ފާނޫޒު - 35

(16 އޯގަސްޓު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ) 

ފަސްވަނަ ބާބު

އެމެރިކާގައި ހޭދަކުރަންޖެހުނު ދުވަސްތަކަކީ ސާލާރްގެ ހަޔާތުގެ އެންމެ ހިތް ދަތި ދުވަސްތަކެވެ. މީގެ ކުރިންވެސް ޗުއްޓީ އަށް އޭނާ އާއިލާ އާއެކު އެމެރިކާ އާއި ޔޫރަޕަށް ދިޔައެވެ. މިފަހަރު ސިކަންދަރު އޭނާ ފޮނުވައިލި ގޮތުން އޭނައަށް އެތައް މައްސަލައެއް ކުރިމަތިވިއެވެ. އޭނާ އާ އެކު އޭ ލެވެލް ނިންމި ކުދީން އެމެރިކާގެ އެކި ޔުނިވަރސިޓީތަކުން ޖާގަ ހޯދައިފިއެވެ. އޭނާގެ ދެބޭންގެ ދެދަރި ކުދީންނާއި ތިމާގެ މީހުން އަދި އެއްބަނޑު އެއްބަފާ މީހުން ވެސް އެމެރިކާގެ އެކި ސިޓީ ތަކުގައި އުޅެއެވެ. އޭނާއަކީ އާއިލާ މީހުންނާ އެހައި ގާތްކަން ބާއްވާ މީހެއް ނޫނެވެ. އެކަމަކު ގަދަކަމުން ރަށުން ފުރުވައިލުމުން އޭނާ މުޅިން ބަލިކަށިވެ މާޔޫސް ވެއްޖެއެވެ.

ކާމްރާން އަކީ އޭނާގެ ދެބޭންގެ ދެދަރި ކުއްޖެކެވެ. ދުވާލު ދާ ހަތަރު ދަމު އޭނާ އުޅެނީ ކޮލެޖުގައެވެ. ރޭގަނޑު ގެއަށް އައިސް އެސައިންމެންޓުގެ މަސައްކަތުގައި އަވަދިނެތި އުޅެއެވެ. ސާލާރް އިންނަންޖެހެނީ މުޅި ދުވަހު ގޭގައެވެ. ބައެއްފަހަރު ޓީވީ ބަލައެވެ. އަނެއްބައިފަހަރު ފިލްމު ބަލައެވެ. ނުވަތަ މަދުމަދުން ބޭރަށް ދެއެވެ. ނިއުޔޯކުގައި ހޭދަކުރި ދުވަސްވަރު އޭނާ ކާމްރާން އުޅޭ ހުރިހާ ތަނެއް ހޯދާ ބެލިއެވެ. އެ ސިޓީގައި އޭނާ ނުވަންނަ ކްލަބެއް، ޕަބެއް، ބާރ އެއް، ތިއޭޓަރެއް، ސިނަމާއެއް މިއުޒިއަމެއް ނުވަތަ އާޓް ގެލެރީ އެއް ނުހުންނާނެއެވެ.

ސާލާރް ގެ ނަތިޖާއަށް ބަލާފައި އޭނާ އެޕްލައިކުރި ތިން ޔުނިވަރސިޓީ އިން ވެސް ޖާގަ ލިބުނެވެ. އޭނާ ޖާގަ ހޯދީ ގާތް ތިމާގެ މީހަކުވެސް، ރައްޓެއްސަކު ވެސް ނޫޅޭ ޔުނިވަރސިޓީ ތަކުންނެވެ. އެއިން އެއްވެސް ތަނެއްގައި އޭނާ އުޅޭ ގޮތުގެ ވާހަކަ ބައްޕައަށް ކިޔައިދޭނެ މީހެއް ނޫޅޭނެއެވެ.

ސާލާރްގެ ކާމިޔާބީއަށް ފަޚުރުވެރިވުމުގެ ބަދަލުގައި ސިކަންދަރާއި އޭނާގެ އަންހެނުންގެ ކަންބޮޑުވުމަކަށްވީ ސާލާރް އުޅޭނޫޅޭ ގޮތް ބެލޭނެ ގޮތެއް ނެތީމައެވެ. ތިން ޔުނިވަރސިޓީ އިން ސާލާރް ޚިޔާރުކުރީ ޔޭލް އެެވެ. ނިއު ހޭވެން ގައި ސިކަންދަރް ގެ ރައްޓެއްސަކުވެސް ގާތް ތިމާގެ މީހަކު ވެސް ނޫޅެއެވެ.

