ސީ ހޯމް ސަފާޔާގެ މައްސަލާގައި އަޅުގަނޑާއި މުސްތަފާ ގުޅިގެން ކުރިކަމެއް ނޯންނާނެ: ސަޢުދު

މާލެއަތޮޅު ތިލަފުށީ ފަޅުގައި އޮތް ސީ ހޯމް ސަފާޔާ ނަމަކަށްކިޔާ ބޯޓުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާއާ ގުޅިގެން ވެސް އަދި އެހެން މީހާކާ ގުޅިގެން ވެސް ކަމެއް ބޮޑުކުރަން ވެސް އަދި ކުޑަކުރަން ވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ގުރޭޓަރމާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ ޗެއާމަން ސައުދުﷲ އަޙުމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމައްސަލަ ބޮޑުކޮށް ގޯސްކުރީ އޭނާއާއި ތިމަރަފުށީ މުސްތަފާ ގުޅިގެން ކަމަށް އެކުންފުނީގެ މެނޭޖިންޑިރެކްޓަރ އިބްރާހީމް ރަޝީދު (އިބޫ) އިއްޔެ ވިދާޅުވުމުން އެއަށް ރައްދު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ މުސްތަފާއަކީ (ޕާސަނަލީ) ދަންނަ ބޭފުޅެއް ވެސް ނޫންކަމަށެވެ. އެ ބޯޓު ތިލަފުށީ ފަޅު ނެގުމާއި އެއަށް ދެން ހަދާނެ ގޮތަކާމެދު ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް ކުންފުނީގެ ބޯޑުން އެއްވެސް ނިންމުމެއް ނިންމާފައި ވެސް ނުވާނެ ކަމަށެވެ. އެހެންކަމުން އެބޯޓުގެ މައްސަލަ ނޫސްތަކަށް ތިލަވިހިސާބުން އެވާހަކަ އެނގިވަޑައިގެންނެވި ކަމަށް ސަޢުދު ވިދާޅުވިއެވެ. "އެހިސާބުން ކުންފުނީގެ ޗެއާގެ ހައިސިއްޔަތުން އަޅުގަނޑާ ހަވާލުވެފައިވާ ގާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން ބޯޓުގެ މައްސަލަ ސަރުކާރުގެ ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަށް ކުރަންޖެހުނު ހުރިހާކަމެއް އަޅުގަނޑުވާނީ ކޮށްފައި،" ސަޢުދު ވިދާޅުވިއެވެ.

މިމައްސަލާގައި މުޙައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) ވިދާޅުވީ އޭނާގެ ބެއްލެވުމުގެ ދަށުގައި އޮތް އެބޯޓާމެދު ގުރޭޓަރމާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ ޢަމަލުކުރެއްވީ ބަލައިގަނެވޭނެ ގޮތަކަށް ނޫންކަމަށެވެ. އަދި ކޯޓުގެ ޙުކުމެއް އޮވެގެން ކުރިކަމެއް ކަމަށް އެމްޑީ އިބޫ ވިދާޅުވާއިރު އެ ހުކުމަކީ ރައީސް ޔާމީންގެ ދައުރުގައި ކޯޓުން ކުރައްވާފައިވާ ހުކުމެއް ކަމަށެވެ. "އެޙުކުމުގައި އޮންނަނީ 30 ދުވަހުގެ ތެރޭގައި ފަޅުން ބޯޓުނަގަން. އެހެންނަމަވެސް އެ ހުކުމަށް ޢަމަލުކުރަން އެފެށީ މިސަރުކާރުން. ހުކުމްކުރިތީ ދެ އަހަރުފަހުން. ޙުކުމުގެ ނުވަތަ އަމުރުގެ މުއްދަތު ހަމަވުމަށްފަހު އެއަށް ޢަމަލު ކުރެވޭނެ ކަމަށް ނުދެކެން،" މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބީޓު އޮތްތަނުން ނެގުމަށްފަހު "އެ ކަފައި ކޮށައި ކުދިކުދި ކުރަން" އެއްވެސް މުއައްސަސާއަކުން ގުރޭޓަރމާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް އަންގާފައި ނުވާކަމަށެވެ. "މިހާރު އެވިދާޅުވަނީ އަޅުގަނޑާއި ސައުދުގެ ގުޅިގެން ކުރާ ކަމެކޭ. ސައުދަކީ އަޅުގަނޑު ދަންނަ މީހެއްވެސް ނޫން،" މުސްތަފާ ވިދާޅުވިއެވެ.

އިބޫ ވިދާޅުވެފައިވަނީ މިމައްސަލައިގެ ތެރެއަށް ފުލުހުން ވަދެ އެކަން ހުއްޓުވަން އުޅެފައިވަނީ އޭނާއާ ވާހަކަ ނުދައްކައި ކަމަށެވެ. "ކޮމްޕެނީ ހިންގަންހުރި އެމްޑީއާ މިކަމުގައި ފުލުހުން ވާހަކަ ނުދައްކައި ނޮން އެގްޒެކެޓިވް ޗެއާއާ ވާހަކަ ދައްކައިގެން މުޅި މައްސަލަ ހިންގަން އުޅުން އެއީ ބޮޑު މައްސަލައެއް،" އިބޫ ވިދާޅުވިއެވެ. މިކަމާ ގުޅިގެން ޗެއާމަން ސައުދު ވިދާޅުވީ އޭނާއާ ފުލުހުން އެކަމާ ގުޅިގެން މާގިނަ ވާހަކައެއް ނުދައްކަވާ ކަމަށެވެ. "ފުލުހުން ކުރެއްވީ އެންމެ ސުވާލެއް. ވިދާޅުވީ އެމައްސަލައަކީ ކުންފުނީގެ ބޯޑުން ނިންމައިގެންކުރާ ކަމެއްތޯ؟ އަޅުގަނޑު ދެންނެވީ ނޫނެކޭ. އިތުރުވާހަކައެއް ފުލުހުން ނުދައްކާ،" ސަޢުދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.