އިލެކްޓްރޯނިކް ގޭމްތަކަކީ އިސްލާމީ އަގީދާ ފުނޑުފުނޑުކޮށްލާ ފަދަ ގޭމްތަކެއް

އިސްލާމީ އުޞޫލުތަކާއި އަދަބުތަކާ ޚިލާފުވާ ގޮތަށް ހެދިފައިވާ އިލެކްޓްރޯނިކް ގޭމްތަކަކީ އިސްލާމީ ޢަޤީދާ ފުނޑުފުނޑުކޮށްލާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މުނިފޫހިފިލުވުމުގެ ގޮތުން އިސްލާމީ އުޞޫލުތަކާއި އަދަބުތަކާއި ޚިލާފުނުވާ ގޮތަށް ހެދިފަިއވާ ގޭމްތައް ކުޅުމަކީ އިސްލާމްދީން މަނާކުރާކަމެއް ނޫންކަމުގައި ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ދަރީންގެ ޢިލްމީ ފެންވަރު ރަނގަޅުވެ ވިސްނުން ތަރައްޤީވާފަދަ ގޭމްތައް ކުޅުމަށް ފުރުޞަތު ދިނުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ފާހަގަކުރިއެވެ.

ގޭމްތަކުގެ ނުރައްކާތެރިކަންވެސް ޚުޠުބާގައި ފާހގަކޮށްފައިވެއެވެ. އެގޮތުން ބައެއް ގޭމްތަކުގެ އެންމެ ނުރައްކާތެރިކަމަކީ އެ ކުޅޭ މީހާ އަޅުވެތިކޮށްލުން ކަމުގައި ބުންޏެވެ. ހަމައެހެންމެ ގޭމަށް ދެވިހިފުމުގެ ސަބަބުން ބޭކާރުވަނީ އަގުހުރި ވަގުތުކަމުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާތްﷲ ފަރުޟުކުރައްވާފައިވާ ކަންކަމުން ދުރުހެލިވާ ކަމަށްވެސް ޚުޠުބާގައި ފާހަގަކުރިއެވެ. މީގެ އިތުރަށް ފިލާވަޅު ދަސްކުރަން އޮންނަ ވަގުތު ގޭމްކުޅެން ހޭދަކުރުމުގެ ސަބަބުން މަދްރަސީ ދައުރު ފުރިހަމަ ނުވަނީސް ސްކޫލުން ވަކިވާން ޖެހޭ ކަމަށް އިޝާރާތްކޮށްފައިވެއެވެ. އަދި ވަޒީފާއަށް އާއި ޢާއިލާގެ ކަންތައްތަކުގައި އިހުމާލުވެވޭ ކަމެއްކަމުގައި ވެސް ބުންޏެވެ. އަދި ގޭމް ކުޅުމަކީ ދޭދޭ ގުޅުން ކެނޑީ މިހާ އެކަހެރިވެ ޝައިޠާނާގެ މަގުން ދަތުރުކުރުމަށް މަގުފަހިވާ ކަމެއް ކަމުގައެވެ.

އިލެކްޓްރޯނިކް ގޭމްތަކުން ލިބޭ ގެއްލުންތައް ދެނެގަތުމަށް ކުރެވިފައިވާ ދިރާސާތަކަށް އަލިއަޅުވައި ޚުޠުބާގައި ބުނީ "އެފަދަ ގޭމް ކުޅޭ ޒުވާނުންގެ މެދުގައި ކުށް ކުރުމާއި، މީހުން މެރުން ފަދަ ބޮޑެތި ކުށްތަކަސް އަރައިގަތުމުގެ ޚިޔާލު އަށަގަތުމުގެ އިތުރުން، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލުވެސް އުފެދޭ" ކަމަށެވެ. އަދި ޒުވާނުންގެ މުރާލިކަން ކުޑަވެ ކަންނެތްކަން އަށަގަންނަ ކަމަށެވެ.

