އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާ ތާރީޚު އިއުލާން ކޮށްފި

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ ބާއްވާ ތާރީޚު އިއުލާން ކޮށްފި އެވެ.

އެ ޕާޓީން ކުރި އިއުލާނެއްގައި ބުނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީ ޖެނުއަރީ މަހުގެ 28 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރަން ބޭނުންފުޅުވާ ޕާޓީގެ މެންބަރުންނަށް މިއަދުން ފެށިގެން އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާއިރު، ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހަޅަން ޖެހެނީ ޕާޓީގެ 500 މެމްބަރުންގެ ތާއީދާއެކުގަ އެވެ.

އެ ޕާޓީން ބުނީ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ 26 ޑިސެމްބަރ 2022 ގައި ކަމަށާއި ރިޔާސީ ޕްރައިމަރީ ވޯޓަރސް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 28 ޑިސެމްބަރ ގައި ހުޅުވާލާނެ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ޝަކުވާ ބަލައިގަންނާނީ 31 ޑިސެމްބަރ ގެ 16:00 އަށް ކަމަށް ވެސް ބުންޏެވެ.

އެ ޕާޓީން ބުނީ ފައިނަލް ވޯޓަރސް ލިސްޓް އާންމު ކުރާނީ 03 ޖެނުއަރީ ގައި ކަމަށެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުސަތު ޖެނުއަރީ 10 އިން 15 އަށް ހުޅުވާލާނެ ކަމަށާއި ޕްރައިމަރީގެ ވޯޓުލުން އޮންނާނީ ޖެނުއަރީ 28 ގައި ކަމަށް ވެސް ބުންޏެވެ.

އެމްޑީޕީގެ ރިޔާސީ ރޭހުގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާނެ ކަމަށް ވަނީ އިޝާރާތް ކުރައްވާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.