އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވެފައި ވަނީ ކަން ބޮޑުވާ މިންވަރަށް: ރައީސް

ރައީސް އޮފީހުގައި ސިންގަލް-ޔޫޒް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލާއި މަލްޓި-ޔޫޒް ޕްލަސްޓިކް ތަޢާރަފް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ؛ ރައީސް އޮފީސް

 ބޭނުންކޮށްފައި އުކާލާ ޕްލާސްޓީކަށް އަޅުގަނޑުމެން ބަރޯސާ ވެފައިވަނީ ނުހަނު ކަންބޮޑުވާ މިންވަރަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވިދާޅުވެއްޖެއެވެ. އެއްފަހަރު ބޭނުންކޮށްފަިއ އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ތައާރަފް ކުރުމަށް ރައީސް އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ރައީސް އޮފީހުގައި ހުއްޓާލުމަކީ ތިމާވެށި ޙިމާޔަތް ކުރުމަށް އެޅޭ މުހިއްމު ފިަޔވަޅެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުތަކާއި، ފަރުތަކާއި، ގިރިތަކާއި، ފަޅުތަކަކީ އިގްތިސާދާ ނުހަނު ބޮޑަށް ގުޅިފއިއިވާ ގެދްރަތީ ވަސީލަތްތަކެއް ނަމަވެސް އެ ތަންތަނާ މެދު އަޅުގަނޑުމެންނަށް ފަރުވާ ކުޑަކުރެވިފައިވާ ކަމަށެވެ. ރާއްޖެއަކީ ނިސްބަތުން ކުޑަ ގައުމެއް ނަމަވެސް ދުނިޔޭގެ ފަރުތަކުގެ 3 އިން ސައްތަ (4500 ކިލޯ މީޓަރު) އޮތީ ރާއްޖޭގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކަނޑުތަކާއި ފަޅުތަކަށް ލިބޭ އެންމެ ބޮޑު ގެއްލުމަކީ ކަނޑަށް އެޅޭ ކުނި ގިނަވުން ކަމަށެވެ. އަދި ކަނޑަށް އެޅޭ ކުނީގެ ތެރެއިން ނިސްބަތުން އެންމް ގިނައީ އެކި ބާވަތުގެ ޕްލާސްޓިކް ކަމަށެވެ. ކަނޑުގައި އުޅޭ މަސްމަހާ މެހި މިތަކެތި ކައި ހެދުމުން އޭގެ ވިހަ މާއްދާތައް މަހުގެ ޒަރީޢާއިން އަޅުގަނޑުމެންގެ ކާބޯތަކެތީގެ ތެރެއަށް ވަންނަ ކަަމށް ރައީސް ވިދާޅުވިއެެވެ.

"ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ޖަޒީރާވަންތަ ގުދްރަތީ ވަސީލަތް ތަކަކީ އަޅުގަނޑުމެންގެ ދިރުން ކަމަށްވީ ނަމަވެސް ޕްލާސްޓިކް ކުނީގެ ނޭދެވޭ އަސަަރު ވަނީ ރާއްޖެ އަށް ވެސް ކޮށްފައި. ތަފާސް ހިސާބުތަކަށް ބަލާނަމަ ދުވާލަކަށް ރާއްޖޭގެ ކަނޑުތަކަށް 860 މެޓްރިކް ތަނުގެ ކުނި އަޅާ"، ރަޢިސް ވިދާޅުވިއެވެ.

ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކަށް ކަންބޮޑުވާ މިންވަރަށް ބަރޯސާ ވެފައިވާ ކަަމަށް ވިދާޅުވެ ރައީސް ވިދާޅުވީ، ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓީކް ފުޅިއާއި، ތަކެތި ބަންދުކުރަން ގެންގުޅޭ ޕްލާސްޓިކް ރެޕިންގސް ގެންގުޅޭ ކަމަށެވެ.

"ހަމައެކަނި މާލޭގައި ވެސް ދުވާލަކަށް 2،80،000 ޕްލާސްޓިކް ފެންފުޅީ ބޭނުން ކުރޭ. މި ފުޅި ތަކަކީ ފަސޭހައިން ފަނާ ވެގެންދާ ބާވަތެއް ނޫން. އެ ތަކެތީގެ ބޮޑު ބައެއް ނިމިގެން ދަނީ ކަނޑަށް. އޭގެ ސަބަބުން ކަނޑުގެ ދިރުމަށް އަސަރު ކުރޭ." ރައީސް ވިދާޅުވިއެވެ.

އަދި އެކަމަށް އޮތް ހައްލަކީ ދިރިއުޅުމުގެ ވަށްޓަފާޅި ބަދަލު ކުރުން ކަމަށާއި އިސްރާފް ނުކުރުމާއި، ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ނޮން-ބަޔޯޑިގްރޭޑެބްލް ނުވަތަ އުކާލުމުން އަވަހަށް ފަނާ ނުވާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން މަދު ކުރުން ކަމަށެވެ.

ރައީސް އޮފީހުގައި އެއްފަހަރު ބޭނުން ކޮށްފައި އެއްލައިލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައި މިއަދުން ފެށިގެން ދެން ބޭނުން ކުރަމުން ގެންދާނީ އެއްފަހަރަށް ވުރެ ގިނަފަހަރު ބޭނުނުންކުރެވޭ ފުޅި އާއި ކޮތަޅު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި އޮފީސް ތަކުގައި ސިންގަލް-ޔޫޒް ޕްލާސްޓިކް މަދު ކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އެއާއެކު އެކަމަށް މީހުން ހޭލުންތެރި ކުރުމުގެ މުހިއްމު ކަންވެސް ފާހަގަ ކުރެއްވިއެވެ. ރައީސް ވަނީ ސިންގްލް-ޔޫޒް ޕްލާސްޓިކް ކެންޕޭނުގައި އުޅުއްވާ ފަރާތްތަކުގެ މަސައްކަތް ފާހަގަ ކުރައްވައި މުސްތަގްބަލުގައި ވެސް އެފަދަ ޕްރޮގްރާމް ތަކަށް އެއްބާރުލުން ދެއްވުން އެދިވަޑައިގެންފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމާއި، އެންވަޔަރޮންމެންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދާއި، އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވްގެ އިސްވެރިންނާއި، ނޯ ޕްލާސްޓިކް މޯލްޑިވްސްގެ އިސްވެރިންނާއި، މާލޭ މޯލްޑިވްސްެގެ އިސްވެރީންގެ އިތުރުން ރައީސް އޮފީހުގެ ހުރިހާ މުއައްޒަފުން ބައިވެރިވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.