ދެމެހެއްޓެނިވި ގޮތެއްގައި އުފައްދައި ބޭނުންކުރުމާއި ގުޅޭގޮތުން ޤައުމީ ފެންވަރުގެ މަޝްވަރާ ބައްދަލުވުމެއް ފަށައފި

ދެމެހެއްޓެނިވި ގޮތެއްގައި އުފައްދައި ބޭނުންކުރުމާއި ގުޅޭގޮތުން ޤައުމީ ފެންވަރުގެ މަޝްވަރާ ބައްދަލުވުން ފަށައިފިއެވެ. ޒިންމާދާރު ގޮތެއްގައި އުފައްދައި ބޭނުންކުރުމަކީ 2015 ވަނަ އަހަރު ބައިނަލްއަޤްވާމީ ފެންވަރުގައި އެކުލަވާލާ ޢަމަލު ކުރަމުންދާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން 12 ވަނަ ލަނޑުދަނޑިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިސާދު ހަރުދަނާކުރުމާއި އިޤްތިސާދީ އަދި ވަޒީފާގެ ފުރުސަތުތައް އިތުރަށް ހޯދުމާއި ޤައުމީ ފެންވަރުގައި ޒިންމާދާރު ގޮތެއްގައި އުފައްދާ ބޭނުންކުރެވޭނެ ގޮތްތަކުގެ އިތުރުން މިކަމަށްހުރި ހުރަސްތަކާ ގިރާކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.  އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަޝްވަރާ ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި މަޝްވަރާ ބައްދަލުވުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ބޭނުންކުރުމަށް ހުރިހާ މިނިސްޓްރީތައް ގުޅިގެން މަސައްކަތް ކުރާނެގޮތާއި މިކަމާއި ގުޅޭ ނޭޝަނަލް އެކްޝަން ޕްލޭން ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޢަބްދުﷲ ޒިޔާދު ވިދާޅުވީ، ރާއްޖެފަދަ ތިމާވެއްޓަށް ބަރޯސާވެފައިވާ ޤައުމެއްގައި ޒިންމާދާރު ގޮތެއްގައި އުފައްދައި ބޭނުންކުރުމަކީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް ކަމަށާއި އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަތަކުން ތިމާވެއްޓާ ޤުދުރަތީ ވަސީލަތްތަކަށް ކުރާ އަސަރަށް ފުންކޮށް ވިސްނާ އިސްލާހު ކުރަންޖެހޭ ކަމަށެވެ. އަދި ޒިންމާދާރު ގޮތެއްގައި އުފައްދާ ބޭނުންކުރުން، މި ލަނޑުދަނޑީގެ މައިގަނޑު އަސާސަކީ މިއީ ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ އެކި އިދާރާތަކުންނާއި އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ގާތްގަނޑަކަށް 25 ބޭފުޅުން ބައިވެރިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.