އިތުބާރު - 11

(30 އޮކްޓޯބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާގެ ވާހަކައިން ޢާރިފީންގެ ދެބަފައިންގެ ހައިރާންކަން ދިޔައީ އިތުރު ވަމުންނެވެ.

"ސާރާ. އެކަނި ދިރިއުޅޭނީ ކިހިނެއް؟" ޢާރިފީން ޢައްބާސް ކަންބޮޑުވެފައި ހުރެގެން އަހައިލިއެވެ.

"ބޭބޭ. ވަރަށް ގިނަ މިހުން އެކަނި ދިރިއުޅޭ. އަނެއްކާާ އެއީ އަޅުގަނޑަކަށް އާ ކަމެއްވެސް ނޫން. މަންމަ ދުނިޔޭގައި ހުރި އިރުވެސް އަޅުގަނޑު އުޅުނީ އެކަނި."

"ސާރާ. ސާރާ ހިތްހަމަ ޖެހުނަސް ނުޖެހުނަސް އުޅެން ވާނީ މިގޭގައި. އެކަނި އުޅޭކަށް އަހަރެން ދުލެއް ނުކުރާނަން. ސާރާ އަހަރެންގެ ޒިންމާއެއްގެ ގޮތުގައި ހަަމަޖައްސައި އަހަންނާ ހަވާލު ކުރީ ޞަބާ. އެހެންވީމާ ބޭނުންހައި ގޮތަކަށް އުޅެން ދޫކޮށްލުމަކީ އަހަރެން ކުރާނެ ކަމެއް ނޫން."

"އެކަމަކު އަޅުގަނޑު..."

ޢާރިފީން އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ސާރާ. އަހަރެން މިކަމާ އިތުރު ވާހަކައެއް ނުދައްކާނަން. އަހަރެން ދެކޭ ގޮތުގައި ސާރާއަކީ އަހަރެންގެ ދަރިއެއް. މިއީ ޙައިދަރުގެ ގެއެއްކަން ޔަގީން. މިއީ ސާރާގެވެސް ގެ. މީގެ ކުރިންވެސް އަހަންނަކަށް ސާރާ ބުރައަކަށް ނުވޭ. ފަހުންވެސް ނުވާނެ. އަހަންނާއި ޞަބާއާ ދެމެދު އޮތް ގުޅުމާ މެދު ނުބައި ގޮތްގޮތަށް ނުވިސްނާ. އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވިން. ކޮންމެވެސް ސަބަބަކާ ހުރެ އެކީގައި ދިރި އުޅެވޭ ގޮތް ނުވުމަކީ މުޅީން އެހެން މައްސަލައެއް. އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތީއަކީ އެންމެ ގުޅުމެއް ނޫން. އަހަރެމެން ދެމީހުންނަކީ ވަރަށް ގާތް ދެ އެކުވެރިންވެސްމެ. އެހެންވީމާ ސާރާގެ މައްޗަށް އަހަރެންގެ ބާރު ހިނގާނެ. ހައްގުވެސް އެބައޮތް."

"އަޅުގަނޑު ކާފަގެ ގާތަށް ދާން ބޭބެ ދެކޮޅު ހައްދަވަނީ ކީއްވެގެންތޯ؟" ސާރާ އަހައިިއެވެ.

"އާއިލާގެ މީހުންގެ ގާތަށް ސާރާ ގޮސް އުޅުމާ ދެކޮޅު ހަދަނީ ސާރާގެ މަންމަ."

"މަންމަ ދެކޮޅު ހަދަނީ ކީއްވެގެންތޯ؟"

"މަންމަ ދެކޮޅު ހަދަނީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގޭ."