ގިނަވަގުތު ގޭމް ކުޅުމުން ދިމާވާ ޞިއްޙީ މައްސަލަތަކަށް ވެސް ޚުޠުބާގައި އަލިއަޅުވައިލިއެވެ. "ގޭމް ކުޅެން ގިަނ ވަގުތު ހޭދަކުރާ އިރު އޮށޮވެ އޮވެވޭ ގޮތަކުން ނުވަތަ އިށީނދެ އިނދެވޭ ގޮތަކުން ބުރަކަށީގައި ރިއްސައި ބުރަކަށި ގުދުވެ މައިބަދައަށް ބޮދެތި ގެއްލުންތައް ލިބެއެވެ. ނޭނގި ހުއްޓައި ލޮލަށް ބޮޑެތި ގެއްލުންތައް ލިބި، ލޮލުގެ ފެނުމަށް އަސަރުކުރެއެވެ. ލޭެގެ ޕްރެޝަރަށް ބަދަލު އާދެއެވެ. ސިކުނޑިއަށް ތަފާތު މައްސަލަތައް ދިމާވެއެވެ. މިޒާޖަށް ބަދަލު އާދެއެވެ." ޚުޠުބާގައި ބުންޏެވެ.

ބައެއް ގޭމްތަކަކީ ދީނީ ވާޖިބުތަކާއި ދުނިޔަވީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުމުގެ އިތުރުން ގިނަގުނަ ގެއްލުންތައް ކުރުމަތި ކުރުވާ ކަމަށް ބުންޏެވެ. "ޕަބްޖީ، ޖަސްތް ކޯސް، ޕޯކެމޮން ގޯ، ފޯޓްނައިޓް ފަދަ ގޭމްތަކަކީ އެފަދަ ގޭމްތައްކަން ފާހަގަކުރިއެވެ. އަދި ދުނިޔޭގެ ބައެއް ގައުމުތަކުގައި މިފަދަ ގޭމްތައް މަނާކޮށްފައިވާ ކަން ފާހަގަކުރިއެވެ.

ޚުޠުބާގައި ފާހަގަކުރި ގޮތުގައި އިސްލާމް ދީނަކީ ނުބައި އާދަތަކުން ދުރުވެ އެއްކައުވަންތަ ކަމުގެ މަތިވެރި ޢަޤީދާ އާއި ރިވެތި އަޚުލާޤާއި ރީތި މުއާމަލާތުން އިންސާނާ ޒީނަތްތެރިކޮށްދޭ ދީނެވެ. އަދި އިންސާނާއަށް ލިބިފައިވާ އެންމެ އަގުބޮޑު ރައުސްމާލަކީ އޭނާގެ ޢުމުރުގެ ދުވަސްތައް ކަމަށާއި އެދުވަސްތައް ބޭކާރު ގޮތުގައި ހޭދަކުރުމަކީ ފަހުން އެކަމާ ހިތާމަކުރަންޖެހޭނެ ކަމެއްކަމުގައި ފާހަގަކުރިއެވެ. އެހެންކަމުން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ވަގުތު ބޭކާރުވެގެންދާ ފަދަ ގޭމްތަކާ ކުޅިވަރުތަކާ ދުރިހެލިވުމަށް ގޮވާލާފައި ވެއެވެ.

އިލެކްޓްރޯނިކް އެކި އާލާތްތައް ބޭނުންކޮށްގެން ކުޅޭ ގޭމްތަކުން ލިބޭ އަޚްލާޤީ އަދި ޞިއްޙީ ގެއްލުންތަކާ މެދު މުޖްތަމައު ހޭލުންތެރި ކުރުމަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ބަލައި، ކަމާބެހޭ މުއައްސަސާތަކުުން އެކަމަށް ހައްލު ހޯދަންޖެހިފައިވާ ކަމަށްވެސް ޚުޠުބާގައި ފާހަގަކުރިއެވެ.

މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވަނީ ﷲ ހަނދުމަކުރުމުން އެއްކިބާކުރާ ކޮންމެ ކަމަކުން ދުރުހެލިވުމުގެ މައްޗަށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.