އަބޫދާބީގެ ހިލޭއެހީ 25 މިލިއަނުން 50 މިލިއަން ޑޮލަރަށް ބޮޑުކޮށްދީފި: ރައީސް

އަބޫދާބީން މި އަހަރު ރާއްޖެއަށް ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރަށް ބޮޑުކޮށް ހިލޭ އެހީގެ ގޮތުގައި ދިނުމަށް ނިންމައިފި ކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރޭ ދެއްވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ޚަބަރު އެމަނިކުފާނަށް ދެއްވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކަމަށެވެ. ރާއްޖެއަށް ހިލޭ އެހީ ހެޔޮއެދޭ ގައުމުތަކުން ދެއްވާ ކަމަށާއި މިދިޔަ އަހަރު ވެސް ހެޔޮއެދޭ އެކުވެރި ގައުމުތަކުން ހިލޭއެހީގެ ގޮތުގައި ރާއްޖެއަށް 3.21 ބިލިއަން ރުފިޔާ ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެފައިސާއަކީ ރާއްޖޭގެ ތަރައްގީއަށް ލިބޭ ފައިސާއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރަން ބައްލަވާއިރު ތަރައްޤީއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ބާރުތައް މާލެއަށް ޖަމާކޮށްފައި އޮތް އޮތުން ކަމަށެވެ. އެކަން ހައްލުކޮށް ތަރައްގީ ގާއިމްކުރެވޭނީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މާލީ ގޮތުންނާއި ޤާނޫނީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށް، ޤާނޫނަށް މިހާރު ވާނީ ބޮޑެތި އިޞްލާޙުތަކެއް ހުށަހަޅާފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.  އެ އިޞްލާޙުތަކާއެކު، ކައުންސިލްތަކުގެ ބަޖެޓް، ދެގުނަ ނުވަތަ ތިން ގުނައަށް އިތުރުވެގެންދާނެ ކަމަށާއި  އޭގެ ސަބަބުން ރަށްރަށުގެ ތަރައްޤީއަށް އިންގިލާބީ ބަދަލުތަކެއް އަންނަން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަންނައަހަރުގެ ދައުލަތުގެ ބަޖެޓްގެ 11 އިންސައްތަ ޚާއްޞަކޮށްފައިވާނީ، އިޖުތިމާޢީ ރައްކާތެރިކަމަށް ކަމަށެވެ. އަދި  ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް 12 އިންސައްތަ އަދި ޞިއްހީ ދާއިރާއަށް 11 އިންސައްތަ ވާނީ ޚާއްޞަކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ  2021 ވަނަ އަހަރަށް ހުށަހަޅާ ބަޖެޓަކީވެސް ބޮޑު ބަޖެޓަކަށް ވާނެ ކަމަށެވެ." ބަޖެޓްގެ އެންމެ މުހިންމު އަމާޒަކީ، އިންތިޚާބީ އަހަރު ކަމުގައިވާ 2023 ވަނަ އަހަރަށް މަޑުނުކޮށް، ކުރިއަށް އޮތް ދެ އަހަރު، އާދެ، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ތެރޭގައި، ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ބޮޑެތި މަޝްރޫޢުތައް ފެށުން." ރައީސް ވިދާޅުވިއެވެ. ތަރައްގީގެ މަޝްރޫޢުތަކާ ބެހޭގޮތުން ރައީސް ވިދާޅުވީ މިހާރުވެސް 34 ރަށެއްގެ ބަނދަރު މަޝްރޫޢުގައި ސޮއިކުރެވި 14 ރަށެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރަށް މަގުތައް ހެދުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. ރަނގަޅު ފެންވަރަކަށް ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމަށް 58 ރަށަކަށް ޖެނެރޭޓަރު ސެޓް މިހާރު ވަނީ ފޯރުކޮށްދެވިފައި ކަމަށާއި، 33 ރަށެއްގެ، ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ކޮންޓްރެކްޓްގައި ސޮއިކޮށް، ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.  "އަޅުގަނޑުގެ އަމާޒަކީ، ފެނާއި ނަރުދަމާ ނިޒާމު މަޝްރޫޢުތައް، މިހާތަނަށް ނުފެށި ހުރި ހުރިހާ ރަށެއްގައި، 2021 ވަނަ އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ފެށުން،" ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ފަށައި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުމާލޭގައި އިތުރު ފްލެޓް އެޅުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.