ޖޭއެސްސީ ސިޔާސީވެ ނިމިއްޖެ: ޑރ. ޖަމީލް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީވެ ނިމިއްހެ ކަމަށް ވިދާޅުވެ ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަދި ޤާނޫނީ ވަކީ ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ޖޭއެސްސީއަށް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ސިޔާސީވެ ނިމިއްޖެ. ޤާނޫނުއަސާސީން ދީފައިވާ ވަކީލެއްގެ އެހީ ހޯދުމުގެ ޙައްޤުވެސް ހަނިކޮށްފި،" ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖޭއެސްސީ އިން މިހާރު ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދުގެ ވަކީލަކަށް އޭނާ ބަލައި ނުގަންނަން މިއަދުގެ ތަހުގީގު މަޖިލީހުން ނިންމެވުމުންނެވެ. ތަޙުގީގު މަޖިލީހުން އެގޮތަށް ނިންމީ ޑރ. ޖަމީލް ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ބެލުމުގައި ފަނޑިޔާރު އާދަމް މުޙައްމަދު ބައިވެރިވާތީއެވެ.

"ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްސަލައިގައި މިއުޅެނީ ޚަސްމުންގެ މައްސަލައެއް ނޫން، ވަކީލެއްގެ ޙައްޤު ހަޖަމްނުވުމުގެ މައްސަލައެއް. ޖޭއެސްސީ ލަދުވެތިވާންޖެހޭ،" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވަނީ މައްސަލަ ރައްދުވާ ފަރާތަށް ބަހެއް ބުނުގެ ފުރުސަތުވެސް ނުދީ ޖޭއެސްސީ އަމިއްލައަށް ބޭނުންގޮތެއް ނިންމާފައިވާ ކަމަށެވެ. "އަމިއްލަ އަށް ބޭނުން ގޮތެއް ނިންމައި، ބަހެއް ބުނެލުމުގެ ފުރުޞަތު ވެސް މައްސަލަ ރައްދުވާ ފަރާތަށް ނުދީ، ބާރު އޮތްކަން ދައްކާލީ. ތިހާވަރަކަށް ޖުޑިޝަރީ އިޞްލާޙު ކުރެވޭނީ،" ޖޭއެސްސީއަށް ވަރަށް ބޮޑަށް ވިދާޅުވެ ކުރައްވާފައި ޓުވީޓުގައި ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ޖަމީލުބެ މާރުޅިމަޑު އެކަމު ޖޭއެސްޗީއިން ޖަމީލުބެ ބަލައިނުގަތީ ޖަމީލުބެ ޚަސްމަކަށްވެފައިވާ ދަނޑިވަޅެއްގައިކަމަށް ބުނެފައިވެއެއްނޫންތޯ ޖަމީލުބެވެސް ޑީޑީ ފަނޑިޔާރިގެ މައްސަލާގައި ޙިސާނު ބެންޗްގަ އިންނަވަން ނުރުހުނީ ޑީޑީ އިންނެވި ބެންޝަކުން ބެއްލެވި މައްސަލައެއްގައި ވަކީލެއްގެ ހައިސިއްޔަތުން ޙިސާން މަސައްކަތް ކުރެއްވީމަ ނޫންތޯ. ޖަމީލުގެ މިހާރު މާ ރުޅިގަދައިބާ؟ ކީއްވެބާ؟ ޓެސްޓް ބުރޭބާ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.