ރައްޔިތުންގެ ކުރިއެރުމާ ގުޅުންހުރި ކަންކަމުގައި ސިޔާސީ ފިކުރު އެއްފަރާތް ކުރަންޖެހޭ: ރައީސް

ސިޔާސީގޮތުން ފިކުރު ތަފާތުވިނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި، ކުރިއެރުން ގެނެސްދިނުމައްޓަކައި ކުރާ ކަންކަމުގައި ސިޔާސީ ފިކުރު އެއްފަރާތް ކުރަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހދ. ގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، އެއަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރަށްރަށަށް ބޭނުންވެފައި ހުރި އަސާސީ ޚިދުމަތްތަކާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ސަރުކާރުގެ ކުންފުނިތައް މަސްއޫލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ސަރުކާރު ކުންފުނިތަކުގެ ހަކަތަ ހުރިކަން ދައްކައިދީފިކަމަށާއި، އެމްޓީސީސީއިން އެކަނިވެސް 57 ރަށެއްގެ ބަނދަރު މި ވެރިކަމުގައި ހަދާފައިވާކަމަށާއި، އަދި، މީގެ ކުރީގައި ރާއްޖޭގައި އޮތް އެމްޑީޕީ ސަރުކާރުގެ ވެރިކަމުގައި ހެދިފައިވަނީ 25 ބަނދަރުކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އިދިކޮޅު ވާދަވެރި ޕާޓީގެ މެނިފެސްޓޯގެ ދެކޮޅު ނުޖެހޭ ވާހަކަތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތް ހިންގައި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދީ ޖަވާބުދާރީވުމަށް ދައުލަތެއް ހިންގުމާ ހަވާލުވެ ހުންނަ މީހަކަށް ނުފޫޒު ފޯރުވާނެ ނުވަތަ ބަސްކިޔާ އެތައް ބަޔަކު ތިބިކަމުގައި ވަނީ ނަމަ ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތުގައި ދައުލަތް ހިންގައި ނުދެވޭނެކަމަށެވެ. އަދި، ދައުލަތް ހިންގައިދެވޭނީ އެ ދައުލަތް ހިންގަން ރައްޔިތުން އިންތިޚާބުކުރާ މީހާގެ އަތުގައި ހުރިހައި ބާރުތަކެއް އޮވެ، ޤާނޫނީ ސަރުކާރެއް ދަމަހައްޓައި، ޤާނޫނީ އިމުގެ ތެރެއިން އިސްލާމީ އުޞޫލުތައް ދަމަހައްޓައި، އިންސާފް ޤާއިމުކުރާ މީހަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތްތާނގައި އެކި ދާއިރާތަކުން ހިންގެވުމަށް ރާއްވަވާފައިވާ ތަރައްޤީގެ އެކި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި މި ދަތުރުފުޅުގައި، ކުޅުދުއްފުށްޓަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަޝްރޫޢާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.