ސާލާރްގެ ނަތީޖާއަށް ބަލާފައި އޭނާއަށް ޔުނިވަރސިޓީ ސްކޮލަރޝިޕް ވެސް ލިބުނެވެ. އެއްބަނޑު އެއްބަފާ އެހެން ކުދިން ތިބެނީ ހޮސްޓެލްގައެވެ. ސާލާރް ޚިޔާރުކުރީ އެޕާޓްމެންޓެއްގައި އުޅޭށެވެ. ސިކަންދަރަށް އެގޮތް ކަމަކު ނުދިޔައެވެ. އެކަމަކު ސްކޮލަރޝިޕް ލިބުމުން އެޕާޓްމެންޓެއްގައި އުޅެވޭ ވަރަށް އޭނާއަށް ފައިސާ ލިބޭނެއެވެ. ކިޔެވުމަށް ބޭނުންވާ ޚަރަދުތަކަށް ސިކަންދަރް ވަނީ ސާލާރް ގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައެވެ. ސިކަންދަރްގެ ހަގު ދަރިފުޅު ވެސް އުޅެމުން ދިޔައީ ސްކޮލަރޝިޕް ފައިސާއިންނެވެ. އެކަމަކު ސާލާރް ބޭނުން ހުރިހާ ކަމެއް ސިކަންދަރް ކޮށްދެއެވެ. އެހެން ދަރިންނަށް ނުކުރާ ކިތަންމެ ޚަރަދެއް ސާލާރަށް ކުރެއެވެ. ސާލާރަކީ ސިކަންދަރް ގެ ކެތްތެރިކަން އިމްތިހާނު ކުރުމަށް މެދުވެރިކުރެއްވި ގޮތެވެ. އެހެން ދަރިން ހުޅަނގަށް ދަންޏާ ސާލާރް ދާނީ އިރުމަައްޗަަށެވެ. ސާލާރް ކަންތައް ކުރާނީ އެހެން ދަރިން ކަންތައް ކުރާ ގޮތާއި ދިމާ އިދިކޮޅަށެވެ. ސިކަންދަރަށް ޖެހެނީ ސާލާރް ބޭނުންވާ ގޮތަކަށް ކަންކަން ނިންމާށެވެ.

އޭނާ ނިއު ހޭވެންއަށް ފުރުމުގެ ކުރިން ސިކަންދަރާއ ޠައްޔިބާ ނިއު ޔޯކަށް ދިޔައެވެ. އެތައް ދުވަހެއް ވަންދެން އޭނާއަށް ނަސޭހަތް ދިނެވެ. އޭނާ އެއަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ނަސޭހަތް ދިނުމާއި ފަތުވާ ދިނުމަކީ އޭނާގެ މައިންބަފައިންގެ އާދައެވެ. ސިކަންދަރާއި ޠައްޔިބާ ޕާކިސްތާނަށް އެނބުރި ދިޔައީ ބަރު ހިތަކާއެކު އެވެ. ސާލާރް ދެން ކުރާނީ ކޮންކަމެއް ކަމެއް އެމީހުންނަށް ވިސްނައިގަންނަން ވެސް ނޭނގެއެވެ.

މޭޖަރ އެއްގެ ގޮތުގައި  ސާލާރް ޚިޔާރުކުރީ ފައިނޭންސްއެވެ. ކުލާސްތައް ފެށުމުން އޭނާގެ އާދަޔާ ޚިލާފު ތޫނުފިލިކަން ފާހަގަވާން ފެށިއެވެ. ޔޭލް ގައި އޭނާއަށް ވާދަވެރިކަން ބޮޑެވެ. އެ ޔުނިވަރިސޓީގައި ތިބީ މޮޅެތި ކުދިންގެ ތެރެއިން ފުރާނައިގެން ނަގާފައި ތިބި ކުދިންނެވެ. އެހެން ނަމަވެސް ސާލާރް އާ ވާދަކުރެވޭ ފެންވަރުގެ ކުއްޖެއް ނެތެވެ.

