އިތުބާރު - 15

(3 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެ މީހަކު ވާހަކަ ދެއްކީ ލަސްލަހުން ތަންކޮޅެއް ދަތި ގޮތަކަށެވެ. ދެ މީހުންކުރެ މީހަކު އޭނާގެ މަންމަގެ ވާހަކައެއް ނުދައްކައެވެ. އަދި މަންމަ ކުރި ކުށުގެ ވާހަކައެއްވެސް ނުދައްކައެވެ. އެމީހުން އެ ކުށުގެ މަތީން ހަނދާން ނައްތައިލީއެވެ. ބޮޑުބޭބެ ޢަޒީމް ދެވަނަ ފަހަރަށްވެސް ބޮޑުދައިތަގެ އަތަށް ފޯނު ދިނެވެ. އެކަމަކު މި ފަހަރު ދިނީ ބޮޑުބޭބެ ބުނި ގޮތަށް ބުނާށޭ ބުނެފައެވެ. ކުޑައިރުކޮޅަކު ވާހަކަ ދެއްކުމަށް ފަހު އޭނާ ފޯނު ބާއްވައިފިއެވެ. ބޭއްވި އިރުވެސް ބޮޑުދައިތަ ރޮނީއެވެ.

"ބޮޑުދައިތަ ހައެއްކަ ދުވަހުގެ ތެރޭގައި ޕާކިސްތާނަށް އަންނާނެ. އެނބުރި އެމެރިކާއަށް ދާނީ އަޅުގަނޑު ގޮވައިގެން." އޭނާ ފޯނު ބޭއްވުމަށް ފަހު ޢާރިފީން އާ ދިމާއަށް ބަލައިލިއެވެ. ޢާރިފީންގެ މޫނުގެ ކުލަ ހުރީ އޮއްސިފައެވެ.

"ސާރާ ތިޔަ އުޅެނީ ހަމަ ދާންތަ؟" ޢާރިފީންއަށް އަހައިނުލައެއް ނުހުރެވުނެވެ.

"ބޭބޭ. އަޅުގަނޑަކަށް މި ގެޔަކު ނޫޅެވޭނެ. އަޅުގަނޑު ބޭނުން ވަނީ އަޅުގަނޑުގެ އާއިލާގެ މީހުން ގާތަށް ދާން. އެއީ އަޅުގަނޑުގެ އާއިލާ. އަޅުގަނޑުގެ މީހުން. އަޅުގަނޑަށް އެމީހުންގެ ބޭނުންތެރިކަން ވަރަށް ބޮޑު." އޭނާ މަޑުމަޑުން ބުނެލިއެވެ.

"ޞަބާ ބޭނުން ވަނީ ސާރާ އަހަރެން ގާތު މި ގޭގައި ހުންނަންކަން ދެނަހުރީމުތަ؟"

"އަޅުގަނޑު ދެނަހުރިން. އެކަމަކު އާއިލާގެ މީހުން އަޅުގަނޑު ބަލައިގަންނާނޭ ކަމެއް މަންމައަކަށް ނޭނގޭ. އެމީހުން މަންމަގެ ހުރިހައި ކުށަކަށް މައާފު..."

"ސާރާ. އެހައި އަވަހަށް ވަކި ނަތީޖާއަކާ ހަމަޔަށް ނުދޭ. ސާރާ ތިޔަ ވިސްނަނީ ރަނގަޅަކަށް ނޫން. ކަން އޮތް ގޮތަކަށް ނޫން." ޢާރިފީން އޭނާގެ ވާހަކަ މެދުކަނޑައިލުމަށް ފަހު ބުންޏެވެ.

"އެހެން ވެއްޖެއްޔާ ކަން އޮތް ގޮތް ބޭބެ އަޅުގަނޑަށް ކިޔުއްވައި ދެއްވާ."

