ޖޭޕީގެ ކުރިއެރުމަށް މަސައްކަތް ކުރަނީ ސަރުކާރަށް ދަތިނުވާގޮތަށް: ސައުދު

އަޙުމަދު ސައުދު ރައީސް އިބްރާހީމާއެކު

ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ކުރިއެރުމަށް އެޕާޓީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް އެޕާޓީގެ ނާއިބު ރައީސް އަޙުމަދު ސައުދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ކުރިއެރުމަށް މަސައްކަތް ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް އޭގެ އެއްވެސްބުރައެއް ނުވަތަ ގެއްލުމެއް ނުވާގޮތަށް ކަމަށެވެ. "ޖޭޕީ ލީޑަރު ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދުގެ ސަރުކާރަށް ފުރިހަމައަށް ތާއިދުކޮށް އެއްބާރުލެއްވުން ދެވާނެ ކަމަށް. އަދިވެސް މިޕާޓީ މިއޮތީ އެގޮތުގައި،" ސައުދު ވިދާޅުވިއެވެ.

ޖޭޕީގެ ވަރުގަދަ ކުރުމަށް އެޕާޓީން މިހާރު ކުރަމުންދާ މަސައްކަތަކީ ގުރާސްރޫޓު ވަރުގަދަ ކުރުމަށްޓަކައި ޕާޓީގެ މެމްބަރުންގެ ޢަދަދު އިތުރު ކުރުމަށް މަސައްކަތް ކުރުމެވެ. އެގޮތުން އެޕޓީއަށް މިހާރުގެންދަނީ ދޭތެރެދޭތެރެއިން މީހުން ސޮއިކުރަމުންނެވެ. އެމީހުން ސޮއިކުރުމުގެ ރަސްމިއްޔާތު އާންމުކޮށް ވީޓީވިން ދައްކަމުން ގެންދެއެވެ.

ޕާޓީ ވަރުގަދަ ކުރުމުގެ ގޮތުން ގަވާއިދަށް އިސްލާހު ގެނެސް މިހާރުވަނީ އެއްރަށެއްގައި ދެ ގޮތްޕަށްވުރެ ގިނަ ގޮފިވެސް ހެދޭގޮތް ހަދައިފައެވެ. ސައުދު ވިދާޅުވީ ޕާޓީގެ ކުރިމަގު ފެންނަމުންދަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

ޖޭޕީއަކީ މިހާރު އެކުލަވާލައިފައިވާ ކޯލިޝަން ސަރުކާރުގެ އެންމެ އިސް އެއްބައިވެރިޔާއެވެ. ކޯލިޝަން އިތުރަށް ވަރުގަދަކޮށް ދަމަހައްތަން މަސައްކަތް ކުރާނެ ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.