ރަމަޟާންމަހުގެ ފަހުންވެސް ހެޔޮ ޢަމަލު ކުރުމުގައި ދެމި ތިބޭ: ހުކުރު ޚުޠުބާ 

ރަމަޟާންމަހުގެ ފަހުންވެސް ހެޔޮ ޢަމަލުކުރުމުގައި ދެމި ތިބުމަށް ހުކުރު ޚުތުބާގައި މުސްލިމު އުއްމަތަށް ގޮވާލައްވައިފިއެވެ. އިސްލާމީމަރުކަޒުގައި ކުރެވުނު ހުކުރު ޚުތުބާ ވިދާޅުވެދެއްވީ އައްޝައިޚް އިލްޔާސް ޖަމާލެވެ. 

ފާފަފުއްސެވުމާއި، ނަރަކައިން ދިންނެވުމުގެ މައްސަރު އަޅުގަނޑުމެންނާ ވަކިވުމުގެ ވަގުތު ދާދި ގާތް ވެއްޖެކަން މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. ހެޔޮގޮތުގައި މިމައްސަރު ހޭދަކުރި މީހަކަށް ބާއްޖަވެރިކަން ހުރި ކަމަށާއި ހެޔޮ ގޮތުގައި މިމައްސަރު ހޭދަނުކުރެވުނު މީހަކަށް ހުރި ހިތާމައިގެ ބޮޑުކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. 

ރޯދަވެރިޔާ ވުޟޫކުރާއިރު އަރުތެރެއަށް ފެންފޮދެއް ހިނގައިދާނެތީ ޖެހިލުންވެ ފަރުވާތެރިވާ ވަރަށް ވުރެބޮޑަށް ، ބޮޑެތި ފާފަތަކާއި ފާޙިޝް ޢަމަލުތަކާ ދުރުހެލިވެ ފަރުވާތެރިވުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ. ރޯދައިގެ ޘަވާބު ފުރިހަމައަށް ލިބގަތުމަށްޓަކައި ނަމާދު އެޅުމާއި މުޢާމަލާތުގައި އޮޅުވާލުމާއި ޚިޔާނާތްތެރިވުމާއި މަކަރާއިހީލަތް ހެދުމުން ދުރުހެލިވުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ. އަދި މިއީ އަބަދާއަބަދު އެއިން ރައްކާތެރިވާންޖެހޭ ނުބައިކަން ބޮޑު ޢަމަލުތައްކަން ވެސް ފާހަގަ ކުރެއްވިއެވެ. 

"ރަމަޟާން މަސް އަޅުގަނޑުމެންނާ އަލްވަދާޢު ކިޔުމަށް ތައްޔާރުވާއިރު އަމިއްލަ ނަފްސާ ކުރަންޖެހޭ ސުވާލަކީ މިރަމަޟާންމަހުގެ ފައިދާ ލިބިގަނެވުނީ ކިހާމިންވަރަކަށްތޯ؟ ރަމަޟާންމަހުގެ ރޯދަ ފަރުޞު ކުރެއްވި ޙިކުމަތަކީ އަޅުތަކުން ޚާލިޤްވަންތަ ﷲ އަށް  ތަޤްވާވެރިވުމެވެ. ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލި ވުމެވެ. ﷲ ގެ ކޯފާއާއި ޢަޛާބުން ތިމާ ރައްކާތެރި ވުމެވެ." ހުކުރު ޚުތުބާގައި ވިދާޅުވިއެވެ. 

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ރަމަޟާންމަހު އަޅުކަމުގައި ވަރަށް ހީވާގިވާ ބައެއްކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން ރަމަޟާންމަހު ނިކަމެތިންނަށް ހޭދަކުރުމާއި ފަރުޟު ނަމާދު ކުރުން ގިނަކުރުމާއި ތަރާވީޙު ނަމާދާއި ދަމުނަމާދުވެސް ކުރާކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެއަށްފަހު ޢީދު ނަމާދާއެކު އަޅުކަމަށް އަލްވަދާޢުކިޔާކަން ފާހަގަކުރެއްވިއެވެ. މިހެން  ވުމުން އެބައި މީހުންނަކީ  ރަމަޟާން މަހަށް އަޅުކަންކުރި ބައެކޭ ހީވާކަހަލަ ކަމަށް ވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ހަމަ އެމަސް ނިމި ދިޔުމާއެކު ނަމާދާއި ﷲ ގެ މަގުގައި ހޭދަކުރުމާއި ޛިކުރުކުރުންފަދަ އަޅުކަންތައް ހުއްޓާލާކަން ފާހަގަ ކުރެއްވިއެވެ. 