ކިޔެވުމަށް މޮޅުވުމުގެ އިތުރުން ސާލާރްގެ އުޅުން ވެސް އޭޝިއާގެ އެހެން ކުދިންނާ ތަފާތެވެ. ޔޭލް ނޫން ކޮންމެ ޔުނިވަރސިޓީއެއް އޭނާ އިޚްތިޔާރު ކުރިނަމަވެސް އެތަނަކުން އޭނާއަށް ސްކޮލަރޝިޕް ލިބޭނެއެވެ. ސްކޮލަރޝިޕެއް ނުލިބުނު ނަމަވެސް ކިޔަވަން ފޮނުވުމުގެ ތަނަވަސްކަން އޭނާގެ މައިންބަފައިންނަަށް ލިބިފައިވެއެވެ.

ފުރަތަމަ ދެތިން ހަފްތާއެއް ތެރޭ ސާލާރް އޭނާގެ ކޯހުގެ ބައިވެރިންނާ ޕްރޮފެސަރުންގެ ސަމާލުކަން ހޯދިއެވެ. މިއީ އޭނާއަށް އާ ކަމެއް ނޫނެވެ. ކުލާހުގައި ހިނގާ ބޭކާރު ބަހުސުގައި ބައިވެރިވެ ބޭކާރު އަނގައެއް ތެޅުމަކީ އޭނާ ކުރާ ކަމެއް ނޫނެވެ. ނަމަވެސް އޭނާ ކުރާ ސުވާލަށް ވަގުތުން ޖަވާބުދިނުމަކީ ޕްރޮފެސަރުންނަށް ފަސޭހަ ކަމަކަށް ނުވެއެވެ. އެންމެ ހިތްހަމަ ޖެހޭ ޖަވާބެއް ނުލިބުނަސް އޭނާ އެ ޖަވާބެއް ބަލައިގަނެއެވެ.

ޔޭލް ޔުނިވަރިސޓީގައި ކިޔެވުމަކީ ސާލާރް އަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ. އޭނާ ފޮތް ކިޔަން މާ ގިނަ ވަގުތެއް ހޭދައެއް ނުކުރެއެވެ. އެކަމަކު އޭނާ ޝައުގުވެރިވާ ކަންކަމަށް ވަގުތު ހުސްކުރިއެވެ.

ދިރިއުޅޭ ސަރަހައްދުން ގައުމުގެ މީހުން ހޯދާކަށް ވެސް ސާލާރް ނޫޅެއެވެ. އަދި ގައުމުގެ ކެއުމާއި ސަގާފަތުގެ މަތިން ހަނދާންވެގެނެއް ނޫޅެއެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އޭނާއަށް ގައުމުގެ މީހުން ފެނިދެނިވާން ފެށިއެވެ.

ކުލާސްތައް ނިމުމުން އޭނާ އަށް ވަރަށް ގިނަ ހުސް ވަގުތު ލިބެއެވެ. ޚާއްސަކޮށް ހަފްތާ ބަންދުގައެވެ. އޭނާ ވަގުތު ހޭދަކުރަނީ ކްލަބުތަކާއި ޑިސްކޯ އާއި ސިނަމާ އަދި ތިއޭޓަރުގައެވެ. އޭނާ ނުބަލާ އާ ފިލްމެއް ސިނަމާގައި ނާޅުވައެވެ. ނުދާ ޑްރާމާ އެއް ކޮންސަރޓެއް ނޯވެއެވެ. ކުދި ބޮޑު ހުރިހާ ރެސްޓޯރެންޓްތަކެއްގެ ތަފްސީލު އޭނާއަށް އެނގެއެވެ.

މި ހުރިހައި ކަމެއްގެ ތެރޭގައި އުޅޭ އިރުވެސް އެއްކަމެއް އޭނާގެ ސިކުނޑީގައި އޮވެއެވެ. އޭނާ އެމެރިކާއަށް ފޮނުވައިލި ސަބަބެވެ. ސިކަންދަރަށް އޭނާގެ ސިއްރު ކާވެނީގެ މައުލޫމާތު ލިބުނު ގޮތް ހޯދާކަށް ވެސް ސާލާރް ނޫޅެއެވެ. ހަސަނާއި ނާސިރާގެ ފަރާތުން ބައްޕައަށް އެއްވެސް މައުލޫމާތެއް ނުލިބޭނެކަން އޭނާއަށް ޔަގީނެވެ. އެހެންކަމުން އެ މީހުންނަށް އެއްވެސް ވަރަކަށް ޝައްކެއް  ނުކުރެއެވެ. ބައްޕަ އަށް ހުރިހާ ވާހަކައެއް ކިޔައިދޭނީ އިމާމާ އެވެ. އިމާމާގެ ޚަބަރެއް ފަހުން ނުވީ އެހެންވެއެވެ. ބައްޕާ އޭނާގެ ކޮޓަރިއަށް ވަދެ ކާވެނީގެ ސެޓްފިކެޓް ނަގާނީ އިމާމާގެ ފަރާތުން ކާވެނީގެ މައުލޫމާތު ލިބުމުންނެވެ. 