"އަޅުގަނޑަށް އެނގޭ. މަންމަ މީހަކާ އިނީ އާއިލާގެ މީހުނާ ދެކޮޅަށް. އެހެންވީމާ އެންމެން މަންމަ ދެކެ ރުޅި އައީ. އައި ރުޅީގައި އާއިލީ ގުޅުން ކަނޑައިލީ. މަންމައަށް ވިސްނިފައި އޮތް ގޮތުގައި އެމީހުން އަދިވެސް ތިބޭނީ އެ ރުޅީގައި. އެހެންވީމާ އެމީހުން ގާތަށް ފޮނުވިޔަސް އެމީހުން އަޅުގަނޑު ބަލައެއް ނުގަންނާނެ. އެކަމަކު އަޅުގަނޑު ދެކެނީ އެހެންނެއް ނޫން. މަންމަ މިހާރު ދުނިޔެއަކު ނެތް. އެހެންވީމާ އެމީހުންގެ ރުޅިވެސް މިހާރު މައިތިރި ވެދާނެ. އަޅުގަނޑު ބަލައިވެސް ގަންނާނެ. އެހެންނޫނީ އެމީހުނާ ވާހަކަ ދައްކައިގެން ރުޅިވެރިކަން ފިލުވައިލުމަކީވެސް އަޅުގަނޑަށް ކުރެވިދާނެ ކަމެއް. ކުރެވޭތޯ ބެލިދާނެ ކަމެއް."

އެ ވާހަކަ އިވިފައި ޢާރިފީން ވަރަށް ބޮޑަށް ހައިރާން ވިއެވެ. "ތިޔައީ ކާކު ދެއްކި ވާހަކައެއް؟"

"މީހަކު ދެއްކި ވާހަކައެއް ނޫން. އަޅުގަނޑު އަމިއްލައަށް ލަފާކުރިގޮތް. އަޅުގަނޑަކީ ކުޑަކުއްޖަކީމެއް ނޫން. ބޮޑު މީހަކީމު. އެހެންވީމާ ކަންތައްތައް ހިނގާ ގޮތް ވިސްނޭ."

"ހުރިހައި ކަމެއް އޮތީއަކީ ސާރާ ލަފާ ކުރާ ގޮތަކަށް ނޫން. ސާރާއަށް ވިސްނޭ ގޮތަކަށްވެސް ނޫން. ސާރާއަށް ނޭނގޭ ލައްކަ ކަންތައް އެބަހުރި. ގިނަ ކަންތައްތައް ލަފާ ކުރާ ގޮތް ރަނގަޅެއް ނޫން." ޢާރިފީން ވަރުބަލިކަން އެކުލެވިފައިވާ ރާގަކަށް ބުންޏެވެ.

"އެހެން ވެއްޖެއްޔާާ ބޭބެ އަޅުގަަނޑަށް ހަގީގަތް ކިޔުއްވައިދެއްވާ. އަޅުގަނޑު ލަފާ ކުރާ ގޮތް ނުބައީ ކޮން ކަމެއްގައިތޯ؟ މަންމަ އަޅުގަނޑަކަށް އެއްވެސް ވާހަކައެއް ކިޔައެއް ނުދޭ. ބޭބެއަށް ކިޔުއްވައި ދެއްވިދާނެ."

"ސާރާ. އަހަރެން ސާރާގެ ކާފަޔާ ގުޅާނަން. އެކަމަކު ހަނދާން ކުރާތި. އެމީހުން ގާތަށް ދިއުމަކީ ސާރާގެ މަންމަ އެއްގޮތަކަށްވެސް ރުހޭނޭ ކަމެއް ނޫން."

ސާރާ ހީކޮށްގެން ހުރި ގޮތާ ޚިލާފަށް ޢާރިފީން ޢައްބާސް އޭނާގެ އެދޭ ގޮތަށް ކަންތައް ކޮށްދޭން އެއްބަސް ވެއްޖެއެވެ. ޢާރިފީން އެހެން ބުނެފައި ތެދުވެގެން ދިގު ފިޔަވަޅުތަކެއް އަޅަމުން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ.

އެވާހަކައިގައި ޙައިދަރު ބައިވެރިއެއް ނުވެއެވެ. ޝައުގުވެރިކަމާއެކު ވާހަކަ އަޑުއަހަން އިނީއެވެ. ސާރާ ކަންތައް ކުރި ގޮތުން ލިބުނު ސިހުމަކުން އޭނާއަކަށް އަދިވެސް އަރައެއް ނުގަނެވެއެވެ.

ޢަރިފީން ދިޔައީމާ ޙައިދަރުވެސް ތެދުވެގެން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ސާރާ ވަރަށް ގިނަ އިރު ވާންދެން އެތާނގައި އިނެވެ.

