ސަފާޔާ ބޯޓުގެ މައްސަލަ ގޯސްކުރީ ޗެއާމަން ސައުދުﷲ އާއި މުސްތަފާ ގުޅިގެން: އިބޫ

މާލެއަތޮޅު ތިލަފުށީ ފަޅުގައި އޮތް ސީ ހޯމް ސަފާޔާ ނަމަކަށްކިޔާ ބޯޓުގެ މައްސަލަ ބޮޑުކޮށް ގޯސްކުރީ ގުރޭޓަރމާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ ޗެއާމަން ސައުދުﷲ އަޙުމަދާއި، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރ މުޙައްމަދު މުސްތަފާ ގުޅިގެން ކަމަށް އެކުންފުނީގެ މެނޭޖިންޑިރެކްޓަރ އިބްރާހީމް ރަޝީދު (އިބޫ) ވިދާޅުވެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ މިއަދު ވިދާޅުވީ "މިމައްސަލަ ބޮޑުކޮށް ގޯސްކުރީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރ މުސްތަފާއާއި މިކުންފުނީގެ ބޯޑު ޗެއާމަން ސަޢުދުﷲ ގުޅިގެން،" ކަމަށެވެ.

ތިލަފުށީ ފަޅުގައި އަޅާފައި އޮތް ސީ ހޯމް ސަފާޔާ އެތަނުން ނަގަން ޕާކަން ކުންފުންޏާ ޙަވާލުކުރީ އެއްވެސް އޮޅުމެއްނެތި އުސޫލުގެ ތެރެއިން ކަމަށް އިބޫ ވިދާޅުވިއެވެ. ތިލަފުށީ ފަޅުން އެ ބޯޓު ނެގުމަށްފަހު އެ "ކެފުމުގެ" މަސައްކަތުގައި އުޅެނިކޮށް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްބުނެ އެ މަސައްކަތް ހުއްޓުވައިފައެވެ.  ކޯޓު އަމުރު ބާތިލް ކުރުމުން ފުލުހުން ދެން އެ މަސައްކަތް ހުއްޓުވީ ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ "ސިޓީގައި އޮތް ޖުމްލައެއްގެ ތަންކޮޅެއްގައި ހިފައިގެން،" ކަމަށް އިބޫ ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކޮންތަންކޮޅެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. "އެންމެބޮޑު ސުވާލަކީ ފުލުހުން މިކަމުގެ ތެރެއަށް ފުރަތަމަވަނީ ކޮންތާކުން އަންގައިގެންތޯ ސާފުނުވުން،" އެމްޑީ އިބޫ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިމައްސަލައިގެ ތެރެއަށް ފުލުހުން ވަދެ މައްސަލަ ކުރިއަށް ގެންދަންފެށީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ ވާހަކަ ނުދައްކައި ކަމަށެވެ. އޭގެ ބަދަލުގައި ކުންފުނީގެ ޗެއާމަންއާ ވާހަކަ ދައްކައިގެން މައްސަލަ ބަލަން އުޅުމަކީ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ކޮމްޕެނީ ހިންގަންހުރި އެމްޑީއާ މިކަމުގައި ފުލުހުން ވާހަކަ ނުދައްކައި ނޮން އެގްޒެކެޓިވް ޗެއާއާ ވާހަކަ ދައްކައިގެން މުޅި މައްސަލަ ހިންގަން އުޅުން އެއީ ބޮޑު މައްސަލައެއް،" އިބޫ ވިދާޅުވިއެވެ.

 އޭނާ ވިދާޅުވީ އެބޯޓަކީ 2012 ވަނަ އަހަރުން ފެށިގެން ތިލަފުށީ ފަޅުގައި އަޅާފައިއޮތް ބޯޓެއް ކަމަށެވެ. އެއީ އިޢުލާން ކޮށްގެން ވެސް ވެރިފަރާތެއް އެނގިފައި ނުވާ ބޯޓެއް ކަމަށަ ވެސް ވިދާޅުވިއެވެ. ޕާކަންއާ ޙަވާލުކޮށްގެން އެ ބޯޓު ނަގަން ނިންމެވީ  އޭތި ނުނަގައިފި ކަމަށްވާނަމަ އޭޑީބީން ދީފައިއޮތް 165 މިލިއަން ޑޮލަރުގެ ފަންޑު އަނބުރާ ގެންދާނެ ކަމަށް ލިޔުމުން އެންގުމުން ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ. އެ ސަރަޙައްދު ހުސްކުރަން މަޖުބޫރުވީ އެހިސާބުން ކަމަށް ވެސް އޭނާ އޭނާ ވިދާޅުވިއެވެ.

ބޯޓުގެ މައްސަލާގައި ޒިންމާވާން ޖެހޭނީ އެމަސައްކަތް ހުއްޓުވި ފުލުހުން ކަމަށް އިބޫ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ފުލުހުން ވިދާޅުވީ އެމަސައްކަތް ހުއްޓުވީ އެކަމަށް ކޯޓުން އަމުރެއް އައުމުން ކަމަށެވެ. ފަހުން އެއަމުރު ބާތިލްކުރެއްވިކަން އެންގުމުން އެމަސައްކަތް ހުއްޓާލައިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމައްސަލާގައި ފުލުހުންވަނީ ފިނޭންސްމިނިސްޓްރީއާ ވެސް މުއާމަލާތް ކޮށްފައެވެ.

ޕާކަން ކުންފުނިން ވަނީ އެކަމުގެ ސަބަބުން އެކުންފުންޏަށް ލިބުނު އަދި ލިބެމުންދާ ގެއްލުމުގެ ބަދަލު ދިނުމަށް އެދި ގުރޭޓަރމާލެ އިންޑަސްޓްރިއަލް ޒޯން އަށް މުއްދަތެއް ދީފައެވެ. އެހެންނަމަވެސް އެ މުއްދަތުގައި އެކުންފުނިން އެއްވެސް ޖަމާބެއް ދީފައިނުވާ ކަމަށް ބުނެ ބަދަލު ހޯދަން އެމައްސަލަ މިހާރުވަނީ ކޯޓަށް ހުށަހަޅައިފައެވެ. ބަދަލުގެ ގޮތުގައި ނެގުމަށް އެދިފައިވަނީ ދިހަމިލިއަން ރުފިޔާއެވެ.

އެމައްސަލާގައި ގުރޭޓަރމާލެ އިން މަސައްކަތް ކުރައްވާފައިވަނީ ކޯޓު ޙުކުމާ އެއްގޮތަށް ކަމަށް އެމްޑީ އިބޫ ވިދާޅުވިއެވެ.  އޭނާ ވިދާޅުވީ އެ ބޯޓުގެ މައްސަލާގައި ފިނޭންސް މިނިސްޓްރީއާއި، އޭސީސީއާއި، ރައްޔިތުންގެ މަޖިލީހުގެ އެފަދަކަންކަމާ ބެހޭ ކޮމިޓީން ވެސް ނިންމާފައިވަނީ ގުރޭޓަރ މާލެ ކުންފުނީގެ މައްސަލައެއް ނެތް ކަމަށެވެ.  އެހެން ކަމުން ޕާކަންއަށް އެއްވެސް ފައިސާއެއް ދޭންޖެހޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިބޫ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.