އޭނާގެ ހިތަށް އުނދަގޫކުރާ އެހެން ކަމެއް ވެސް އެބައޮތެވެ. މި ހުރިހާ ކަމެއް ހިނގީ ކޮން އިރަކު ހެއްޔެވެ؟ އުޅެއުޅެ އެ ސުވާލުގެ ޖަވާބެއް  ނޭނގުނެވެ.

އެކަހަލަ އެތައް ޚިޔާލެއް އޭނާގެ ހިިތް ނުތަނަވަސް ކުރަމުން ދިޔައެވެ. "އަހަރެން އިމާމާ އަށް އެހީތެރިވީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަހަންނަށް ފޯނު ކުރުމުން ވަސީމު، ނުވަތަ އޭނާގެ މައިންބަފައިން، ނުވަތަ އަހަރެންގެ މައިންބަފައިންނަށް އެންގުނީހެވެ. ނުވަތަ އެމީހުން ގާތު ޖަލާލްގެ ވާހަކަ ބުނެވުނީހެވެ. ނުވަތަ އޭނާއާ އަޅާނުލައި ދޫކޮށްލެވުނީހެވެ. އަހަރެން އޭނާޔާ އިނީ ކީއްކުރަން ހެއްޔެވެ؟ ނުވަތަ އާއިލާއަށް ފިލައިގެން ދާން އެހީތެރިވީ ކީއްވެހެއްޔެވެ؟"

އިމާމާ އޭނާގެ ނާޖާއިޒު ފައިދާ ނެގީއޭ ހިތަށް އަރާ ފަހަރުވެސް އާދެއެވެ. އިމާމާ އާ އޭނާޔާ އެއްވެސް ގުޅުމެއް ނެތް އިރު އޭނާގެ ކުރިމަތީގައި އަހަރެން ބަލިކަށިވީ ކީއްވެހެއްޔެވެ؟

އެއީ ހަޔާތުގައި ކުރެވުނު އެންމެ މޮޔަ ކަންތަކެވެ. ސައިކޯއެނަލިސްޓަކު މައްސަލަ ތަހުލީލު ކުރާ ފަދައިން އިމާމާގެ ކުރިމަތީގައި އޭނާ ހަތިޔާރު ބެހެއްޓި ސަބަބު ތަހުލީލު ކުރަން ސާލާރް މަސައްކަތް ކުރިއެވެ.

"ދުވަސްކޮޅަކުން އޭނާގެ ޚިޔާލުތަކާ ދުރަށް އަހަންނަށް ދެވޭނެއެވެ."

***

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ސާލާރްގެ ރައްޓެހިންވެސް ދިޔައީ އިތުރުވަމުންނެވެ. އެ މީހުންގެ ތެރޭގައި ސާދް ކިޔާ ކުއްޖަކު އުޅެއެވެ. އެއީ ކަރާޗީ ކުއްޖެކެވެ. އޭނާގެ އާއިލާ އަކީ ސާލާރްގެ އާއިލާ ހައި ތަނަވަސް އާއިލާއެކެވެ. ނަމަވެސް ސާދްގެ އާއިލާއިން ދީނީ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. ސާދަކީ ސަކަ މިޒާޖުގެ ކުއްޖެކެވެ. އެހައިމެ ރިތި ފިރިހެނެކެވެ. އޭނާއަށް ސާދު ތައާރަފް ކޮށްދިނީ ނިއު ހޭވެންގައި އުޅޭ ރައްޓެއްސެކެވެ. ސާދް އާ ރަހްމަތްތެރިކަން ގާއިމުކުރަން އޭނާ ފުރަތަމަ ފަސްޖެހުނެވެ.

