ޓްރާންސްޕޯޓު މިނިސްޓްރީގެ މުވައްޒަފުންތަކެއް ނުޙައްގުން ވަޒީފާއިން ވަކިކުރަން މިނިސްޓަރ ޢާއިޝަތު ނަހުލާ އުޅުއްވާ ކަމަށް ބުނެ އެކަން ހުއްޓުވުމަށް އެމިނިސްޓްރީގެ މުވައްޒަފުންތަކެއް އިސްވެ ތިބެވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ.
ޕެޓިޝަން ހުށަހެޅުމާއި ނަހުލާ ދައްކާފައިވާ ވާހަކައިގެ އޯޑިއޯއެއް ލީކުކޮށްލުމުން ނަހުލާގެ ދިފާޢުގައި އެކަމަނާގެ ފިރިކަލުން އަދި ޖޭޕީގެ ލީޑަރު ވަނީ ވާހަކަ ދައްކަވައިފައެވެ. އޮކްޓޯބަރ އެއްވަން ދުވަހުގެރޭ ޖޭޕީމާލަމުގައި ބޭއްވި ޖަލްސާއެއްގައި ޤާސިމް ވިދާޅުވީ އެފަދަ ޕެޓިޝަންތަކެއް ރައީސަށް ހުށަހެޅުއްވިޔަސް މަސައްކަތް ނުކޮށްގެން އަޅާފިޔަވަޅެއް ރައީސަށް ބަދަލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. މަސައްކަތް ނުކުރަންޏާ އެކަމާ އުޅެން އެންމެ އައުލާކަންބޮޑީވެސް އެމިނިސްޓަރީއެއްގެ މިނިސްޓަރު ކަމަށް ވިދާޅުވެ ޤާސިމް ވަނީ ނަހުލާ ދިފާޢު ކުރައްވައިފައެވެ.
ޤާސިމް ވިދާޅުވީ ސިވިލް ސާވަންޓުންނަށް ވިޔަސް އެމީހުންވެސް މަސައްކަތަށް ފަރުވާ ކުޑަކުރާނަމަ ވަޒީފާއިން ވަކީ ކުރުމާއި އެހެނިހެން ފިޔަވަޅުތައް ވެސް އެޅޭނެ ކަމަށެވެ. އެހެންމަވެސް ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން ވިސްނަނީ ފަރުވާކުޑަކުރިޔަސް ވަޒީފާއިން ވަކުނުކުރެވޭނޭ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ. އެހެންމަވެސް އެއީ އެއްގޮތަކަށް ވެސް ވިސްނަވާނެ ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ.
އެ ޖަލްސާ އަކީ ޖެޕީއަށް މެމްބަރުންތަކެއް އަލަށް ސޮއި ކުރެއްވުމަށް ބޭއްވި ޖަލްސާއެކެވެ. އެޕާޓީއަށް މިރޭ ސޮއިކުރި މީހުންގެ ތެރޭގައި ކުރީގެ މަޖިލީސް މެމްބަރ ޔާމީން ރަޝީދު ވެސް ހިމެނެއެވެ.
މިޖަލްސާގައި ޤާސިމް ވަނީ ޓުރާންސްޕޯޓު މިނިސްޓަރުގެ ހިންގުންތެރިކަމާއި ކެރުންތެރިކަމަށް ތަޢުރީފް ވެސް ކުރައްވައިފައެވެ.