ޢާރިފީން ތެދުވެއްޖެއެވެ. ވަރުބަލިކަން އޭނާގެ މައްޗަށް ގަދަވެގަންނަނީއެވެ. ސިކުނޑީގެ ވަރުބަލިކަމަކީ މާ ވަރުގަދަ ވަރުބަލި ކަމެކެވެ. އޭނާގެ ކުރިމަތީގައި އިން މާސޫމު އަންހެން ކުއްޖާގެ މައްޗަށް އޭނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

"ބޭބެ ސިއްރު ކުރައްވަން އުޅުއްވަނީ ކޮން ކަމެއްކަން އަޅުގަނޑަށް އެނގެއެވެ. ބޭބެ ހިތްހެޔޮކަންވެސް އަޅުގަނޑަށް އެނގެއެވެ. އެކަމަކު ހެޔޮނުވާ ދާއިމީ ފާރުގަނޑަކަށް ވެގެން ބޭބެގެ ކުރިމަތީގައި އެނބުރޭކަށް އަޅުގަނޑު ބޭނުމެއް ނުވެއެވެ. އަޅުގަނޑު ދިޔައީމާ މަޑުމަޑުން ގޮސް ބޭބެގެ ހާލަތުވެސް އާދައިގެ ގޮތަށް ބަދަލު ވެދާނެއެވެ. އަޅުގަނޑު މި ގޭގައި ހުރިހައި ދުވަހަކު ބޭބެއަކަށް މާޒީ ހަނދާން ނައްތައެއް ނުލެއްވޭނެއެވެ. އަޅުގަނޑަކަށް އަޅުގަނޑުގެ ހައިސިއްޔަތު ހަނދާން ނައްތައެއްވެސް ނުލެވޭނެއެވެ. އަޅުގަނޑު ބޭބެ ދެކެ ލޯބިވެއެވެ. ޒިންމާއިން ބޭބެ ސަލާމަތްކޮށްދޭން އަޅުގަނޑު މި އުޅެނީވެސް އެހެން ވެގެންނެވެ. ފަހުން ޙައިދަރާއި އޭނާގެ އަނބިދަރީންގެ ކުރިމަތީގައި ބޭބެ ލަދު ނުގަންނާނީވެސް އޭރުންނެވެ." ސާރާގެ ހިތުގެ ޝުޢޫރުތައް ދުލާ ހަމައަކަށް ނައެވެ. އެޔާއެކު އޭނާގެ ލޯ ތެމިއްޖެއެވެ.

* * *

އެރޭ އެ ދިޔަ ގޮތަކަށް ޢާދިލް ގެއަކަށް ނާދެއެވެ. އޭނާގެ މައިންބަފައިން އޭނާ ފެނޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު އޭނާ ވީ ތަނެއް ނޭނގުނެވެ.

ސަރްމުދްގެ ކާވެނި ކުރެވުނީ ވަރަށް ސާދާ ގޮތަކަށެވެ. އެ ކާވެންޏަށް ދެވަނައަށް ވީދުވަހު ބޮޑުބޭބެ އެ ގެއަށް އައިސް ޞަބާގެ ކާވެނީގެ ވާހަކަ މަންމަ ގާތު ދައްކައިފިއެވެ.

"އޭނާގެ އުމުރުން ވާނީ ސާޅީސް ފަސް އަހަރު. ނޫނީ ފަންސާސް އަހަރު. ހައެއްކަ މަސް ދުވަސް ކުރިން އޭނާގެ އަނބިމީހާ މަރުވެއްޖެ. ހަ ދަރިން އެބަތިބި. އުޅެނީ ކާރުޚާނާއެއްގެ މަސައްކަތު މީހަކަށް. މިއީ މާ ރަނގަޅު ނިންމުމެއް ނޫންކަން އަހަންނަށް އެނގޭ. އެކަމަކު ކަލޭގެ ދަރި އެ ކުރި ކަމަކުން އޭނާގެ ކާވެނި އަބުރުވެރި ރަނގަޅު މީހަކާ ކުރެވުމަކީ ވާނޭ ކަމެއް ނޫން. އަހަރެން ޞަބާގެ ހުރިހައި ހަގީގަތެއް އެމީހާއަށް ކިޔައިދީފިން. ދޮގު ހަދައި އޮޅުވާލާކަށް އަހަރެން ބޭނުމެއް ނޫން. އޭނާ ބުނީ ކޮންމެ ގޮތެއް ވިޔަސް އޭނާ ހުރީ ޞަބާއާ އިންނަން ތައްޔާރަށޭ. ކަލޭގެ ދަރިފުޅުގެ ގެ އާބާދުވޭތޯ ދުޢާ ކުރޭ." ބޮޑުބޭބެ ބުންޏެވެ.