ސާދު އަކީ މާސްޓަރ އޮފް ފިލޯސަފީ ކޯހުގެ ކުއްޖެެކެވެ. އޭނާގެ ތުނބުޅިން އޭނާ ދީނަށް ބަހައްޓާ އަހައްމިއްޔަތު އެނގެއެވެ. އޭނާއަކީ ދީނުގެ ހުކުމްތަކާއި ހައްދުތައް ރަނގަޅަށް ރޯފިލާފައި ހުރި ކުއްޖެކެވެ. މިއީ ދީންވެރި ކުއްޖަކާ ސާލާރް ރަހްމަތްތެރިކަން ގާއިމުކުރި ފުރަތަމަ ފަހަރެވެ.

ސާދު ނަމާދަށް ފަރުވާ ބަހައްޓައެވެ. އަދި ނަމާދުކުރުމަށް ރައްޓެހިންނަށް ބާރު އަޅައެވެ. އެކި ކްލަބް ތަކާއި ޖަމިއްޔާތަކުގައި އޭނާ ހަރަކާތްތެރިވެއެވެ. ސާލާރް އާއި ޚިލާފަށް އެމެރިކާގައި ސާދްގެ އާއިލާގެ މާ ގިނަ މީހުންނެއް ނޫޅެއެވެ. އުޅެނީ ބޮޑުބޭބެ އެކަންޏެވެ. އޭނާ އުޅެނީ އެހެން ސްޓޭޓެއްގައެވެ. ސާދް އަކީ އޭނާގެ އާއިލާގެ އެންމެ ހަގަށް ހުރި ކުއްޖާއެވެ. އޭނާ ކިޔަވަން އެމެރިކާއަށް ފޮނުވީ އާއިލާގެ އެންމެ ޚާއްޞަ ކުއްޖާއަށް ވީމާ ކަމަށް ވެދާނެއެވެ.

ސާދުވެސް އުޅެނީ އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެންނެވެ. އޭނާގެ އިތުރުން އެ އެޕާޓްމެންޓުގައި ދެ އަރަބިންނާއި ބަންގާޅު މީހަކާއި ޕާކިސްތާނު މީހަކު ދިރިއުޅެއެވެ. އެ ހުރިހާ އެންމެންނަކީ ވެސް ޔުނިވަރސިޓީއަށް ދާ ކުދިންނެވެ.

ފުރަތަމަ ބައްދަލުވުމަށްފަހު ސާދާއި ސާލާރްގެ އެކުވެރިކަން ބަދަހިވެއްޖެއެވެ. ސާލާރްގެ ރައްޓެއްސަކު އޭނާގެ ކާމިޔާބީތަކުގެ ވާހަކަ ސާދަށް ކިޔައިދިނުމުން އޭނާއަށް ސާލާރް ވަރަށް ކަމުދިޔައެވެ. ސާދްގެ ތުނބުޅި ފެންނަ ކޮންމެ ފަހަރަކު ސާލާރަށް ޖަލާލް އަންޞާރްގެ މަތިން ހަނދާންވެއެވެ. ސާލާރްގެ އެހެން ރައްޓެހިންނެކޭ އެއްފަދައިން ސާދްވެސް ހަފްތާ ބަންދުގައި ސާލާރްގެ އެޕާޓްމެންޓަށް ދެއެވެ.

"ތީ މުސްލިމެއް، އެކަމަކު ދީނުގެ އެއްވެސް ކަމެއް ނޭނގެއެއްނު؟" ސާދް އެއްފަހަރަކު ސާލާރާ ދިމާއަށް ބުންޏެވެ.

"އާނ. ކަލޭ ތީ މާ ދީންވެރި މީހެއް." ސާލާރް ބުންޏެވެ.

"ކީކޭ ތިބުނީ؟"

"ދުވާލަކު ފަސް ނަމާދު ކުރޭ އަދި އަބަދު އިސްލާމްދީނުގެ ވާހަކަ އެވަރަށް ދައްކާ، އެއީ ބޮޑުވަރެއްނު؟" ސާލާރް ބުންޏެވެ. "ވަރުބައްޔެއް ނުވޭތަ، އެވަރަށް ނަމާދުކުރާއިރު؟"

"އެއީ އަހަރެމެންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެއް. ﷲ ވަނީ އެކަލާނގެ އަށް އަޅުކަން ކުރުމަށާއި ޒިކުރު ކުރުމަށް އަންގަވާފައި." ސާދު ބުންޏެވެ. ސާލާރް އާފުރުނެވެ. "ސާލާރަކީ ވެސް މުސްލިމެއް، ނަމާދުކުރަން ވާނެ."

