ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާ: އިދިކޮޅު ކޯލިޝަން

މާފުށީ ޖަލުގައި ފަސް އަހަރުގެ ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރާއްޖޭގެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލައްވައިފިއެވެ.

އެ ކޯލިޝަނުން މިއަދު ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ މާފުށީޖަލުގައި އިއްޔެ ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ޔާމީންގެ ރައްކާތެރިކަން ކަށަވަރު ކުރަން ބޭނުންވާ ކަމަށެވެ.

އެބަޔާނުގައި ވިދާޅުވެފައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު އިއްޔެވަނީ ފުލުހުން ގޮވައިގެން ޖަލަށް ވަޑައިގެން ގައިދީންނަށް އަނިޔާކޮށް ޕެޕަރސްޕްރޭ ޖަހައި ހަމަނުޖެހުން ހިންގާފައި ކަމަށެވެ. އެހެންނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ ފުލުހުންގެ ދެ އޮފިސަރަކު އިއްޔެ އެތަނަށް ވަޑައިގެންނެވީ ބައްދަލުވުމަކަށް ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ އިއްޔެގެ ހަމަނުޖެހުމަކީ ބައިނަލްއަގުވާމީ މިންގަޑުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާ ތަކާ ވެސް ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ. ގައިދީންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދީ އެމީހުންނަށް ބޭސްފަރު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ކަރެކްޝަނަލް ސާވިސްގެ މައްޗަށް ލާޒިމްކުރާ ކަމެއްކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މީގެ ހައެއްކަ މަސް ކުރިން ވެސް ގައިދީންނަށް އަނިޔާކުރި މައްސަލައެއް ތިލަވެފައިވާ ކަމށް އެބަޔާނުގައި ވެއެވެ. "އެފަހަރުވެސް ގައިދީންނަށް ވަރަށް އިހާނެތިކޮށް އަނިޔާކޮށް ބޯ ބާލައި ޖިންސީ ގުނަވަންތަކަށް ޕެޕަސްޕްރޭ ޖެހުންފަދަ ލާއިންސާނީ ޢަމަލުތައް ހިނގާފައިވެއެވެ."

މިޙާދިސާއަށްފަހު ޖަލުގެ ކަންކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ހޯމްމިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައި ކަމަށާއި އެހެންނަމަވެސް ކަންކަން އިސްލާޙު ނުވެ މިފަދަކަންކަން ތަކުރާރުވެގެންދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ. މިއިން ދޭހަކޮށްދެނީ ކަންކަން އިސްލާހު ކުރުމުގެ ގާބިލްކަން މިސާރުކާރުގައި ނެތުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ޖަލުތައް ހިންގުން ހަރުދަނާ ކުރުމާއި ގައިދީންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި މިސަރުކާރުވަނީ ފޭލީ ވެފައި ކަމަށް ވެސް އިދިކޮޅުފަރާތުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"އެހެން ކަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް މިކޯލިޝަނުން ގޮވާލަމެވެ. އަދި ޖަލުގައި ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތައް ތަހުގީގު ކުރުމަށް ކަމާބެހޭ މުއައްސަސާ ތަކަށާއި ހިޔުމަންރައިޓްސް ކޮމިޝަނަން މި ކޯލިޝަނުން ގޮވައިލަމެވެ." އެ ބަޔާނުގައި ވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.