* * *

ލޯ ހުޅުވައިލެވުމާއެކު ތަދާއި ވޭނުގެ ރާޅެއް އޭނާގެ ހަށިގަނޑުގައި ހިލިގަތެވެ. ކޮޓަރިތެރެ އޮތީ އަނދިރިވެފައެވެ. ދުރުން ދޫނި ގޮވާ އަޑު އިވެއެވެ. އޭނާ އޮތީ ބިންމަތީގައި އޮށޯވެގެންނެވެ. މަޑުން މަޑުން ތެދުވެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ބޮލުގައި ރިއްސާ ވަރުން ކުޅަދާނަ ވާވަރެއް ނޫނެވެ. އެތައް މަސައްކަތަކުން ތެދުވެ އިށީނދެއްޖެއެވެ. އަދި ފާރަށް ލެނގިލުމަށް ފަހު ބޮލުގެ ފުއްކިބަ ފާރުގައި ޖައްސައިލިއެވެ. ރޭގެ ހާދިސާ ބިރުވެރި ހުވަފެނެއް ފަދައިން އޭނާގެ ކުރިމަތީގައި ސިފަވަމުން ދެއެވެ. ހިނގި ކަންތައްތައް ހަނދާނަށް ގެންނާން އޭނާ މަސައްކަތް ކުރިއެވެ.

އެތައް އިރަކު އޭނާގެ ގައިގައި ތެޅުމަށް ފަހު ބޮޑުބޭބެ ހިނގައްޖެއެވެ. އޭގެ ފަހުން އެއްވެފައި ތިބި މީހުންވެސް އެކި ދިމަދިމާއަށް ގޮސް ނިމުނީމާ އޭނާ ދަތި ހާލެއްގައި އުޅެގެން އޭނާގެ ގެޔާ ހަމައަށް އަތުވެއްޖެއެވެ.

ގޭގެ މައި ދޮރު ހުރީ ހުޅުވައިފައެވެ. ކޮޓަރިއެއްގެ ތެރެއިން އިވެނީ މަންމައާއި އަޤްޞާ ރޯ އަޑާއި ޢަޒީމް ވާހަކަދައްކާ އަޑެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ އައިކަން މަންމައަށް އެނގުނު ގޮތެއް ނޭނގެއެވެ. ކުއްލިއަކަށް ފެނުނީ މަންމަ އައިސް ކޮޓަރިއަށް ވަން ތަނެވެ.

"އަބުރު ވިއްކައި ކާލައިގެން މިގެއަށް އައީ ކީއްކުރަން؟ ކަލޭ ދާނެ ތަނަކަށް ދޭ. ކޮންމެވެސް ތަނަކަށް ގޮސް ދަން ޖެހޭ." މަންމަ ހަޅޭއް ލަވައިގަތެވެ.

"އަހަރެން އަބުރު ވިއްކައެއް ނުލަން. މަންމަމެން އެންމެން ވެގެން އަހަރެންގެ އަބުރު ނަގައިލީ. ޢާރިފީން އެނބުރި އަންނަންދެން ބަލަން ތިބޭ. ދޮގު ހަދަނީ ކާކުކަން ތެދު ބުނަނީ ކާކުކަން އެނގިދާނެ."

"އާނ. ޢާރިފީންވެސް އަންނާނެ. އޭނާ އައިސް ކަލޭގެ މޫނަށް ކުޅު ޖަހާނެ. ވަރީގެ ސެޓުފިކެޓު ކަލޭގެ މޫނުމައްޗަށް ޖަހާނެ. ޞަބާ. ކަލޭ ތިޔައީ އަހަރެންގެ ގޭގައި ގެންގުޅެވުނު ހަރުފައެއް. ވިހަގަދަ މީހެއް. ވިހެއި ދުވަހު ކަލޭގެ ކަރުގައި ހިފައި މަރައިނުލެވުނީ އަހަރެންގެ މޮޔަކަމުން."

