އިތުބާރު - 2

(21 އޮކްޓޯބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަޅުގަނޑުގެ ބައްޕަޔާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އެނގިލައްވާތޯ؟" އޭނާ ވަރަށް ހިތްވަރު ކޮށްފައި އަހައިލިއެވެ.

"ބައްޕަޔާ ބެހޭ ވާހަކަތައް މަންމަ ކިޔައެއް ނުދޭތަ؟" ޢާރިފީން އޭނާޔާ ދިމާއަަކަށް ނުބަަލައެވެ.

"ބައްޕަ ނިޔާވި ވާާހަކަ ނޫން އެހެން ވާހަކައެއް ނުބުނޭ."

ޢާރިފީން ޢައްބާސް އޭނާގެ މޫނަށް ފުންކޮށް ބަލައިލިއެވެ. "އާނ. ބައްޕަ ނިޔާވެއްޖެ." މި ފަހަރު އޭނާގެ ރާގު ތަފާތެވެ. އޭނާ އެހެން ސުވާލެއް ކުރުމުގެ ކުރީން ޢާރިފީން އަހައިލިއެވެ. "ކިޔަވަންތަ؟"

"ނޫން. ގްރެޖުއޭޝަނަށް ފަހު ކިޔެވުން ހުއްޓާލައިފިން. މިހާރު ކާރުޚާާނާއެއްގައި މަސައްކަތް ކުރަނީ."

"ކޮން މަސައްކަތެއް؟"

"މޫލަވެރިކަން." (ސުޕަވައިޒަރުކަން)

ކާރު ތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ. އޭނާގެ ފްލެޓާ ހަމައަށް ދެވެންދެން މި ހިމޭންކަން އޮތެވެ. ކާރުން ފައިބައިގެން އެ ދަތި، މުޑުދާރު މަގުން ހިނގާފައި ގޮސް އިމާާރާތެއްގެ ތިންވަނަ ބުރިއަށް އަރައިފިއެވެ. ސާރާ އޭނާގެ އަތްމަތީ ދަބަހުން ތަޅުދަނޑިއެއް ނަގައިގެން ފްލެޓްގެ ތަޅު ހުޅުވުމަށް ފަހު އެތެރެއަށް ވަދެއްޖެއެވެ. ޢާރިފީންވެސް އޭނާގެ ފަހަތުން ވަދެއްޖެއެވެ. އެ ކުޑަކުޑަ އެއް ކޮޓަރީގެ ފްލެޓުން އެތާާގައި ދިރިއުޅޭ މީހުންގެ މާލީ ހާލަތު ވަރަށް ރީތިކޮށް ކިޔައިދެއެވެ.

"އިށީންނަވާ." ސާރާ އަދަރާދަ ގޮނޑިއެއް ގެނެސް ބަަހައްޓާފައި ބުންޏެވެ. ޢާރިފީން އަނގައިންވެސް ނުބުނެ އެ ގޮނޑީގައި އިށީނދެއްޖެއެވެ.

"އަޅުގަނޑަށް ތިޔަ ގޭގައި ހުރެވޭނެތޯ؟ އަޅުގަނޑު ބަހައްޓަވާާނަންތޯ؟" މުޅި ދަތުރުމަތީގައި އޭނާ ކުރަން ބޭނުން ވެގެން އުޅުނު ސުވާލު އެންމެ ފަހުން ކޮށްލިއެވެ.

ޢާރިފީން ސިހިފައި އަހައިލިއެވެ. "ތިޔަހެން އެހީ ކީއްވެގެން؟"

"ޢާއިލާގެ އެހެން މީހުން އިންކާރު ނުކުރާނެ ބާވައޭ ހިތަށް އެރީ." އޭނާ ސާފުކޮށް ދިނެވެ.

"އަހަރެންގެ އާއިލާއަކު އިތުރު ބަޔަކު ނޫޅޭނެ. އަހަރެންގެ އިތުރަށް ގޭގައި އުޅޭނީ އަހަރެންގެ ދަރިފުޅު. އޭނާ އިންކާރެއް ނުކުރާނެ."

