އެމްޑީޕީ ރިޔާސީ ޕްރައިމަރީ ވާނީ އީސީއަށް ނަމޫނާއަކަށް: ޗެއާޕާސަން

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަ ކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ ވެގެންދާނީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ނަމޫނާއަކަށް ކަމަށް އެޕާޓީން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ގާނޫނީ ވަކީލް އަލްއުސްތާޒު ޙަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކުރިއަށްދާނީ ދެފުށް ފެންނަ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި "އިރާދަކުރެއްވިއްޔާ އެހާމެ އަމާންކަމާއި އޮމާން ކަމާއެކު ކުރިއަށްދާނީ. މި ޕްރައިމަރީ ވެގެންދާނީ އިލެކްޝަންސް ކޮމިޝަނަށް ނަމޫނާއަކަށް،" ޙަސަން ވިދާޅުވިއެވެ.

އެމްޑީޕީގެ 162 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވައިފައިވަނީ މެއި މަހު 15 ވަނަ ދުވަހު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލުމަށެވެ އަދި ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާފައިވަނީ މެއިމަހުގެ 30 ވަނަ ދުވަހު ކަމަށްވެސް އެޕާޓީންވަނީ ނިންމަވައިފައެވެ.

ރިޔާސީ ޕްރައިމަރީ ބޭއްވުމަށްފަހު ރިޔާސީ ކެންޑިޑޭޓަކަށް ހޯވޭ ބޭފުޅަކަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭގޮތް މެދުވެރިވެއްޖެނަމަ ދެން ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާނީ ވެސް ޕާޓީގެ އުމީ މަޖިލީހުން ކަމަށް 162 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.

އެމްޑީޕީންވަނީ ރިޔާސީ ޕްރައިމަރީ ބޭއްވުމަށްޓަކައި ފަސް މެންބަރުންގެ ކޮމިޓީއެއް ވެސް ނަގައިފައެވެ. އޭގެތެރޭގައި ހިމެނެނީ އެޕާޓީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފް، ނާއިބު ރައީސް މުހައްމަދު ޝިފާޒް، ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމް، މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު، އިންތިޚާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހީމް މަނިކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.