ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފަސް އަހަރާމެދު މާޔޫސް ވެއްޖެ ކަމަށް ރާއްޖޭގެ ކުރީގެ ހޯމް މިމިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އާފަތިހަށް މަޢުލޫމާތު ދެއްވަމުން ޢުމަރު ވިދާޅުވީ އެ މާޔޫސްކަން އައީ ކޮރަޕްޓް މީހުންނަށް ސަރުކާރުގެ މަތީ މަޤާމްތައް ދެއްވަން ފެއްޓެވުމުން ކަމަށެވެ.
"މިސަރުކާރު ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނާއި އަނިޔާވެރިކަން ނައްތާލައި ނަޒާޙަތްތެރިކަން ހިފަހައްޓަވާނެ ކަމަށް ވިދާޅުވެ ވަކާލާތު ކުރައްވަމުން. އެހެންނަމަވެސް ފެށުމުގައި ވެސް އެކަމެއް ނުފެނުނު،" ޢުމަރު ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކޮރަޕްޓް މީހުންނަށް ޖާގަ ނުދެއްވާނެ ކަމަށް ހީކުރެއްވި ކަމަށާއި އެހެންނަމަވެސް އެހީކުރުން މިހާރުވަނީ ކުށްހީއަކަށް ބަދަލުވެފައި ކަމަށެވެ.
ކޮރަޕްޝަން ނައްތާލައްވައި ނަޒާޙަތްތެރިކަން ނަގަހައްޓަވަން ނިކުންނަވާ ލީޑަރެއްނަމަ ކޮރަޕްޝަނަށް ސީދާ ނޫނެކޭ ވިދާޅުވާން ކެރިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާއިރު "ކަނާތުން ވައަތް ކަނޑާލަންޖެހޭ" ވަގުތު އަންނާނެ ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.
"މިސަރުކާރުގެ ފެށުން އައީ މިޤައުމުގައި ނަޒާޙަތްތެރިކަން ގެއްލިފައިތިބި ބަޔަކު ކެބިނެޓުގައި ބައިތިއްބައިގެން. އެހެންވީމާ އުފެދޭ ސުވާލަކީ ކޮރަޕްޝަނަށް ފައިޓް ކުރެވިދާނެ ހެއްޔޭ؟ މިއީ އަޅުގަނޑުގެ ނުކުތާއަކީ. މިދައްކަނީ އެންމެ މީހެއްގެ ވާހަކައެއްނޫން. މިދައްކަނީ އެކަކަށްވުރެ ގިނަ މީހުންގެ ވާހަކަ. އެހެނިހެން ސަރުކާރުތަކުގައި ވެސް އެފެންވަރުގެ މަޤާމްތަކުގައިތިބެ ނާޖާއިޒު ފައިދާ ނަގައިފައިތިބި މީސްމީހުން ވެސް މީގައި އެބަހިމެނޭ،" ޢުމަރު ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވީ ކޮރަޕްޓް ބޭފުޅުން ވަޒީރުންގެ މަޤާމަށް ވަޑައިގަންނަވަން އުޅުއްވުމުން ނޫނެކޭ ވިދާޅުވެވޭ ވަރުގެ ބުރަދަން ލީޑަރުގެ ބައިބަދައިގައި ހުންނަންވާނެ ކަމަށެވެ.