮމިޝަނުން ސުވާލު ކުރެއްވުމުން އެއޯޑިއޯގައި އެއްކޮޅުން ވާހަކަ ދައްކަމުން ދިޔައީ، ޢަބްދުﷲ ޖާވިދު ކަމަށާއި، އަދި އަނެއްކޮޅުން ވާހަކަ ދައްކަމުން ދިޔައީ ކޮންމެވެސް ވިޔަފާރި ވެރިއެއް ކަމަށް ޤަބޫލުކުރެވޭ ކަމަށް ވިދާޅުވެފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް، އަނެއްކޮޅުން ވާހަކަ ދައްކަމުން ދިޔައީ، ސީދާ ކޮންފަރާތެއްކަން ހޯދުނު ކަމެއް އެނގިފައި ނުވާކަމަށް އޭނާ ރިޔާސީ ކޮމިޝަންގައި ވަނީ ވިދާޅުވެފައެވެ. ވިޔަފާރި ވެރިއެއްކަމަށް ބެލެވޭ މީހާ، 3 މިލިއަން ނޫނީ 4 މިލިއަން ރުފިޔާގެ ފައިސާ ހުރީ ހަމަޖެހިފައިކަމަށާއި، މަސައްކަތް ފަށަންވީ ކަމަށް ބުނެފައިވާކަމަށް ޝަމީމާ ޙަވާލާ ދެއްވާ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އެ އޯޑިއޯ ކްލިޕް އިސްމާޢީލް ޝަމީމް އާދަމް އަޑުއެހުމަށްފަހު، ތަހުޤީޤު ޓީމާ ހަވާލުކުރުމަށްޓަކައި، އިންޓެލިޖެންސްގެ މުވައްޒަފުންނާ ޙަވާލު ކުރިކަމަށް އޭނާ ކޮމިޝަނަށް ދީފައިވާ މަޢުލޫމާތުން ހާމަވެއެވެ.
އެހެންނަމަވެސް، އެ އޯޑިއޯ ހަވާލުކުރީ، ތަހުޤީޤު ޓީމުގެ ކޮން ފަރާތަކާ ކަމެއް ދަންނަވަން މިހާރު ނޭނގޭ ކަމަށް އޭނާގެ ބަޔާނުގައި ބުނެފައިވާކަމަށް ރިޕޯޓުގައި ވެއެވެ. އިންޓެލިޖެންސް އިން އިސްމާޢީލް ޝަމީމް އާދަމް ވަކިވިއިރު، އެ އޯޑިއޯ ކްލިޕް ހޯދުމަށް އޮންނާނީ، އިންޓެލިޖެންސް ޑިޓްމަންޓްގައި މަސައްކަތްކުރާ އާރިފް އާއި ޒަނާން އަދި ފަޔާޒުއާ ހަވާލުކޮށްފައި ކަމަށް ޝަމީމް ކޮމިޝަނަށް ދީފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާކަމަށް ކޮމިޝަންގެ ރިޕޯޓުގައިވެއެވެ.
"އެހެންނަމަވެސް، ތަހުޤީޤު ޓީމުން އެ ހޯދި ކަމެއް ނޭނގޭ ކަމަށާއި، އިންޓެލިޖެންސް ޑިޕާޓްމަންޓް އިން ބަދަލުވުމާ ހަމައަށްވެސް އެ އޯޑިއޯ ލިބިފައި ނުވާކަމަށް މި ކޮމިޝަނަށް ބަޔާންދެމުން އިސްމާޢީލް ޝަމީމް އާދަމް ބުނެފައިވެއެވެ." ރިޕޯރޓްގައި ވެއެވެ.