އޭނާ ތެދުވެއްޖެއެވެ. އިރުކޮޅެއް ވާންދެން އޭނާގެ ބައެއް ސާމާނު އެއްކޮށް ބޮކުސާ ބަނުމުގެ މަސައްކަތް ކުރިއެވެ. ހުރިހައި ކަމެއް ނިންމުމަށް ފަހު އޭނާ ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލިއެވެ. އޭނާގެ އިޚްތިޔާރެއް އޮތް ނަމަ ގޭގަި ހުރި ހުރިހައި އެއްޗެއް ގެންދިޔައީހެވެ. މި ގޭގައި ހުރި ތަކެއްޗަކީ އޭނާ ދާން އެ އުޅޭ ގޭގައި ކުންޏަށް ވުރެ މަތީ ދަރަޖައެއް ލިބޭނޭ އެއްޗެއް ނޫންކަން އޭނާއަށް އެނގެއެވެ. އެހެންވީމާ އޭނާ ގެންދާން ނިންމީ އޭނާގެ އަންނައުނާއި މަންމަގެ ބައެއް ތަކެއްޗެވެ.

ޢާރިފީން ޢައްބާސް މިހާރު ހުރީ ކުޑަދޮރު ކައިރީގައި ހުއްޓިގެން ބޭރު ބަލާށެވެ.

"މިތާގައި އުޅޭތާ ކިހައި ދުވަހެއް ވެއްޖެ؟" ބޭރަށް ބަަލަހައްޓައިގެން ހުރެ އޭނާ އަހައިލިއެވެ.

"ފެށުނީއްސުރެ..." އޭނާގެ މި ޖަވާބު ދިނީމާ ޢާރިފީން އެނބުރި އެތެރެއަށް ބަލައިލިއެވެ. އޭނާާ ދަބަސް ގެންދާން އުޅުނީމާ ސާރާ ދެކޮޅު ހެދިއެވެ.

"އަޅުގަނޑު ގެންދާނަން. ބަހައްޓަވާ."

"ސާރާއަކަށް މިއެއް ނޫފުލޭނެ." ދަބަސް ނަގަމުން އޭނާ ބުންޏެވެ.

"އަޅުގަނޑު ބޭބެއަށް ކިޔާނީ ކީކޭތޯ؟ ގޮވާނީ ކީކޭ ކިޔާފައިތޯ؟" ގެއިން ނުކުންނާން ހިނގައިގަންނަމުން އޭނާ އަހައިލިއެވެ.

ޢާރިފީން އޭނާގެ މޫނަށް ބަލައިލިއެވެ. "ކިޔާ ހިތްވާ ފަސޭހަ ނަމެއް ކިޔާ. ބައްޕައޭވެސް ކިއިދާނެ..." ސާރާ ކުރިއަށް އެޅި ފިޔަވަޅުމަތީގައި ހުއްޓުނެވެ.

ޢާރިފީން ބޭރަށް ނުކުމެއްޖެއެވެ.

* * *

"މިތާގައި އިށީނދެ އިންނާނީ ކިހައި އިރެއް ވާންދެން؟" ދޮރާށްޓާ ދިމާއަށް ދަމުން ބަލައިލީއިރު އޭނާ އެތާގައި އިށީނދެގެން އިންދާ އަނެއްކާވެސް ފެނިއްޖެއެވެ. އޭނާ ކައިރިއަށް ގޮސް ހުއްޓިލުމަށް ފަހު ހިނިތުންވެލިއެވެ.

"ކަޅު ހެދުމުގައި ހުންނަ އިރު ހީވަނީ ކަޅުފޮއި ރެއެއްގެ ބައެއްހެން. އެކަމަކު ރޭގަނޑުހެން މި މަންޒަރު ނިމިގެން ދާކަށް އަހަރެން ބޭނުމެއް ނޫން. އަވަހަށް އާދޭ. ފިނި އެ ދަނީ ބާރުވަމުން." އޭނާގެ އަޑުގައި މިހާރުވެސް އެކުލެވިފައި ވަނީ އޭނާއަށް އާދަވެފައިވާ މަޑުމައިތިރިކަމެވެ.

"ކޮންތާކަށް ތިޔަ ދަނީ؟" ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ސުވާލު ކުރިއެވެ.

