ޝަހީދު ހުސައިން އާދަމްގެ ޤުރުބާނީން ތަޖްރީބާ ލިބިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް އިލްތިމާސް ކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ޝަހީދު ހުސައިން އާދަމްގެ ޤުރުބާނީން ތަޖްރީބާ ލިބިގަތުމަށް، ޒުވާނުންނަށް ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުﷲ ޝަމާލް އިލްތިމާސް ކުރައްވައިފި އެވެ. ޗީފް އޮފް ޑިފެންސް ފޯސް މިކަމަށް އިލްތިމާސް ކުރެއްވީ ޓެލެވިޒަން މޯލްޑިވްސް އިން ނަސްރުގެ ދުވަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ނޮވެމްބަރ ތިނެއްގެ ނިރުބަވެރި ހަމަލާ ޗީފް އޮފް ޑިފެންސް ފޯސް ސިފަ ކުރެއްވީ ސިއްސުވާލި ވަރަށް ކުއްލިގޮތަކަށް އައި ވަރަށް ބޮޑު ހަމަލާއެއްގޮތަށެވެ. ނަމަވެސް ސިފައިން ހިތްވަރާއެކު އެ ހަމަލާއަށް ކުރިމަތިލި ކުރިމަތިލެއްވުން ފާހަގަ ކުރެއްވިއެވެ. ސިފައިންގެއިން ރައްދު ހަމަލާދިނުމަކީ، ނިރުބަވެރިންނަށް މަޢުލޫމާތު ލިބިފައިވާ ގޮތް ނޫންކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ. ނިރުބަވެރިންނަށް ޤައުމީ ދިފާޢުގެ މައި މަރުކަޒަށް ވަދެވުނުނަމަ ރާއްޖޭގެ "ދުވަސް ދިޔައީސް" ކަމަށް ސަމާލު ވިދާޅުވިއެވެ.

އެހަމަލާއަށް ސިފައިން އެތެރެއިން ތައްޔާރުވުމަށް ފުރުޞަތު ލިބިގެން ދިޔައީ ޝަހީދު ޙުޞައިން އާދަމްގެ ރައްދު ޙަމާލާތަކުގެ ސަބަބުން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ. އޭނާ ޝަހީދު ވަންދެން ވެސް ކެނޑިނޭޅި ދިޔައީ ނިރުބަވެރިންނަށް ހަމަލާ ދެމުންކަން ފާހަގަ ކުރެއްވިއެވެ. އިތުރަށް ވަޒަން ދިނުމަށް އޭނާ ގޮވާލަމުން ދިޔަނަމަވެސް ގޭޓްކައިރީގައި ފޯރިމަރަން ހުންނަ ތަނަކީ އެތެރެއިން ވަދެވޭގޮތަށް ހެދިފައިވާ ތަނަކަށް ނުވުމުން ވަޒަން ފޯރުކޮށް ނުދެވުނު ކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ.

ނޮވެމްބަރ ތިނެއްގެ ހަމަލާފަދަ ކުއްލި ގޮތަކަށް ދެވޭ ހަމަލާތަކުގައި ހަނގުރާމަ ވަކިކޮޅަކަށް ފުރޮޅުމަށް ނަގާނީ ކުޑަ ވަގުތުކޮޅެއް ކަމަށެވެ. ހަނގުރާމަ ވަކިކޮޅަކަށް ފުރޮޅެން ދިމާވީ ސިފައިން ރައްދުގައި ދެމުންދިޔަ ވަރުގަދަ ހަމަލާތައްކަމަށް ވަރަށް ފަޚުރުވެރިކަމާއެކު ފާހަގަ ކުރައްވާކަމަށް ޝަމާލު ވިދާޅުވިއެވެ. ސިފައިންގެ މައި މަރުކަޒަށް އެކި ގޮތްގޮތުން ވަނުމަށް ނިރުބަވެރިން މަސައްކަތް ކުރިކަން ޝަމާލް ފާހަގަ ކުރެއްވިއެވެ.

ނޮވޮމްބަރު ތިނެއްގައި ދިވެހި ސިފައިން ދެއްކި ހިތްވަރާއި ޢަޒުމް ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ. އަދި އެދުވަހު ޝަހީދުވެގެން ދިޔަ ޤައުމީ ބަޠަލުންނަށްޓަކައި ފަޚުރުވެރިވެ ވަޑައިގަންނަވާކަމަށް ވިއެއެވެ. ޚާއްޞަ ގޮތެއްގައި ޙުޞައިން އާދަމްގެ އާދަޔާ ޚިލާފު ޤުރުބާނީ ފާހަގަކުރެއްވިއެވެ.

ޝަހީދު ޙުސައިން އާދަމް އާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށާއި އޭނާ ފާހަގަ ކުރެއްވެނީ ވަރަށް ޕްރޮފެޝަނަލް ސިފައިންގެ މީހެއްގެ ގޮތުގައި ކަމަށް ޝަމާލް ވިދާޅުވިއެވެ. އެއަޕޯޓުގައި ޙުސައިން އާދަމްއާއެކު މަސައްކަތް ކުރަމުން ދިޔައިރު ދެ ގަޑިން ދެ ގަޑިން ޑިއުޓީމަރަމުންދިޔަ ވަރަށް އަޚްލާޤް ރަނގަޅު ސިފައިންގެ މީހެއްގެ ގޮތުގައި ޙުޞައިން އާދަމް ފާހަގަކުރެއްވޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ޝަހީދު ހުޞައިން އާދަމަކީ ބޯޓު ދަތުރުކުރަން ދާން ބޭނުންވި ޒުވާނެއް ނަމަވެސް ސިފައިންގެއަށް ވަދެ އޭނާ އިސްކުރެއްވީ ޤައުމަށް ޚިދުމަތްކުރެއްވުން ކަން ޝަމާލު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ޝަހީދު ޙުޞައިން އާދަމް ޤުރުބާނީ ތަޖުރިބާ ލިބިގަތުމަށް ދިވެހި ޒުވާނުންނަށް ޗީފް އޮފް ޑިފެންސް ފޯސް އިލްތިމާސް ކުރެއްވިއެވެ. ނޮވެމްބަރ ތިނެއްގައި ދިވެހި ރައްޔިތުން ދެއްކެވި އެއްބައިވަންތަ ކަމުގެ ނަމޫނާވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ދިވެހިންނަކީ ދިމާވާ ކޮންމެ ކަމެއްގައި ވެސް ޤައުމީ މަސްލަޙަތު ކުރިއަށް ނެރެގެން މަސައްކަތްކުރާ ބަޔަކަށް ވާނެޖެހޭކަން ފާހަގަކުރެއްވިއެވެ.

ނޮވެމްބަރ ތިނެއްގެ ޙަމަލާގައި ރަހީނުންނާއެކު ނިރުބަވެރިން ފިލަން އުޅެނިކޮށް އެމީހުން އަތުލައިގަނެގެން ރާއްޖެ ގެނައުމުގައި އިންޑިޔާއިން ލިބިގެން ދިޔަ އެހީތެރިކަންވެސް ޗީފް އޮފް ޑިފެންސް ފޯސް ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.