ކުރާ ކޮންމެ ނަމާދަކަށް ފަސްދޮޅަސް ރުފިޔާ

އައްޑޫސިޓީ މިސްކިތްތަކުގެ އިމާމުންނާއި މުދިމުން ޗުއްޓީ ނުވަތަ ސަލާމް ބުނުމުން، ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް "ވޭޖް އެމްޕުލޯއިމަންޓް" އުސޫލުން ޕޫލެއް ވަނީ އެކުލަވާލައްވައިފިއެވެ. އެހެންނަމަވެސް އެ ޕޫލްގައި އެކަށީގެންވާ ވަރަށް މުވައްޒަފުން ނުހިމެނޭތީ، އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އައްޑޫސިޓީ ކައުންސިލުން ވަނީ ފުރުސަތު ހުޅުވައިފައެވެ.

އެ ފުރުސަތުގައި ނެގުމަށް ހަމަޖެހިފައިވަނީ އިމާމުވެ ނަމާދުކުރަން އެނގޭ އަދި އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ މީހުންނެވެ. އެ މަޤާމްތަކަށް ނަގަނީ ވަގުތީ މީހުންނެވެ.

މި މަޤާމް ނުވަތަ މަސައްކަތަށް ކަނޑައަޅާފައިވާ އުޖޫރަ ދިނުމަށް ހަމަޖެހިފައިވަނީ ކަމާ ގުޅޭ ދާއިރާއަކުން ސަނަދެއް އޮތްބޭފުޅެއްނަމަ ކުރާ ކޮންމެ ނަމާދަކަށް 61.00 ރުފިޔާގެ ރޭޓުންނެވެ.  މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެއްވެސް ސަނަދެއް ނެތްނަމަ ކުރާ ކޮންމެ ނަމާދަކަށް އުޖޫރައެއްގެ ގޮތުގައި ލިބޭނީ 53 ރުފިޔާ ކަމަށް އައްޑޫ ސިޓީކައުންސިލުންވަނީ ކަނޑައަޅައިފައެވެ. މި މަޤާމްތަކަށް ހޮވޭ މީހުން މަސައްކަތް ކުރަން ޖެހެނީ ހިތަދޫ އަވަށު އޮފީހުގައެވެ.

އެމީހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި 12 ކަމެއް ހިމެނިފައިވެއެވެ. އޭގެތެރޭގައި "އޮފީހުން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސް ނަމާދު، ކޮންމެވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތްތަކަށް ގޮސް މިސްކިތްތަކުގެ ކަންތައްތައް ބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން،"  އަދި "މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން އޮފީހަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން،" ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.