އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފިއެވެ. އަންނަން އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރ މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓާ ބެހޭ ގޮތުން މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ މި ބަޖެޓުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހިމަނާފައިވާނެ ކަމަށެވެ. އަދި މި ބަޖެޓު ވެގެންދާނީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދޭ ބަޖެޓަކަށް ކަމަށްވެސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ސަރުކާރުގެ ސިޔާސަތުތައް ހިމަނައި ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ރިޔާސީ ވަޢުދުތަކާއި މެނިފެސްޓޯ ތަންފީޒު ކުރުމަށް ބޭނުންވާ ފައިސާ ވެސް ހިމަނާފައިވާނެ ކަމށް ވިދާޅުވިއެވެ. ޕީއެސްއައިޕީ ޕްރޮގްރާމްތައް ހިންގަން 10.2 ބިލިއަން ރުފިޔާ މި ފަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ. މި ބަޖެޓުގައިވެސް އެންމެ ބޮޑަށް އިސްކަން ދީފައިވަނީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށެވެ. މި ޖެޓުން ދައްކާ ގޮތުގައި އަންނަ އަހަރު ރާއްޖޭގައި 900 އަށްވުރެ ގިނަ މަޝްރޫއު ހިންގާނެވެ.
ބަޖެޓްގެ މުހިއްމު ބައިތައް:
ޖުމްލަ ބަޖެޓް: 37.5 ބިލިއަން ރުފިޔާ
ރިކަރެންޓް ޚަރަދު: 22.2 ބިލިއަން ރުފިޔާ
ޕީއެސްއައިޕީ: 10.2 ބިލިއަން ރުފިޔާ
ކެޕިޓަލް: 5.1 ބިލިއަން ރުފިޔާ
އާމްދަނީ: 29.9 ބިލިއަން ރުފިޔާ
ޑެފިސިޓް: 5.7 ބިލިއަން ރުފިޔާ
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހަށަހެޅި ފުރަތަމަ ބަޖެޓެވެ. އަންނަ އަހަރަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ 29.92 ބިލިއަން ރުފިޔާ އެވެ. ބަޖެޓު ޑެފިސިޓުގެ ގޮތުގައި ލަފާކޮށްފައިވަނީ 5.7 ބިލިއަން ރުފިޔާއެވެ.
އާމްދަނީ އިތުރު ކުރުމަށް އަންނައަހަރު ފަސް ކަމެއް މުޅިން އަލަށް ކުރަން ބެޖެޓުގައި ހިމަނާފައިވެއެވެ. އެކަންކަމުގެ ސަބަބުން 2.5 ބިލިއަން ރުފިޔާ ބަޖެޓަށް އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އޭގެތެރޭގައި ބިދޭސީންގެ ކޯޓާ ފީއެއް ތައާރަފުކުރުމާއި ވޯކް ޕާމިޓް ފީ ތައާރަފް ކޮށްގެން 714 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރ ވަނީ ލަފާކުރައްވައިފައެވެ. އިންކަމް ޓެކްސް ތައާރަފު ކޮށްގެން 706 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އައު ރިސޯޓްތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 290 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައިވެއެވެ. އޭގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަށް ގެންނަ ބަދަލުތަކުގެ ސަބަބުން ދައުލަތަށް 319 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ކަސްޓަމްސް ފީތަކާއި އިމްޕޯޓް ޑިއުޓީ އަށް ބަދަލުގެނެސްގެން 558 މިލިއަން ރުފިޔާ އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.