ހަޔެއްކަ މެމްބަރުން އަޑުގަދަ ކުރައްވައިގެން މަޖިލީހުގެ ނިޒާމު ނަގާލުމުގެ ފުރުޞަތެއް ނުދޭނަން: މަޖިލިސް ރައީސް

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ހަޔެއްކަ މެމްބަރުން އަޑުގަދަ ކުރައްވައިގެން މަޖިލީހުގެ ނިޒާމު ނަގާލުމުގެ ފުރުޞަތު ދެން ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަޙުމަދު ހައިލަމްގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައި، ހައިލަމް ސަސްޕެންޑް ކުރުމާއެކު މަޖިލިސް ހޫނުވެ، އިދިކޮޅު މެމްބަރުން މަޖިލިސް ތެރޭގައި އަޑުގަދަ ކުރައްވާތީ މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު މެމްބަރުން އެގޮތަށް އަމަލު ނުކުރެއްވުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގައި ދިކޮޅު މެމްބަރުން އަޑުގަދަ ކުރެއްވުން ހުއްޓާނުލެއްވުމުން ނަޝީދު ވިދާޅުވީ ހަޔެއްކަ މެމްބަރުން އަޑުގަދަ ކުރައްވައިގެން މަޖިލީހުގެ ނިޒާމު ގެއްލުވާލެއްވޭނެ ކަމަށް ހީފުޅު ކުރައްވައިގެން ނުވާނެ ކަމަށާއި އެ ފުރުޞަތު ދެން ރިޔާސަތުން ނުދެއްވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުން ވަނީ އެމްޑީޕީއަށް ސާފުކޮށް 65 ގޮނޑި ދީފައި ކަމަށާއި، އެކަން އިދިކޮޅު މެމްބަރުންވެސް ގަބޫލު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. މަޖިލީހުގައި "މާބާރަށް ވާހަކަ ދައްކަވައި ނޫޅުއްވަން" ނަސޭހަތް ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގައި ކުރަން ހުރި މަސައްކަތް ވަރަށް ބައިވަރު ކަމަށެވެ. އެހެންވެ މެމްބަރުން "ހިމޭނުން" ތިއްބެވުމަށް އެދިވަޑައިގަތެވެ.

މެމްބަރުން އަޑުގަދަ ކުރައްވައި މަޖިލީހުގެ ނިޒާމު ގެއްލުވާލަން ދެން ފުރުޞަތު ނުދެއްވާނެ ކަމަށް ނަޝީދު ވިދާޅުވިތާ ގިނައިރުތަކެއްނުވެ އިދިކޮޅު ތިން މެމްބަރެއްގެ ނަން އިއްވަވައި ތަޅުމުން ވަނީ ނެރުއްވާފައެވެ. މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރިޔާސަތުން ނަން އިއްވައި މިފަހަރު މެމްބަރުންތަކެއް ނެރުއްވި ފުރަތަމަ ފަހަރެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.