އިސްމާޢީލް ޝަމީމް އާދަމް ކޮމިޝަނަށް ދީފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަން ސާފުކުރުމަށް މި ކޮމިޝަނުން މިދިޔަ އޮކްޓޫބަރ 20 ގައި ސިޓީއަކުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިފައިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް އެކަން ފުލުހުން އެކޮމިޝަނަށް އަންގަވައި ދެއްވާފައި ނުވާކަމަށް ރިޔާސީ ކޮމިޝަންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސައާ ގުޅިގެން މ ޖަރީމާގޭ ޢަބްދުﷲ ޖާވިދު ފުރަތަމަ ބަންދުކުރީ 2012 ވަނަ އަހަރުގެ ޑިސެމްބަރ ތިންވަނަ ދުވަހުއެވެ. ތިން ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ވަނީއިތުރުކޮށްފައެވެ. ބަންދުގައި ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުށަހެޅި ކޮންމެ ހުށަހެޅުމެއްގައި ޢަބްދުﷲ ޖާވިދު ބަންދުގައި ބެހެއްޓުމަށް ފުލުހުން ބޭނުންވާ ސަބަބެއްގެ ގޮތުގައި، މައްސަލައާ ގުޅޭގޮތުން ލިބިފައިވާ ހެކި ނުވަތަ ޤަރީނާގެ ގޮތުގައި، އޭނާގެ މައްޗަށް ލިބިފައިވާ ފޯންކޯލް މުޢާމަލާތްތަކެވެ. އެހެންކަމުން އެ ލިޔެކިޔުންތައް ހޯދުމަށް ރިޔާސީ ކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅުމުން،ޙިއްސާ ކުރެއްވި މަޢުލޫމާތުގެ ތެރޭގައި ކްރިމިނަލް ކޯޓަށް 7 ޑިސެމްބަރ 2012 ހ. ލޮބީ ހުސެން ހުމާމް ދީފައިވާ ބަޔާނާއި 1 އޮކްޓޫބަރ 2012 ގައި ޢަބްދުﷲ ޖާވިދު އަށް ހުސެން ހުމާމް ކޮށްފައިވާ 3 ކޯލްގެ ލޮގު އަދި ޓެކްސްޓް މެސެޖްކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
ބަޔާނުގައި ހުސެން ހުމާމް ބުނެފައިވަނީ. ޖަލަޕީނޯ ކެފޭއަށް ހުސެން ހުމާމް ދިޔަ ދުވަހެއްގައި ޖާ އާއި ޖަނާގެ ބޭބެ އާއި ސްޕައި އަދި އަޒްލީފްއާ ބައްދަލުވިކަމަށާއި، އެގޮތުން، ހުސެން ހުމާމްގެ ގާތުގައި އެކަމަށް ޚަރަދުކުރަނީ މި މީހުންކަމަށް ބުނެ ޖާގެ ވާހަކަ ހުމާމްގެ ގާތުގައި އަޒްލީފް ބުނިކަމަށެވެ.
"އަދި މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ރީކޯ މޫސާ މަނިކު ރޭވި ކަމެއް ކަމަށާއި، ރީކޯ މޫސާ މަނިކުގެ ފަރާތުން ފައިސާ ލިބޭނެ ކަމަށް ޖާ ބުނިކަމަށާއި، އަދި އެކަމަށް ބާރު ދިނުމުގެ ގޮތުން އެ ލާރި ހުސެން ހުމާމް އަށް ލިބޭނެ ކަމަށް ޖަނާގެ ބޭބެ ބުނެފައިވާ ކަމަށް އެ ބަޔާނުގައި ހުސެން ހުމާމް ބުނެފައިވެއެވެ." ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
މ. ޖަރީމާ ގެ ޢަބްދުﷲ ޖާވިދަކީ އެމްޑީޕީގެ ހަރަކާތްތަކުގައި އުޅޭ، އެމްޑޕީގެ އެއިރުގެ ޗެއާރާޕސަން ރީކޯ މޫސާ މަނި ކު ގެ ދަނބި ދަރިއެކެވެ.
ޑރ. .އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ ބަޔަކު ސިޔާސީ މަޤްޞަދެއްގައިކަމަށް އޭރު އޮތް ސަރުކާރަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކު ގެ އިސްވެރިންނާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟު ވިދާޅުވިނަމަވެސް އެކަމަށް ބާރުލިބޭ ހެއްކެއް ނެތްކަމަށް ރިޔާސީ ކޮމިޝަނުން ވަނީ ފަހަގަކުރައްވައިފައެވެ.