"ކުޑަ ކަަމަކު ރައްޓެއްސަކާ ބައްދަލު ކޮށްލަން މި ދަނީ."

އޭނާ ވާހަކަ ދެއްކި ނަމަވެސް ޞަބާ ފަރުވާތެރިކަމާއެކު އަޑު ނާހާ ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އުޑާ ދިމާއަށް މައްޗަށް ބަލަބަަލައި އިނީމާ އެހެން ހީވީއެވެ. އޭނާ އިރުކޮޅެއް ވާންދެން ޞަބާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އެއީ ދުނިޔޭގެ ރީތީގެ ރާނީ ކަމުގައި ނުވިޔަސް އޭނާގެ މޫނުމަތީން އާދަޔާ ޚިލާފު ރީތި ވިދުވަރެއް ފައުޅުވެއެވެ. އޭނާގެ ރީތިކަން ފެންނަނީ މޫނުމަތީގެ ކޮން ޚައްސިއްޔަތަކާ ހެދި ކަމެއް ކަށަވަރު ކުރާކަށް ޢާރިފީން އަކަށް ނޭނގުނެވެ. "ލޯ ނުވަތަ ހިނިތުން ކަމުގައިވެސް ވެދާނެއެވެ. ޞަބާއެވެ. ތިޔަ ރީތިކަމުގައި ކޮންމެވެސް ޚާއްސަ ކަމެއް އެބަހުއްޓެވެ. އަހަންނަކަށް ސީދާ އެ ކަމެއް ބުނާކަށް ނޭނގެއެވެ." އާދައިގެ މަތީން އޭނާޔާ ދިމާއަށް ބަލަން ހުރެ ޢާރިފީން ވިސްނަމުން ދިޔައެވެ.

"އެތެރެއަށް ދާކަށް އަދިވެސް ހިތަކަށް ނާރާތަ؟" އޭނާ އަނެއްކާވެސް ބުނެލިއެވެ.

ޖަވާބު ލިބުނީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ.

"ޢާރިފީން. ދުވަހަކުވެސް ކަލާނގެ ދުށިންތަ؟"

"ނުދެކެން. ޞަބާ ދުށިންތަ؟"

"އަހަރެންވެސް ނުދެކެން. އެކަމަކު ދެކިލާ ހިތްވޭ."

އޭނާގެ އަޑުގައި ކުޑަކުދިންގެ ކިބައިގައި ހުންނަ ކަހަލަ ޝައުގުވެރިކަމެއް ހުއްޓެވެ. މޫނުމަތީން ފެންނަނީ އާދަޔާ ޚިލާފު މައުސޫމު ހަމަޖެހުމެއްގެ އަސަރެވެ. މިހާރުވެސް އިނީ އުޑާ ދިމާއަށް ބަލަހައްޓައިގެންނެވެ.

"ޞަބާ. ކަލާނގެ ދެކެން ބޭނުން ވަނީ ކީއްވެގެން؟" ޢާރިފީން ބޭރަށް ދިއުމުގެ ޚިޔާލު ދޫކޮށްލައިފިއެވެ. އެއީ ކޮންމެ ފަހަރަކުވެސް ވާ ގޮތެވެ. ބޭރަށް ދާން ނުކުތް ކަަމުގައި ވިޔަސް ނުވަަތަ ކަމެއް ކުރާން އުޅުނު ކަމުގައި ވިޔަސް ޞަބާއާ ވާހަކަ ދައްކާން ފެށުމާއެކު ހުރިހައި ކަމެއް ހަނދާން ނެތިދެއެވެ. ބައެއް ފަހަރަށް ހަނދާން ނެތުމަކީވެސް ނިޢުމަތެކޭ ބުނެ އުޅެއެއް ނޫން ހެއްޔެވެ؟

"ކީއްވެގެން ކަމެއް ނޭނގޭ. އެނގޭ ކަމަކީ ދެކެން ބޭނުންވާކަން." މި ފަހަރު ޞަބާގެ އަޑުގައި ވަނީ އާދަޔާ ޚިލާފަށް ބޮޑަށް ކަމަކަށް އެދި އާދޭސްކުރާ މީހެއްގެ އަޑުގައި ހުންނާނޭ އަސަރެވެ. އެ ކެކުޅުމެވެ.