"މުސްލިމުން އަޚުންނޭވެ! އަޅުކަން ކުރަންޖެހެނީ ރަމަޟާން މަހުގެވެރި ﷲ ތަޢާލާ އަށެވެ. އަހަރެމެން ހައްދަވައި، ރިޒްޤު ދެއްވައި، ފުރިހަމަ ޞިއްޙަތާއި  ޢާފިޔަތުގައި ގެންގުޅުއްވަނީ އެކަލާނގެއެވެ. ﷲ ތަޢާލާގެ ވަޖްހުފުޅު އަދައިގެން އިޚްލާޞްތެރިކަމާއެކު ކުރި ހެޔޮކަމެއް މެނުވީ އެކަނލާގެ ޤަބޫލެއް ނުކުރައްވާނެތެވެ."  ޚުތުބާގައި ވިދާޅުވިއެވެ.

 ﷲ ތަޢާލާގެ ވަޖްހުފުޅު އަދައިގެން ހެޔޮގޮތުގައި ރޯދަހިފައި، ރޭ އަޅުކަންކޮށް، ހެޔޮޢަމަލުތައްކޮށްއުޅޭ މީހާ ވެސް އެކަންތައްތަކާ މެދު ބޮޑާވެ ނުގަނެ އޭނާގެ ޢަމަލުތައް ﷲ ޤަބޫލުކުރައްވާތޯ ދުޢާ ދެންނެވުމަށް ޚުޠުބާގައި އިލްތިމާސް ކުރެއްވިއެވެ. 

ރަމަޟާންމަހަކީ ހެޔޮކަމުގެ މޫސުމަކަށް ވާތީ، އެމަހުގައި ޞާލިޙް ޢަމަލުކުރުމަށް ޝަޢުޤުވެރިވީ ފަދައިން ރަމަޟާންމަސް ނިމުމުންވެސް ހެޔޮ ޢަމަލު ކުރުމުގައި ދެމި ތިބުމަށް  އިލްތިމާސްކުރެއްވިއެވެ. އަދި މުސްލިމުންގެ ސިފަޔަކީވެސް އެއީ ކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. 

އަޅުގަނޑުމެންނަށް ދުނިޔޭގައި ލިބިފައިވާ ކުޑަދުވަސްކޮޅުގައި ހެޔޮ ޢަމަލުތައްކުރުމަށް އަވަސްވެ ގަތުމަށް ޚުޠުބާގައި އިލްތިމާސް ކުރެއްވިއެވެ. ބުއްދިވެރިއަކީ އެމީހާގެ ނަފްސް ކިޔަމަންކޮށް، މަރުވުމަށްފަހު އޮތް ޙަޔާތަށް ތައްޔާރުވާ މީހާކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ނުކުޅެދުންތެރިއަކީ އެމީހާގެ ހަވާނަފްސް އެދޭހައި ކަމަކަށް އިޖާބަ ދިނުމަށްފަހު ﷲގެ ޙަޟްރަތުން ފޮނި އުއްމީދުކުރާ މީހާކަށް ވެސް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. 

ރަމަޟާން މަހަށްފަހުގައިވެސް ކިޔަމަންތެރިކަމުގައި ދެމިތިބުމުގެ ތަޢުފީޤ ލިބުމަކީ ﷲ ތަޢާލާ އަޅުގަނޑުމެންގެ ހެޔޮޢަމަލުތައް ޤަބޫލުކުރެއްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ވާކަމެއްކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. އަޅަކު ﷲ އާ ކުއްތަން ވުމަށް ކުރާ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮޢަމަލަކީ އޭނާގެ މައްޗަށް ﷲ ފަރުޟުކުރެއްވި ކަންތައްތައްކަން ފާހަގަ ކުރެއްވިއެވެ. އެއަށްފަހު ސުންނަތްކަންތައްކަން ފާހަގަ ކުރެއްވިއެވެ.  ރަމަޟާންމަސް ނިމުމަށްފަހުވެސް ފަރުޟުތަކަށް ރައްކާތެރިވުމަށާއި ޤުރުއާން ކިޔެވުމާއި ރޭއަޅުކަންކުރުމަށް ޚުތުބާގައި އިލްތިމާސް ކުރެއްވިއެވެ. 

ރަމަޟާންމަސް އަޅުގަނޑުމެންނާ އަލްވަދާޢުކިޔާއިރު އަދާކުރުން މުހިންމު އެއް އަޅުކަމަކީ  ފިތުރު ޒަކާތްކަން ފާހަގަ ކުރައްވައި ޢީދުނަމާދުގެ ކުރިން ފިތުރުޒަކާތް ނެރުމަށް ޚުތުބާގައި ހަނދުމަކޮށްދެއްވައި ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރެއްވިއެވެ.  އަދި ރަމަޟާންމަހުގެ ރޯދަޔަށްފަހު ޝައްވާލުމަހުގެ ހަ ރޯދަ ހިފުމަކީ ޘަވާބު ބޮޑު ސުންނަތެއްކަންވެސް ޚުތުބާގައި ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.