އެހީވި މީހެއްގެ ކައިރީގައި އަޅުގަނޑަށް ވޯޓެއް ދޭށެކޭ ނުބުނަން، އެހެން މީހުންނަށް ވޯޓު ދޭށޭބުނެ އާދޭސްކޮށް ސަލާންވެސް ޖެހިން: ޤާސިމް

ތަފާތު ދާއިރާތަކުން ވަރަށްގިނަ މީހުންނަށް މާލީގޮތުންވެސް އެހީތެރިކަން ފޯރުކޮށް ދީފައިވާނެ ކަމަށާއި، ބަދަލެއްގެ ގޮތުން ގާސިމަށް ވޯޓެއް ދޭށޭ ބުނެފައި ނޯންނާނެ ކަމަށާއި، ނަމަވެސް އެހެން މީހުންނަށް ވޯޓު ދިނުމަށް އެދި އެހީވި މީހުން ކައިރީގައި "އާދޭސްކޮށް ސަލާން ޖަހާފައި" ވެސް ހުންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް ރޭ އަލަށް ސޮއިކުރި މީހުންނާ ވާހަކަ ދައްކަވަމުން ކުނޫޒުގައި އޮތް ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ އެތައް ލައްކަ ދިވެހިންގެ ބޭސްފަރުވާއަށްވެސް ހޭދަކުރައްވާފައިވާނެ ކަމަށާއި، އަދި ހަތްހާހެއްހާ ދިވެހިންނަށް މަތީ ތައުލީމުގެ ފުރުޞަތުވެސް ހޯދައިދެއްވާފައިވާނެ ކަމަށެވެ. ގާސިމް ވިދާޅުވަނީ އިޖުތިމާއީ ގޮތުން އެފަދަ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށް ދެއްވަނީ ބަދަލުގައި ސިޔާސީ މަންފާއަކަށް ނޫން ކަމަށާއި އެކަން ކުރައްވަނީ ﷲ ހަވާލު ކުރައްވާފައިވާ އަމާނާތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

ގާސިމްގެ އެހީތެރިކަން އެތައް ލައްކަ ދިވެހިންނަށް ފޯރުކޮށް ދެއްވި ނަމަވެސް އޭގެ ސިޔާސީ ފައިދާ ބޮޑަށް ކޮށްފައިވާނީ އެހެން ސިޔާސީ ބޭފުޅުންނަށްކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ކޮންމެ ބަޔަކުވެސް މީގެކުރިން ވެރިކަން ލިބުމުން ޖޭޕީ ސަރުކާރު ކޯލިޝަނުން ނެރެލާ ކަމަށެވެ. ނަމަވެސް ޖޭޕީން އެއިން އެއްވެސް ފަހަރަކު ކޯލިޝަނާ ދެކޮޅަށް ނުނުކުންނަ ކަމަށް ވިދާޅުވިއެވެ.

ގާސިމްގެ އެހީތެރިކަމާއެކު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ޖޭޕީއާ ދޭތެރޭގައި ވަރަށް ދެރަކޮށް ކަންކަންކޮށް، ކޯލިޝަނުން ބޭރުކޮށް، އެވަރުން ނުވެގެން ޖޭޕީގެ އިސްބޭފުޅުން ގެންގޮސް "ޖަލަށްވެސް އަޅަނީ" ކަމަށް ގާސިމް ވިދާޅުވިއެވެ.

"ބޭރުކޮށްލާފައި އަދި ނިންމާލަނީއެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން މީހުން ގެންގޮސް ޖަލަށް ވެސް އަޅަނީ. ކޮން ސަރުކާރަކަށްތޯ އަޅުގަނޑާ ނުލައި ވެރިކަމަށް އާދެވުނީ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ރައީސް ސޯލިޙުގެ ސަރުކާރުން ގާސިމާއި، ޖޭޕީއަށް ދެރަގޮތެއް ނުހަދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސޯލިޙުގެ ސަރުކާރު ދިފާއު ކުރެއްވުމުގައި ހުންނަވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.