"ޞަބާ. މި ދުނިޔެއާއި މުޅި ކާއިނާތަކީ ކަލާނގެ މަޚްލޫގުން. އެކަލާނގެ ހެއްދެވި ތަކެތި. ކަލާނގެ ދެކިލުމުގެ އެދުން ހިތުގައި އުފެދިގަތީމާ ރީތި ތަންތަނާއި ތަކެއްޗަށް ބަލާ. ކޮންމެ ރީތި އެއްޗަކުން އެކަލާނގެ ދީދާރުފުޅު ފެންނާނެ."

ޢާރިފީން މަސައްކަތް ކުރަުން ދިޔައީ އޭނާއަށް ވިސްނައިދެވޭތޯއެވެ. އޭނާ ޢާރިފީންގެ މޫނަށް ބަަލައިލިއެވެ.

"ހަމައެކަނި ރީތި އެއްޗެހިންތަ؟ ހުތުރު އެއްޗެހިން ކަލާނގެ ދީދާރުފުޅު ނުފެންނަނީ ކީއްވެގެން؟ ހުތުރު އެއްޗެހި ހެއްދެވީ ކަލާނގެއެއް ނޫންތަ؟ މާމަލުން ކަލާނގެ ދީދާރުފުޅު ފެންނަނީ އެއީ ކަލާނގެ ހެއްދެވި އެއްޗަކަށް ވާތީ. ހިލަގަނޑުގަނޑުން ނުފެންނަނީ އެއީ ކަލާނގެ ހެއްދެވި އެއްޗަކަށް ނުވާތީތަ؟ ހިލައަކީ ހުތުރު އެއްޗަކަށް ވާތީތަ؟ ޢާރިފީން. މީހުން ބުނެ އުޅޭ ގޮތުގައި ރީތި ކަމަކީ ދެކޭ މީހާގެ ނަޒަރުގައި އޮންނަ ކަމެއް. އެއީ އޭނާ އެ ބަލާ އެއްޗެއްގައި އޮންނަ ކަމެއް ނޫން. މަލަކީ އަހަންނަކަށް ރީތި އެއްޗެއް ނޫން. އަހަންނަށް ރީތީ ހިލަ. އެހެންވީމާ އަހަރެން ހަދަންވީ ކިހިނެއް؟"

އޭނާއަށް ދޭންވީ ކޮން ޖަވާބެއް ކަމެއް ޢާރިފީން އަކަށް ކުއްލިއަކަށް ވިސްނައެއް ނުގަނެވުނެވެ. އިރުކޮޅަކު ވިސްނާން ހުރެފައި އޭނާބުންޏެވެ.

"އެންމެ ރަނގަޅު. ހިލަވެސް ރީތި ވެދާނެ. އެއީވެސް ކަލާނގެ ހެއްދެވި އެއްޗެއް. އެހެންވީމާ ދުނިޔެއަށް ބަލާ. ދުނިޔެއިން ޞަބާއަށް ރީތި އެއްޗަކުން ކަލާނގެ ދީދާރުފުޅު ހޯދަން މަސައްކަތް ކުރޭ."

"ޢާރިފީން. ބުނަންތަ؟ މާއްދީ ތަކެތިން ކަލާނގެ ދެކޭކަށް އަހަރެން ބޭނުމެއް ނޫން. އެ ތަކެތިން ކަލާނގެ ހޯދާކަށްވެސް ބޭނުމެއް ނޫން. އަހަރެން ކަލާނގެ ދެކެން ބޭނުން ވަނީ އެ އެއްޗިއްސާ މުޅީން ވަކީން. ހަގީގީ ސިފަފުޅުގައި. އަހަރެމެން އަޅުކަން ކޮށް، ހެޔޮ އަމަަލުތައް ކުރީމާ ވާނީ ކިހިނެއް؟ އަޅުކަމާއި އަމަލުތަކުގެ ބަދަލު ލިބޭނެ. ސުވަރުގެ ވަދެވޭނެ. ހުރިހައި އެދުމެއް ފުރިހަމަ ވާނެ. އެކަމަކުވެސް ކަލާނގެއެއް ނުފެންނާނެ. އެއީ ދެރަ ކަމެއް ނޫންތަ؟"

ޢާރިފީން ބުނާނޭ އެއްޗެއް ނޭނގިފައި ބަލަހައްޓައިގެން ހުރެއްޖެއެވެ. އެހެން ހުރެފައި ބުންޏެވެ. "ޞަބާ. ކަލާނގެއާ މެދު އެހައި ބޮޑަށް ނުވިސްނާ. މޮޔަ ވެދާނެ. ސިކުނޑި ހަލާކު ވެދާނެ." އޭނާ ބޭނުންވީ ޞަބާއަށް ވިސްނައިދޭށެވެ.

