އަސްލު ވަގުން ނުހޯދައި ކުދިކުދި ވަގުންނާ ބެހިގަނެގެން މިއުޅެނީ ކީއްވެ: ޖާބިރު

އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރިވި "އަސްލު ވަގުން" ނުހޯދައި "ކުދިކުދި ވަގުންނާ" ބެހިގަނެގެން އުޅެނީ ކީއްވެތޯ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ސުވާލު އުފައްދަވައިފިއެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދު (ވައްޑެ) ހުށަހެޅުއްވި އާންމުދަނީ އިން ޓެކްސް ނެގުމުގެ ބިލުގެ ބަހުސްގައި ޖާބިރު ވިދާޅުވީ އެމްއެމްޕީއާރުސީ ތެރެއިން ދައުލަތަށް ގެއްލިގެން ދިޔަ 3.8 ބިލިޔަން ރުފިޔާއަށް ވީގޮތެއްވެސް އާންމުދަނީން ޓެކްސް ނެގުމުގެ ޤާނޫނެއް އަންނައިރު އެނގެން އެބަޖެހޭ ކަމަށެވެ.

ޖާބިރު ވިދާޅުވީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާ ގުޅިގެން ރާއްޖޭގެ ބަޔެއް ވިޔަފާރިވެރިން ވައްކަންކޮށް، ސަރުކާރުގެ މުދާ ފޭރިގެންފައިވާއިރު އެކަންވެސް ބެލިފައި ނެތް ކަމަށެވެ. އަދި އަދީބަށް ވިހި އަހަރުގެ ޖަލު ހުކުމެއް ޖަހާއިރު، ރިޝްވަތުގެ ފައިސާ ބޭނުންކުރި މީހުންވެސް ހައްޔަރު ކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އާންމުދަނީން ޓެކްސް ނެގުމާ ދިމާލަށްދާއިރު ޖާބިރު ވިދާޅުވީ ސަރުކާރުން އެކި ނަންނަމުގައި ޓެކްސް ނަގަމުން ދާއިރު، ޓެކްސްގެ ފައިސާއަކީ ވަރަށް އަދުލްވެރިކަމާ އަމާނާތްތެރި ކަމާއެކު ބަލަހައްޓަންޖެހޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ޓެކްސްގެ ފައިސާ ރަނގަޅަށް މެނޭޖް ކުރެވިފައި ނެތް ކަމަށް ވިދާޅުވިއެވެ.

"ރާއްޖެ ނުހިނގައިގެން މިއުޅެނީ. ހުރިހާ ޕްރޮޖެކްޓެއް ހުއްޓިފަ އެހުރީ. ފިހާރަތަކުގެ ވިޔަފާރި ދަށްވެއްޖެ. މީހުންނަށް ލިބޭ އާންމުދަނީ ކުޑަވެއްޖެ. އެކަމަކު އަނެއްކާވެސް އާންމުދަނީން ޓެކްސް ނަގާ ވާހަކަ މި ދައްކަނީ. ހުރިހާ ވިޔަފާރިތައް ޑައުން ވެއްޖެ" ޖާބިރު ވިދާޅުވިއެވެ.

ޓެކްސްގެ ބިލަށް ބަހުސް ކުރައްވާ ގިނަ މެމްބަރުން ޓެކްސް ނެގުމަށް ތާއީދު ކުރެއްވި ނަމަވެސް، ބިލަށް އިސްލާހުތަކެއް ގެންނަންޖެހޭކަން ބަޔެއް މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން އާންމުދަނީން ޓެކްސް ނަގާއިރު މިހާރު ބިލުގައި ހުރި ބަޔެއް އަދަދުތަކަށް ބަދަލު ގެނައުށްވެސް ބަޔެއް މެމްބަރުން ޚިޔާލު ދެއްވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.