"މަންމާ. މިރޭ މަންމަ އަހަރެންގެ ކަރުގައި ހިފައި މަރާލައިފީމު. އިރުކޮޅެއް ކުރިން އެންމެން ވެގެން އަހަރެން ކަތިލައިފީމު. މިހާރު މަންމަ ތިޔަ ދެރަ ވަނީ އިތުރަށް ކޮން ކަމެއް ނުކުރެވިގެން؟"

"ލަދު ހަޔާތް ކުޑަކަން ނިކަން ދެކިބަލަ. އަދިވެސް ތިޔަ އުޅެނީ މާސޫމު މީހަކަށް ހެދެން ވެގެން. މިހާރުވެސް ތިޔަ އިންކާރު ކުރަނީ. އަހަންނަށް ކުރެވޭނޭ ކަމެއް ނަމަ އެންމެންގެ ކުރިމަތީގައި މަގުމަތީގައި ކަލޭ މަރައިލީމުސް. ކަލޭ އަމިއްލައަށް މި ދުނިޔޭގައި އަބުރު ކަތިލީ. އަންނާން އޮތް ދުނިޔޭގައި ﷲ ކަލޭގެ އަބުރު ކަތިލައްވާނެ. ޞަބާ. ކަލޭގެ ކުރިމަތީގައި އޮތީ ނިކަމެތިކަމާއި އަގުވެއްޓުން."

"މަންމާ. ތެޅުމާއި މެރުމުގެ ކަންތައް މި ހިސާބުން ނިމުނީ. މަންމަމެނަށް ކުރެވެން އޮތް ކަމެއް ކޮށް ނިމިއްޖެ. އަހަރެންގެ އަގު ވެއްޓެން އޮތް ވަރަކަށް ވެއްޓިއްޖެ. ދެން އޮތީ އެހެން މީހުންގެ އަގު ވެއްޓުން. އަހަރެންގެ ބޮލުގައި ރޯބުހުތާނު ތުހުމަތު އެޅުވި މީހުންގެ އަގު ވެއްޓުން. މަންމަމެންގެ އަގު ވެއްޓުން."

"ދޮގު ހަދާނީ ކިހައި ވަރަކަށް؟ ޞަބާ. ކަލޭ ދޮގު ހަދާނީ ކިހައި ވަރަަކަށް؟ ކަލެޔާ ޢާދިލާ ދެމީހުން ކޮޓަރިން ނުކުންނަނިކޮށް އެންމެން ދުށް. އެކަމަކު އަދިވެސް ތިޔަ ބުނަނީ އެއީ ދޮގެކޭ."

"އާނ. އެންމެން ދުށް. މަންމަމެން ތިޔަ ބުނާ ކަމެއް ﷲ ދެކެވޮޑިގެންނެއް ނުވޭ. މަންމަމެނަށް ފެނުމާއި ނުފެނުމަކީ އެހައި މުހިއްމު ކަމެއް ނޫން. ބަޔަކަށް ފެނުނަސް ނުފެނުނަސް އަހަންނަށް ހެޔޮ." އޭނާ ހަޅޭއް ލަވައިގަތެވެ.

އަޤްޞާ އައިސް މަންމަ ގޮވައިގެން ހިނގައްޖެއެވެ. އޭގެ ފަހަކުން އެ ކޮޓަރިއަކަށް މީހަކު ނުވަދެއެވެ. އޭނާއަށް ނިދުނީ ކޮން އިރަކު ކަމެއް ހަނދާނެއް ނެތެވެ. ލޯ ހުޅުވައިލެވުނުއިރު އިރު ފަތިސް ވެއްޖެއެވެ. ކޮޓަރިތެރެ އޮތީ އަނދިރިކޮށެވެ. ދޮރުފޮތިކަހައިލައިގެން ކޮޓަރި ތެރެ އަލި ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. މިހާރު އޭނާ އިންތިޒާރު ކުރަނީ ޢާރިފީން އަންނާނޭ ވަގުތަކަށެވެ. އޭނާގެ ދިރިއުޅުމުގެ މި މުހިއްމު މައްސަލައިގެ ފައިސަލާ ކުރެވޭނޭ ހަމައެކަނި މީހަކީ އެއީއެވެ. ޢާރިފީން އޭނާާއަށް އިތުބާރު ކުރާނެއެވެ. ކުށްވެރިއަކީ އޭނާ ކަމަކަށް ގަބޫލެއް ނުކުރާނެއެވެ. އޭނާއަށް އެކަން ޔަގީނެވެ.