މަންމަ ދޯޕައްޓާއިން މޫނު ނިވައި ކޮށްގެން އިނދެ ރޯން ފަށައިފިއެވެ.

ތިން ވަނައަށް ވީ ދުވަހު އެ ބުނާ މީހާއާއި ގާޒީއަކާއި ދެ ހެކިވެރިން ގޮވައިގެން ބޮޑުބޭބެ އަތުވެއްޖެއެވެ. ޞަބާ އަނގަޔަކުން ނުބުނެއެވެ. ދެކޮޅެއްވެސް ނުހަދައެވެ. ޠޫފާން އަރައިފައި ފައިބައިގެން ހިނގައްޖެއެވެ. މިހާރު އޮތީ ހިމޭންކަމެވެ. އޭނާ ކާވެނީގެ ފޯމުތަކުގައި ސޮއި ކޮށްފިއެވެ. އަދި މަންމަ ގެނެސްދިން ހެދުން ލައިފިއެވެ.

މަންމަ ބުންޏެވެ. "މިއަދަކީ ޞަބާ މި ގޭގައި އުޅޭނޭ އެންމެ ފަހު ދުވަސް. މި ގެއިން ގެންދާން ބޭނުން އެއްޗެއް ގެންދޭ. މި ގެއަށް އެނބުރި ނައިސް ވާނީ އޭރުން. ޞަބާ އަކީ މިހާރު އަހަރެމެންނަށްޓަކައި މަރުވެފައިވާ މީހެއް. އަހަރެންވެސް މަރު ވެއްޖެ ކަމަށް ޞަބާ ހީކުރޭ."

"މިއަދު އަހަރެން ހަގީގަތުގައިވެސް މަރުވެއްޖެ. މަރުވާ މީހާ އެކީގައި އެއްވެސް އެއްޗެއް ނުގެންދޭ. މައްޔިތާގެ އެއްޗެއް ހުރިއްޔާ ސަދަގާތުގެ ގޮތުގައި ބަހާލަނީ. އަހަރެންގެ އެއްޗެއް ހުރިއްޔާ އެ އެއްޗެއް ﷲ ގެ ނަންފުޅުގައި ޚައިރާތަށް ހޭދަ ކޮށްލާ. އަހަރެން ޚައިރާތު ކުރި ގޮތަށް..." އޭނާ ވަރަށް ހަމަޖެހިލައިގެން އިނދެ ބުންޏެވެ.

އޭނާ ގެއިން ނުކުމެގެން ދިޔައީ ހަމައެކަނި އުނުއަނދެގެން ހުރި ފޭރާމާއެކުގައެވެ. އެހެން އެއްވެސް އެއްޗެއް ނުގެންދެއެވެ. ބޭނުން ކުރި ހުރިހައި އެއްޗެއް އެ ހުރި ގޮތަށް ބެހެއްޓީއެވެ.

ޢާރިފީންއަށް އެ ކާވެނީގެ ޚަބަރު ލިބުނެވެ. އޭނާ އަނގަޔަކުން ނުބުނެއެވެ. ދައްކާނޭ ވާހަކައެއް މިހާރަކު ނުވެސް ނެތެވެ.

"ޢާރިފީން. ދަރިފުޅު ފިކުރު ނުކުރޭ. ބަލަން ހުންނާތި. މަންމަ ދަރިފުޅަށް ޕަރީއެއް ހޯދައިދޭނަން." ޢާރިފީންގެ މަންމަ އޭނާގެ ހިތް ހަމަ ޖައްސައި ދެވޭތޯ މަސައްކަތް ކުރިއެވެ.

