ޕާކަވަންއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހޭނެ ކަމަށް ނުދެކެން: ގުރޭޓަރމާލެ

ގުރޭޓަރމާލެ އިންޑަސްޓްރިއަލް ޒޯން ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ރަޝީދު: ގްރެޓަރމާލެ

މާލެއަތޮޅު ތިލަފުށީ ފަޅުގައި އޮތް ސީ ހޯމް ސަފާޔާ ބޯޓުގެ މައްސަލާގައި ޕާކަން ކުންފުންޏަށް އެއްވެސް ފައިސާއެއް ގުރޭޓަރމާލެ އިންޑަސްޓްރިއަލް ޒޯން އިން ދައްކަންޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިންޑިރެކްޓަރ އިބްރާހީމް ރަޝީދު ވިދާޅުވީ އެބޯޓާމެދު މިހާތަނަށް ހިންގާފައިވާ ހުރިހާ މުޢާމަލާތެއް އެކުންފުނިން ހިންގާފައިވާނީ އުސޫލާ އެއްގޮތަށް ކަމަށެވެ.

 އޭނާ ވިދާޅުވީ އެބޯޓަކީ 2012 ވަނަ އަހަރުން ފެށިގެން ތިލަފުށީ ފަޅުގައި އަޅާފައިއޮތް ބޯޓެއް ކަމަށެވެ. އެބޯޓު އެތަނުން ނަގަން ޕާކަންއާ ޙަވާލުކުރީ އޭތި ނުނަގައިފި ކަމަށްވާނަމަ ތިލަފުށީގައި ހިންގަން ނިންމާފައިވާ ބޮޑު ޕްރޮޖެކްޓެއް ކެންސަލްވާތީ އެވެ. އެކުންފުންޏާ އެ މަސައްކަތް ޙަވާލުކުރުމުގައި ވެސް އެއްވެސް ކޮރަޕްޝަނެއް އަދި އޮޅުވާލުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބޯޓުގެ މައްސަލާގައި ޒިންމާވާން ޖެހޭނީ އެމަސައްކަތް ހުއްޓުވި ފަރާތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމަސައްކަތް ހުއްޓުވީ ފުލުހުންނެވެ.

ފުލުހުން ވިދާޅުވީ އެމަސައްކަތް ހުއްޓުވީ އެކަމަށް ކޯޓުން އަމުރެއް އައުމުން ކަމަށެވެ. ފަހުން އެއަމުރު ބާތިލްކުރެއްވިކަން އެންގުމުން އެމަސައްކަތް ހުއްޓާލައިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމައްސަލާގައި ފުލުހުންވަނީ ފިނޭންސްމިނިސްޓްރީއާ ވެސް މުއާމަލާތް ކޮށްފައެވެ.

އެމައްސަލާގައި ޕާކަން ކުންފުނިން ވަނީ އެކަމުގެ ސަބަބުން އެކުންފުންޏަށް ލިބުނު އަދިލިބެމުންދާ ގެއްލުމުގެ ބަދަލު ދިނުމަށް އެދި ގުރޭޓަރމާލެ އިންޑަސްޓްރިއަލް ޒޯން އަށް މުއްދަތެއް ދީފައެވެ. އެހެންނަމަވެސް އެ މުއްދަތުގައި އެކުންފުނިން އެއްވެސް ޖަމާބެއް ދީފައިނުވާ ކަމަށް ބުނެ ބަދަލު ހޯދަން އެމައްސަލަވަނީ ކޯޓަށް ހުށަހަޅައިފައެވެ. ބަދަލުގެ ގޮތުގައި ނެގުމަށް އެދިފައިވަނީ ދިހަމިލިއަން ރުފިޔާއެވެ. އެ ޢަދަދަކީ ނުދައްކައި ގިނަދުވަސްވާ ކަމަށްވާނަމަ އިތުރުވާނެ ޢަދަދެއް ކަމަށްވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ އެ ބޯޓު މިހާރުވަނީ ފަޅުން ނަގައިފައި ކަމަށެވެ. އެ މިހާރުވީތަނެއް އޭނާއަށް އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އެމީހުންނާ އެމަސައްކަތް ޙަވާލުކުރިއިރު އެއްވެސް ފައިސާއެއް އެމީހުންނަށް ދޭން އެއްބަސްވެފައިނުވާ ކަމަށް ވެސް އޭނާވިދާޅުވިއެވެ. އެއްބަސްވެފައިވާނީ ބޯޓު ނެގުމަށްފަހު އެއަށް އެމީހުން ހަދާ އެއްޗަކުން ލިބޭ ފައިސާއެއް އެމީހުންނަށް ލިބޭގޮތަށް ކަމަށް އިބޫ ވިދާޅުވިއެވެ.

އެމައްސަލާގައި އެކުންފުނީން ޢަމަލުކޮށްފައިވާނީ ކޯޓު ޙުކުމާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ބޯޓުގެ މައްސަލާގައި ފިނޭންސް މިނިސްޓްރީއާއި، އޭސީސީއާއި، ރައްޔިތުންގެ މަޖިލީހުގެ އެފަދަކަންކަމާ ބެހޭ ކޮމިޓީން ވެސް ނިންމާފައިވަނީ ގުރޭޓަރ މާލެ ކުންފުނީގެ މައްސަލައެއް ނެތްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ބޯޓަކީ ވެރިފަރާތް އެނގެންނެތް ބޯޓެއް ކަމަށެވެ. ބަޔަކާ ހަވާލުކޮށްގެން ބޯޓު ނެގުމުގެ ކުރިން އޭގެވެރި ފަރާތެއް ހޯދަން ކޯޓުން ވެސް އިޢުލާންކޮށް މުއްދަތެއް ދިން ކަމަށް އިބުރާހީމް ރައީޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެދިން މުއްދަތުގައި ބޯޓާ ހަވާލުވާން އެއްވެސް މީހަކު އައިސްފައި ނުވާ ކަމަށެވެ. އެ ބޯޓު ގުޅީފަޅުން ނެގުމުގެ ހުއްދަ ދިނީ އެހިސާބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.