"ދެން ވިސްނަންވީ ކޮން ކަމަކާ؟" އޭނާ ސީދާ ރާސްތާ އަކީ ކޮބައިކަން އެނގެން ބޭނުންވާ ކަހަލަ ގޮތަކަށް އަހައިލިއެވެ.

"ދުނިޔެއާ މެދު ވިސްނާ. ޞަބާގެ ވަށައިގެން އެނބުރޭ މީހުނާ މެދު ވިސްނާ." ޢާރިފީން އިލްމީ ރާގަކަށް ބުނެލިއެވެ.

"އަހަންނަށް އެނގިފައިވާ ކަންކަމާމެދު ވިސްނަނީ ކީއްކުރަން؟ ނޭނގޭ ކަންކަމާ މެދު ނުވިސްނާންވީ ކީއްވެގެން؟"

"ޞަބާ. ބައެއް ފަހަރު ދައްކަނީ ހައިރާންވެ އަންތަރީސްވާ ކަހަލަ ވާހަކަ. ނޫންތަ؟"

ޢާރިފީން މިހެން ބުނީމާ އޭނާ އިސްޖަހައިލިއެވެ. "ނޭނގޭ."

ޢާރިފީން އޭނާގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރައިލެވޭތޯ މަސައްްކަތް ކުރިއެވެ. "ފަރަންސޭސި ބަސް ދަސްކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ކިހިނެއް؟"

"ކުރިއަށް ދާ ގޮތެއް ނޭނގޭ. ދަސް ކުރެވޭތޯ އެބަ ބަލަން." އޭނާ ހިނިތުންވެލިއެވެ.

"ތިޔަހައި ބަލިކަށިކޮށް ޖަވާބު ނުދީ. މިހާރު ނުލާހިކު ރީތިކޮށް ފަރަންސޭސި ބަހުން އެބަ ވާހަކަ ދައްކަމެއްނު؟" ޢާރިފީން މަސައްކަތް ކުރީ އޭނާއަށް ހިތްވަރު ދޭށެވެ.

"ކިރިޔާވެސް ކުރިއެރުމެއް ލިބުނިއްޔާ އެއީ ޢާރިފީންގެ މަސައްކަތުގެ ނަތީޖާ."

"ނޫނޭ. އަހަރެން މިއީ ތިޔަ ބުނާހައި ރަނގަޅު މުދައްރިސެއް ނޫން. އަހަރެން ޞަބާއަށް ފަރަންސޭސި ބަސް ދަސްކޮށް ދޭން މި އުޅެނީ ފަރަންސޭސި ވިލާތަށް ގޮސް އުޅޭއިރު ބީރައްޓެހިކަން ކަނޑުވައިލާން ވެގެން. އެހެންނޫނީ އެތަނުންވެސް ކަލާނގެ ހޯދަން އުޅެގެންފާނެތީ." ޢާރިފީން ސަމާސާ ރާގަކަށް ބުނެލިއެވެ.

"އަހަރެން ފަރަންސޭސި ބަސް މި ދަސް ކުރަނީ އެތާގައި އުޅޭއިރު ޢާރިފީން އަންހެން ކުދިންނާ ދައްކާ ވާހަކަ ދެނެގަންނާން ވެގެން."

"އައްދޭ. އަހަރެން މިއީ ތިޔަ ހީކުރާހެން ހިތް އުކަމުން ދުވާ މީހެއް ނޫން."

"ޢާރިފީން ނުއުކިޔަސް އެތާގެ އަންހެން ކުދިން އުކާނެއެއްނު؟"

(ނުނިމޭ)

6 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.