"މަންމާ. އަހަންނަކަށް މިހާރަކު ޕަރީންގެ ބޭނުމެއް ނެތް. އަހަންނަށްޓަކައި މީހަކު ހޯދަން މަންމަ ނޫޅޭތި."

"ތިޔައީ ކޮން ކަހަލަ ވާހަކައެއް. އެ އާވާރާއަށްޓަކައި ހުހަށް ހުންނާތީތަ؟ މީހަކާ ނީންނާނީތަ؟"

"އަހަރެން ހުހަށް ހުންނަ ވާހަކަވެސް އަދި މީހަކާ ނީންނާނެ ވާހަކަވެސް ނުދައްކަން. އަހަރެން މީހަކާ އިންނާނަން. އެކަމަކު އިންނާނީ އަހަރެން ބޭނުން މީހަކާ. މަންމަ އެކަމާ ފިކުރު ކުރާނެ ކަމެއް ނެތް." އޭނާ ކުޑަކޮށް ނުރުހުން ވެފައި ބުންޏެވެ.

"ބޭނުން މީހަކާ އިނުމުގެ ހަންޑި އަވަލީ ގޮތަށް އަދިވެސް ނުފިލަނީތަ؟ ރުހޭ މީހަކާ އިންނަން އުޅުނީމަ ވީ ގޮތް ނުފެނޭތަ؟"

މަންމަ އަނެއްކާވެސް އޭނާގެ ހިތްހަމަ ޖައްސައިދޭން އުޅުނެވެ. އޭނާ އަނގަޔަކުން ނުބުންޏެވެ. ބަހުސު ކުރަން ބޭނުން ނުވާތީއެވެ. މަންމަގެ ކުރިމަތީގައި އޭނާ ދައްކާނޭ ދަލީލެއްވެސް ނެތުމާއެކީގައެވެ.

ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ އެނބުރި ފަރަންސޭސި ވިލާތަށް ހިނގައްޖެއެވެ.

ދެ މަސް ދުވަސް ފަހުން އޭނާ ބައްޕައަށް ފޮނުވި ސިޓީއާއެކު އޭނާގެ ކާވެނީގެ ފޮޓޯވެސް ފޮނުވިއެވެ. އާއިލާގެ އެންމެންނަށް ލިބުނު ވަރަށް ބޮޑު ސިހުމަކަށް އެކަން ވެގެން ދިޔައެވެ. އެމީހުންގެ އާއިލާގެ އެއްވެސް މީހަކު މީގެ ކުރީން ދުވަހަކުވެސް ބިދޭސީއަކާ ނީނދެއެވެ.

ޓްރެސީ މަސައްކަތް ކުރަނީ ޢާރިފީން މަސައްކަތް ކުރާ ބޭންކުގައެވެ. އޭނާގެ ޝައުގުވެރިކަން ޢާރިފީންގެ މައްޗަށް ހުއްޓިފައި ހުންނަތާ އެތައް ދުވަހެކެވެ. ޢާރިފީންވެސް އެކަން ދަނެއެވެ. ފަހުން އެނބުރި އައިސް ޓްރެސީއާ ގުޅުން ބަދަހިކޮށް ދުވަސްކޮޅަކު ރައްޓެހި ވެގެން އުޅުމަށް ފަހު އިންނާން އަހައިފިއެވެ. ޓްރެސީ ވަގުތުން ގަބޫލު ވެއްޖެއެވެ.

ކާވެނި ކުރުމުގެ ކުރީން ޓްރެސީ އިސްލާންވިއެވެ. ޢާރިފީން އޭނާގެ ނަމަކަށް ހަމަޖެއްސީ އަސްމާއެވެ. އޭނާ ޞަބާއާ ބެހޭ ހުރިހައި ވާހަކައެއް ފިލިން ފިއްޔަށް އަސްމާއަށް ކިޔައިދިނެވެ. މާޒީގެ އެއްވެސް ވާހަކައެއް ސިއްރެއްގެ ގޮތުގައި ބާއްވާކަށް އޭނާ ބޭނުމެއް ނުވިއެވެ.

