ރައީސްކަމާ އަޅުގަނޑު ޙަވާލުވީ އެކަން ކުރާހިތަކުންނޫން: ރައީސް ޔާމީން

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާޙަވާލުވެ ވަޑައިގެންނެވީ ރައީސްކަން ކުރައްވާ ހޮތަކުންނޫން ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި "ފުނޑާލައިފި" ރިލޭގައި ވާހަކަފުޅު ފަށްޓަވަމުން އެމަނިކުފާނު ވިދާޅުވީ ރައީސްކަމާ ޙަވާލުވެ ވަޑައިގެންނެވީ އޭރުގެ ޙާލަތު ނިޔާކުރިގޮތުން ކަމަށެވެ. "އަޅުގަނޑު ދަންނަވާލާނަން ހެޔޮހިތުން ވާހަކައެއް. އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސްކަމާ ޙަވާލުވީ ރައީސްކަން ކުރާހިތަކުންނެއްނޫން. އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސްކަމާ ޙަވާލުވީ އެއީ އަޅުގަނޑަށްވުރެ ރަނގަޅަށް އެކަންކުރެވޭނެ މީހަކުނެތީމައެއްވެސް ނޫން. އޭރުގެ ޙާލަތު ނިޔާކުރިގޮތް އެއީ. ހަމަ މިކަހަލަ އަނިޔާވެރި ދުވަސްތަކަކަށްފަހު އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ މަސްރަހުން އެވެރިކަން ބަދަލުކުރެވޭނެ އެހެންގޮތެއް ނުފެނުނީ. އަދި ވޯޓަކުން އެވަރުގެ ލީޑަރަކު ބަދަލު ކުރެވޭނެ އެހެން މީހަކު ނުފެނުނީ. މިއީ އަޅުގަނޑުމެންގެ ހުރިހާ ސިޔާސީ ލީޑަރުން އެއްބަސްވިކަމެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެދުވަސްވަރުވެސް ވާހަކަ ދައްކަވަމުން ގެންދެވީ އެމަނިކުފާނުގެ  އަމިއްލަކަންކަން ފުއްދާނެ ވާހަކައެއް ނޫންކަމަށެވެ. އެހެންކަމުން އެމަނިކުފާނާ ދޭތެރޭ ޙަސަދަވެރިވާންޖެހޭ ސަބަބެއްނެތް ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވަޑައިގެންނެވީ އެއްވެސް ބޭފުޅަކާ ވާދަކުރައްވަން ނޫންކަމަށާއި ޚާއްސަކޮށް ކުރީގައި ވެރިކަން ކުރައްވާފައވާ ބޭފުޅުންނާ ވާދަކުރައްވަން ނޫންކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގައި ބޮޑެތި މައްސަލަތަކެއް އޭރުހުރުމުން އެކަންކަން ޙައްލު ކުރައްވަން ކަމަށް ވެސް ވިދާޅުވިއެވެ.

"ދިވެހި ދައުލަތަކީ އާމްދަނީ އިންތިހާއަށް ވަންނަ ދައުލަތެއް. އަޅުގަނޑުމެންނަކީ ޖިއޯގްރަފީ ގޮތުން ވަރަށް ރަނގަޅު ހިސާބެއްގައިއޮތް ޤައުމެއް. އެހެންނަމަވެސް އަވަށްޓެރިންނާއި އަވަށްޓެރިންގެ ތެރޭގައި ހިމެނޭ ސަރަހައްދުގެ ގޮތުން އަޅުގަނޑުމެންނަކީ ވަރަށް ނުރައްކާތެރި ހިސާބެއްގައިވެސް އޮތް ގައުމެއް،" ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެކަމެއްގައިވެސް ރަނގަޅާއި ނުބައި އުޅޭނެ ކަމަށެވެ.

އެހެންކަމުން "އަޅުގަނޑުމެންދާން ބޭނުންވާ ޕޮޓެންޝިއަލްއަކަށް ތަރައްގީ ކުރުމުގެ ޖާގައެއްނުލިބޭ. އެއީ އަޅުގަނޑުމެން ހިމެނޭ ސަރަހައްދުގެ ގޮތުން. އެހެންމަމަވެސް އަޅުގަނޑުމެން ހިމެނޭ ސަރަހައްދަކީ އިންތިހާއަށް ފުރުސަތުބޮޑު ސަރަހައްދެއް. މިސަރަހައްދުގައި ވިޝަނަރީ ލީޑަރަކު ހުރިކަމަށްވާނަމަ މީރާއްޖެ ކީއްކުރަންތޯ މުޅިދުނިޔޭގައި ފާހަގަކޮށްލެވޭ މިންވަރަށް ތަރައްގީގެނެވޭނެ ޕޮޓެންޝަލް ގާބިލް ގައުމަކަށްވެގެންދާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.