ބިދޭސީންގެ މައްސަލައަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ކަނޑައަޅައިފި

ބިދޭސީންގެ މައްސަލައަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ދާދި ފަހުން ކަނަޑައަޅައިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ބައްދަލުވުމުގައި  ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.

"ދާދި ފަހުން ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބައްދަލުކޮށްފައި މިކަމަކީ (ބިދޭސީންގެ މައްސަލައަކީ) ރާއްޖޭގެ ނެޝަނަލް ސެކިއުރިޓީއަށް އޮތް ނުރައްކަލެއްކަމަށް ވަނީ ކަނޑައަޅައިފައި."  ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވިދާޅުވިއެވެ.

ނެޝަނަލް ސެކިއުރިޓީ ކައުންސިލުގެ މިނިންމުމާ ގުޅިގެން އިތުރު ފާސްޓް ޓްރެކެއްގެ (ހަލުއިމިނެއްގެ) ދަށުން ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް މަޝްވަރާ ކުރައްވައިފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. ބިދޭސީންގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ މީހުންނާއި އެނޫން މީހުންނާމެދު ކަންތައް ކުރާނީ ކިހިނެއްތޯވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވީ 250،000  ބިދޭސީން ރާއްޖޭގައި އުޅޭއިރު 179،954 އެއްހާ ބިދޭސީން ރަޖިސްޓްރީވެގެން އުޅޭކަމަށެވެ. ޤަވާޢިދާ ޚިލާފަށް 66،000 ބިދޭސީން އުޅޭކަމަށެވެ. މި ތަފާސް ހިސާބުތަކަކީ ޤައުމީ ދިފާޢީ ބާރަށް ލަފާދޭ މަޖިލީހުގެ ތެރެއިން ކޮމެޓީއެއް ނަގައިގެން ހެދި ސްޓަޑީއަކުން ހޯއްދަވައިފައިވާ މަޢުލޫމާތު ކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ޤައުމީ ސަލާމަތަށް ނުރައްކަލަކަށް ވަނީ ރެގިއުލޭޓް ނުކުރެވި ރާއްޖޭގެ ބޯޑަރުތަކުން އެމީހުން ރާއްޖެއަށް ވަދެ  އިސްތިއުމާރީ ބާރަކުން ރާއްޖެ ހިފާފައިވާ ފަދަ ގޮތަކަށް، އެމީހުންގެ ޢަމަލުތަކުގެ މަންޒަރު ފެންނާތީ ކަމަށް މޭޖަރ ޖެނެރަލް ޝަމާލް ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ކަމަކަށް ބިދޭސީންގެ ނުފޫޒު ވަންނަމުންދާ ކަމަށްވެސް ޝަމާލު ފާހަގަ ކުރެއްވިއެވެ. ދިވެހިންނާ ކައިވެނި ކުރުމާއި ކުށްތަކަށް އަރައިގަތުމާއި ފުލުހުންނާވެސް އެންމެފަހުން ކުރިމަތި ލައިފައިވާކަން ޝަމާލު ފާހަގަ ކުރެއްވިއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ މީހުންކަމަށްވުމުން އެފަދަ މީހުންގެ މައްޗަށް ޤާނޫނެއް ޤަވާއިދެއްވެސް ނުހިންގޭ ކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ.  

"ޤައުމެއްގެ މިނިވަން ކަމަށް ބުރޫ އަރާ ހިސާބަށް މިއޮތީ ގޮސްފައި. އަޅުގަނޑުމެންގެ ޔޫތު ޕޮޕިލޭޝަނަށްވުރެ ގިނަ މިމީހުންގެ (ބިދޭސީންގެ) ޢަދަދު " ޝަމާލު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލައަކީ ޤައުމީ ސަލާމަތައް ހުރި ނުރައްކަލަކަށް ވެދާނެ ކަމަށް ޤައުމީ ދިފާޢީ ބާރުން ވަރަށް ކުރިންވެސް ފާހަގަ ކުރައްވައުފައި ވާނެކަމަށް ޝަމާލު ވިދާޅުވިއެވެ. ނަމަވެސް މިއަދު އޮތް ހިސާބަށް މައްސަލައައިސްފައިވަނި އެކަމަށް ސަމާލުކަމެއް ނުދެވި ފިޔަވަޅުތަކެއް އެޅިފައި ނުވާތީ ކަމަށް ފާހަގަ ކުރެއްވިއެވެ. ޤައުމީ ސަލާމަތީ ނަޒަރަކުން ބައްލަވާނަމަ މުޅި ދައުލަތް އެކީގައި މަސައްކަތް ކޮށްގެން ނޫނީ އެމައްސަލަ ޙައްލު ކުރެވެން ނެތްކަމަށް ޝަމާލު ފާހަގަ ކުރެއްވިއެވެ.

ޝަމާލު ފާހަގަ ކުރެއްވި ގޮތުގައި މަޝްހޫރު ބޮޑެތި ކުންފުނިތަކުގައިވެސް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދަނީ  މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓްތަކަށް ވަނީ ކުރިއަށް އޮތް ހައެއްކަ އަހަރަށް ބޭނުންވާ ވަރަށް ރާއްޖެއަށް މީހުން އެތެރެވެފައިކަމަށް ޝަމާލު ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.