އަސްމާ ވެގެން ދިޔައީ ވަރަށް ރަނގަޅު އަނތްބަކަށެވެ. އޭނާޔާ އިނދެވުނީތީ ޢާރިފީން ކުރާން ޖެހުނު ހިތާމައެއް ނެތެވެ. ޙައިދަރު އުފަންވީ ފަރަންސޭސި ވިލާތަށެވެ. ދަރިއަކު ލިބުނީމާ އަސްމާ ވަޒީފާ ދޫކޮށްލައިފިއެވެ.

ޢާރިފީންގެ ކާވެނިން ލިބުނު ބޮޑު ސިހުމުން އަރައި ނުގަނެވިގެން އުޅެނިކޮށް އޭނާގެ މައިންބަފައިންނަށް އަނެއް ހިތާމަޔާ ކުރިމަތިލާން ޖެހުނެވެ. މަހެއްހައި ދުވަސް ވީތަނާ އެމީހުންގެ އެންމެ ދޮށީ އަންހެން ދަރިފުޅު ހަތަރު ދަރީން ގޮވައިގެން ގެއަށް އަތުވެއްޖެއެވެ. ހުވަފަތް ހާލަތުގައެވެ.

ޢަރިފީންގެ މަންމައަށް ލިބުނު ހިތާމައިގެ ކޮޅެއް ނެތެވެ. އޭނާއަށް މާޒީގެ އެކި ކަންތައްތައް ހަނދާން ކުރެވޭން ފަށައިފިއެވެ. ރޭގަނޑަކު ލޮލުފިޔައެއް ނުޖެހެއެވެ. ތާއަބަދު އިންނަނީ ބޮޑު ފިކުރެއްގެ ތެރެއަށް ގެއްލިފައެވެ. ވިސްނައި ފިކުރު ކުރަނީ ކޮން ކަމަކާ ކަމެއް ނޭނގެއެވެ.

ދޮށީ ދަރި ހުވަފަތް ވެގެން އައިތާ ހަތަރު މަސް ދުވަސް ފަހުން ދެވަނަ އަންހެން ދަރި ގެއަށް އަތުވެއްޖެއެވެ. އޭނާގެ ފިރިމީހާ އޭނާ ވަރިކޮށްފައި ގެއަށް ފޮނުވައިލީއެވެ. ފިރިމީހާ ނަށާ ކަސްބީ އަންހެނަކާ ދެ އަނތްބަށް އިނީއެވެ. އޭނާ ވަރިކުރީ ކަސްބީ އަންހެންމީހާގެ އެދުމަށެވެ.

ބައްޕަގެ ހިތްވަރު އެލިއްޖެއެވެ. ރުޅިގަނޑު މައިތިރި ވެއްޖެއެވެ. ހަތަރު އުދަރެސް ފެނު ޖެހިއްޖެއެވެ.

މަންމަ ތާއަބަދު އިންނަނީ މުސައްލަ މަތީގައެވެ. އަޅުކަމުގައެވެ. ކިޔަވަނީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. ދުޢާ ކުރުމުގެވެސް ހައްދެއް ނެތެވެ. ﷲ ގެ ޙަޟްރަތުން އެދެނީ ކޮން އެއްޗަކަށްކަން ދެނެވޮޑިގެން ވަނީ ހަމައެކަނި ﷲއެވެ.

ޞަބާގެ ކާވެންޏަށް ހަމަސް ވީތަނާ އޭނާގެ މަންމަޔާއި ދެ ކޮއްކޮ އެމެރިކާއަށް ހިނގައްޖެއެވެ. ޞަބާގެ ސަބަބުން އެމީހުންނަށް ކުރިމަތިވާ ލަދުވެތިކަމާ ކުރިމަތިލުމުގެ ހިތްވަރު ނެތިގެންނެވެ. ޞަބާގެ މަންމަ ބޭނުންވީ އަޤްޞާގެ ކާވެނި ކުރުވާށެވެ. އެކަމަކު އާއިލާގެ އެއްވެސް މީހަކު ޞަބާޔާ ނީންނާނެކަން މަންމައަށް އެނގެއެވެ. ތިންމައިން އެމެރިކާއަށް ދިޔައީ ބައްޕަ އަންނާށޭ އެންގީމައެވެ.

