ރާއްޖެއަށް އަލަށް އަންނަ ބިދޭސީންނަށް މިއަދުން ފެށިގެން ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވެވޭނެ ގޮތް އިމިގްރޭޝަނުން ހަމަޖައްސަވައިފިއެވެ.
މިއީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ފިޔަވައި ބިދޭސީ ލޭބަރުންނަށް ރާއްޖެއަށް އެތެރެވެވޭނެ ގޮތަށް ހަމަޖެއްސި ފުރަތަމަ އެއާޕޯޓެވެ. މިގޮތަށް ހަމަޖެއްސުމުން ވަޒީފާއަށް އަންނަ މީހުންނަށާއި އެމީހުން ގެންނަ މީހުންނަށް ވެސް ފަސޭހަ ވެގެންދާނެއެވެ. ވޯކް ވިސާ ލިބިފައިވާ ފަރާތްތަކަށް ރާއްޖެއިން ފުރުމާއި އެތެރެވުމުގެ އިންތިޒާމު ރާއްޖޭގެ އެހެން އެއަރޕޯޓްތަކުން މީގެ ކުރިންވެސް ވަނީ ހަމަޖެހިފައެވެ.
އިމިގްރޭޝަނުން ވިދާޅުވެފައިވަނީ މިއީ އައްޑޫގެ ވިޔަފާރިވެރީންނާއި އާއްމު ރައްޔިތުން ކުރިން ފެށިގެން އެދިއެދި ތިބި ކަމެއް ކަމަށެވެ. ކުރިން އޮތްގޮތަށް ހަމައެކަނި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން ރާއްޖެއަށް ބިދޭސީން އެތެރެވެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުން އައްޑޫގެ ރައްޔިތުން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ.
"މިގޮތުން ބިދޭސީ މަސައްކަތްތެރިން އައްޑުއަށް ގެނައުމަށް ޓިކެޓުގެ ޚަރަދާއި މާލޭގައި މަޑުކުރަން ޖެހިއްޖެނަމަ ގެސްޓު ހައުސްއަށާއި ކެއުމަށް ހިނގާ ޚަރަދު ހިމެނެއެވެ. އަދި މިކަމުގެ ސަބަބުން މާލީދަތިތަކާ ކުރިމަތިވަމުން ދިއުމާ ގުޅިގެން އައްޑޫގެ ރައްޔިތުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ." އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ.
އިމިގްރޭޝަނުން ވިދާޅުވެފައިވަނީ އެތަނުގެ މަޤްސަދަކީ އެތަނުންދޭ ޚިދުމަތްތައް ރައްޔިތުން ޤަބޫލުކުރާ ފެންވަރަށް ގެނައުމެވެ. އަދި ލުއި ފަސޭހަ ގޮތަކަށް ޚިދުމަތް ދެވޭނެ ގޮތް ހެދުމަކީ ވެސް އެތަނުގެ މަޤުސަދެއް ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ކަމުން މުސްތަޤުބަލުގައި ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ލިބޭނެ ކަންކަން ތަޢާރަފުކޮށް ފުޅާ ކުރައްވާނެ ކަމަށް ވެސް ވެސް ވިދާޅުވެފައިވެއެވެ.