ޢާރިފީން އެނބުރި އައީ އެ ދުވަހުގެ ހަވީރުއެވެ. އޭނާ އަންނަކަން ބޮޑުދައިތައަށް އޮތީ ކުރީން އެނގިފައެވެ. އެހެންވީމާ އިނީ ދައްކާނޭ ވާހަކަ ތައްޔާރު ކޮށްގެންނެވެ. ޢާރިފީން ފެނުމާއެކު ރޯން ފަށައިފިއެވެ. ރޮމުން، ގިސްލަމުން ވާހަކަ ދައްކަމުން ގެންދިޔައެވެ. އެރޭގެ ވާހަކަތައް އޭނާ ބޭނުންވާ ގޮތަށް ކިޔައިދީ ނިންމައިފިއެވެ. ޢާރިފީން އަކަށް އެ ވާހަކަތަކެއް ގަބޫލެއް ނުކުރެވުނެވެ. އެރޭ ދިޔަ ގޮތަކަށް ޢާދިލްގެ ޚަބަރެއް ނުވެއެވެ. ވީ ތަނެއް އެކަކަށްވެސް ނޭނގެއެވެ. ހުރިހައި ހެއްކެއް ހުރީ ޞަބާއާ ދެކޮޅަށެވެ. އެކަމަކު އޭނާ ބޭނުން ވަނީ ސީދާ ޞަބާ ގާތުން އަހާށެވެ. މަންމަގެ ވާހަކަ ނިމުމާއެކު ޢާރިފީން ހިނގައިގަތީ ޞަބާގެ ގެޔާ ދިމާއަށެވެ. ޞަބާއަށް ޢާރިފީން ފެނުމާއެކު ރޮއިގެންފިއެވެ. ޢާރިފީންގެ ހިތް ކުދިކުދި ނުވީ ކިރިޔާއެވެ. އެކަމަކު އޭނާ ކުރާން ބޭނުންވާ ސުވާލު ގުޅެނީ ހިތަކާ ނޫނެވެ.

"ޞަބާ. ޞަބާ ކުރި ކަމެއް އަހަންނަށް ރަނގަޅަށް ކިޔައިދީ." އޭނާގެ އަޑުގައި ހުރީ ބިރުވެރިކަމެވެ.

"ޢާރިފީން. އަހަރެން އެއްވެސް ކަމެއް ނުކުރަން. ގަބޫލު ކުރޭ. އަހަރެން ހަމަ އެއްވެސް ކަމެއް ނުކުރަން. އެބުނާ ކަހަލަ ކަމެއް އަހަރެން ކޮށްފާނެ ކަމަށް ޢާރިފީން ގަބޫލު ކުރަންތަ؟ އަހަރެން ބޭވަފާތެރި ވެދާނެ ކަމަށް ގަބޫލު ކުރަންތަ؟"

"އެކަމަކު އެންމެން އެ ބުނަނީ..."

"އެންމެން އެ ހަދަނީ ދޮގު." އޭނާ ޢާރިފީންގެ ވާހަކަ މެދުކަނޑައިލިއެވެ.

"ލޮލަށް ފެންނަ މަންޒަރުވެސް ދޮގަކަށް ވެދާނެތަ؟"

"ލޮލަކަށް އެކައްޗެއްވެސް ނުފެންނާނެ. ލޮލުން ދައްކައިދެނީ އަހަރެމެންގެ ސިކުނޑިއާއި ހިތް ބޭނުންވާ މަންޒަރެއް."

"ޞަބާ. މިއަދުޞަބާގެ ފަލްސަފާގެ ވާހަކަ ބާއްވާ. މިއަދު އަހަންނަށް އެނގޭ ކަހަލަ ބަހުރުވައަކުން ވާހަކަ ދައްކާ. އަހަންނަށް ޔަގީން ކުރެވޭ ކަހަލަ ވާހަކަ ދައްކާ. ޞަބާ އެއްވެސް ކަތި ފިޔަވަޅެއް ނާޅާކަން އަހަންނަށް ކަށަވަރުވާ ކަހަލަ ވާހަކަ ދައްކާ."

ޞަބާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މިއީ މީގެ ދިހަ ދުވަސް ކުރީން އޭނާއަށް ފެނުނު ޢާރިފީން އެއް ނޫނެވެ. ޢާރިފީން އެ އައީ އޭނާގެ ފަޅިއަށް އަރާކަށް ނޫނެވެ. އޭނާގެ ކުށެއް ނެތް ކަމުގެ ހެކި ހޯދާށެވެ. އޭނާ އެރޭގެ ހުރިހައި ވާހަކައެއް ފިލިން ފިއްޔަށް ކިޔައި ދީފިއެވެ. އެ ވަގުތު ޢާރިފީންގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުން އެންމެ ފަހުގެ ކުޅިގަނޑުންވެސް އޭނާ ބަލިވެއްޖެކަން ޔަގީން ވެއްޖެއެވެ.

"ޞަބާ ތިޔަ ބުނަނީ މި ހުރިހައި ކަމެއް ކުރީ އަހަރެންގެ މަންމައޭތަ؟" އޭނާގެ ވާހަކަ ނިމުނީމާ ޢާރިފީން އަހައިލިއެވެ.

ޞަބާ އަނގަޔަކުން ނުބުންޏެވެ. އެއީ ސުވާލެއް ނޫންކަން އޭނާއަށް އެނގެއެވެ.

"ޞަބާއާއި ޢާދިލާ ދެމީހުންގެ ކުށެއް ނެތިއްޔާ... ހުރިހައި ކަމެއް ކުރީ މަންމަ ކަމަށް ވަންޏާ... ޢާދިލް ދުވެ ފިލީ ކީއްވެގެން؟ އޭނާ ދިޔައީ ކޮން ތަނަކަށް؟ އެނބުރި ނައީ ކީއްވެގެން؟ ތިމާގެ ކުށެއް ނެތްކަން ދައްކަން ނައީ ކީއްވެގެން؟" ޢާރިފީން ހަޅޭއް ލަވައިގަތެވެ.

ޞަބާ އިރުކޮޅަކު ހިމޭނުން ހުރުމަށް ފަހުން ވާހަކަ ދައްކަން ފެށިއެވެ. "އެހެންވީމާ ޢާރިފީންވެސް މިހާރު ތިޔަ ގަބޫލު ކުރަނީ..."

ޢާރިފީން އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އަހަރެން ވަކި ގޮތަކަށް ގަބޫލު ކުރަނީއެއް ނޫން. އެކަމަކު ޞަބާގެ ކުށެއް ނެތް ކަމުގެ ހެއްކެއް ދައްކަބަލަ. މިއީ މަންމަގެ ނުބައި ރޭވުމެއް ކަމުގެ ހެކި އަހަންނަށް ދައްކަބަލަ. ޢާދިލާއި ޞަބާއާ ދެމެދު ނަހަމަ ގުޅުމެއް ނެތް ކަމުގެ ހެކި..." އޭނާ ވާހަކަ ނުނިންމައި ބޮލުގައި ދެ އަތުން ހިފަހައްޓައިގެން ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

"އަހަރެން ދައްކާނޭ އެއްވެސް ހެއްކެއް ނެތް. އެއްވެސް ކަމެއްގެ ހެއްކެއް އަހަރެންގެ އަތަކު ނެތް. އެކަމަކުވެސް އަހަރެން މި ބުނަނީ އަހަރެންގެ ކުށެއް ނެތޭ. އަހަރެން ފާފައެއް ނުކުރަމޭ. ﷲ ދެނެވޮޑިގެން ވާނެ. ޢާރިފީން ﷲ އާ ސުވާލު ކުރޭ." ޞަބާވެސް ހަޅޭއް ލަވައިގަތެވެ.

(ނުނިމޭ)

7 ޚިޔާލު

  1. ހާދަ ދެރައޭ.މީ ހަމަ އަސްލު ހަގީގީ ދިރިއުޅުމުގައި ވެސް ކަންކަން ހިނގާ މަގު..ތިމަންނަ ބޭނުންވާގޮތް ލިބިގަތުމަށްޓަކާ އަނެކާގެ މުޅި ޙަޔާތް ބަރުބާދު ކޮށްލަފާނެ.ރޮވިއްޖެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.