* * *

"ބައްޕަ ޑަކްޓަރަށް ދައްކަވައިފިންތޯ؟" ޙައިދަރު ގެއަށް އައި ގޮތަށް ދިޔައީ ބައްޕަގެ ކޮޓަރިއަށެވެ. ޢާރިފީން ބަލިވެ އުޅޭތާ ދެތިން ދުވަސް ވެއްޖެއެވެ.

"އާނ. ޑަކްޓަރަށް ދައްކައިފިން. ލޭ ތަންކޮޅެއް މައްޗަށް އެރީ. އެހެން ހުރިހައި ކަމެއް ރަނގަޅު."

ބައްޕަ ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައިކަން ޙައިދަރަށް އެނގުނެވެ. އޭނާ ބައްޕަގެ ކައިރީގައި ސޯފާގައި އިށީނދެއްޖެއެވެ.

"ބައްޕާ. ސާރާ އޭނާގެ އާއިލާގެ މީހުން ގާތަށް ދާން އުޅުމަކީ އެހައި ކަން ބޮޑު ވެއްލައްވަންވީ ކަމެއް ނޫނެއް ނޫންތޯ؟ މިއަދު ނޫނިއްޔާ މާދަމާ އޭނާ މި ގެއިން ދާނެ. އާއިލާގެ މީހުން ގާތަށް ދިޔައީމާ އެމީހުން އޭނާ ރަނގަޅަށް ބަލަހައްޓާނެ. އެހައި ކުޑަކުޑަ ކަމަކާ މާ ބޮޑަށް ފިކުރު ކުރައްވަނީ ކީއްކުރައްވަންތޯ؟"

ބައްޕަ ފިކުރު ބޮޑު ކުރަނީ ކީއްވެގެންކަން އޭނާއަށް އެނގެއެވެ. ވިސްނަނީ ސާރާ ވަކިވެގެން ދާތީކަން ވަރަށް ރަނގަޅަށް އެނގެއެވެ.

ޢާރިފީން ކިޔަކިޔައި އިން ނޫސް މޭޒުމަތީގައި ބޭއްވިއެވެ.

"ޙައިދަރު، ދަރިފުޅާ. އެމީހުން ގާތަށް ސާރާ ދިޔައީމާ އޭގެ ފަހުން އަހަންނާ އޭނާޔާ ބައްދަލު ވިޔަކަ ނުދޭނެ." ޢާރިފީން އޭނާގެ ކަންބޮޑުވުން އެންމެ ފަހުން ބަންޑުންކޮށްލިއެވެ.

"އެއީ ކީއްވެގެންތޯ؟" ޙައިދަރު ހައިރާން ވެފައި އަހައިލިއެވެ.

"އަހަންނަށް އެނގޭ. އެއީ ކަށަވަރު ކަމެއް. އެމީހުން ސާރާ އަހަރެން ގާތަށް ޕާކިސްތާނަށް އަޔަކަ ނުދޭނެ. ފުރަތަމަ ދިޔައީ ޞަބާ. ދެން ސާރާ އެ އުޅެނީ ދާން. ޒަމީރުގެ ގިލަނުގައި އަނދައަނދައި އަހަރެން ހުންނާނީ ކިހައި ދުވަހެއް ވާންދެން... ދަރިފުޅާ." ހީވަނީ ޢާރިފީން އަމިއްލަ ނަފުސާ މުޚާތަބުކޮށް ވާހަކަ ދައްކާ ހެންނެވެ.

(ނުނިމޭ)

11 ޚިޔާލު

  1. ކޮބާ ހީވޭ.ސަބާއަށް އަނިޔާ ދިނުމުގެ ހިތި ދައިތަ އަށް ފެންނާކަށް ލަހެއްނުވިއެއްނު. ގުރުއާނުގަ އަތްލައި ކުރި ދޮގުހުވާ އެންމެން ކުރިމަތީ ބޭޒާރުވާތަން ދެކެން ވަރަށް ބޭނުން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.