"އަހަންނަށް އެނގޭ. ނަމާދު ނުކުރިއްޔާ މުސްލިމަކަށް ނުވޭތަ؟" ސާލާރް މަލާމާތް ކުރިއެވެ.

"އޭރުން ވާނީ ނަމުން މުސްލިމަކަށް. ބޭނުންވާ ގޮތަކީ އެއީތަ؟"

"ސާދު، ހެޔޮނުވާނެ. ތި ބޭކާރު ބަހުސް ނުފަށަމާ. އަހަންނަށް އެނގޭ ސާދް ތީ ދީންވެރިއެއްކަން، އަހަންނަކީ ދީންވެރިއެއް ނޫން. އެކަކު އަނެކެއްގެ ގޮތަށް އުޅުމަށް ބާރުއެޅުމަށްވުރެ އެމީހެއްގެ ގޮތުގައި އުޅުނިއްޔާ ރަނގަޅުވާނީ. އަހަރެން ނުބުނަމެއްނު ނަމާދު ނުކުރާށޭ، އެހެންވީމަ އަހަރެން ލައްވާ ނަމާދު ކުރުވަން ނޫޅޭތި." ސާލާރް ވަރަށް ފާޅުގައި ބުނެލިއެވެ.

އޭގެ ދުވަސްކޮޅެއ ފަހުން ސާދް އަނެއްކާވެސް ސާލާރްގެ އެޕާޓްމެންޓަށް އައެވެ. ސާލާރް ގެ ފަހަތުން ސާދް ބަދިގެއަށް ދިޔައެވެ. ވާހަކައިގައި ހުރެ އޭނާ އައިސްއަލަމާރިން ބާރގަރ އެއް ނެގިއެވެ.

"ތީތި ބާއްވާ، ތިއެއް ނުކެވޭނެ." ސާލާރް ހުރީ ދެލޯ ބޮޑުވެފައެވެ.

"ކީއްވެ؟ ސާދް އުޅުނީ މައިކްރޯވޭވުން ބާރގަރ ހޫނުކުރާށެވެ.

"ތީ އޫރު މަހު..." ސާލާރް ބުންޏެވެ.

"ސަކަރާތް ނުޖަހާ." ސާދް ބުންޏެވެ.

"ސަކަރާތެއް ނޫން މީ." ސާދްގެ އަތުން ތަށި ނުވެއްޓުނީ ކިރިޔާއެވެ.

"އޫރުމަސް ކަންތަ؟"

"އޫރު މަހެއް ނުކަން، މި ބަރގަރ އަހަންނަށް ވަރަށް މީރު، މީތި ކަން." އުނދުން ޖައްސަމުން އޭނާ ބުންޏެވެ.

"އެއީ ހަރާމް އެއްޗެއްކަން އެނގޭތަ؟"

"އާނ."

"އެނގޭއިރުވެސް ކަން؟"

"މަށަށް ފަތުވާ ދޭންތަ ތިއުޅެނީ؟ އަހަރެން ހުރިހާ ވައްތަރެއްގެ މަހެއް ވެސް ކަން."

"އަހަރެން ހަމަ ކޮސްވެއްޖެ."

"ކޮންކަމަކާތަ ކޮސްވާންވީ؟ އެއީ ކާން ހުންނަ އެއްޗެއްސެއް ނޫންތަ؟" އައިސް އަލަމާރިން ކިރު ޕެކެޓު ނަގަމުން ސާލާރް އެހިއެވެ.

"ހުރިހާ އެއްޗެއްސަކީ ކާން ހުންނަ އެއްޗެއްސެއް ނޫން. އެންމެ ރަނގަޅު، ސާލާރް އެހާ ދީންވެރި ނުވެދާނެ. އެކަމަކު ތީ މުސްލިމެއް، އޫރުމަހަކީ ހަރާމް އެއްޗެއްކަން މުސްލިމުންނަށް އެނގެންވާނެ."

ސާލާރް ހުރީ ކާނެ އެއްޗެއް ތައްޔާރުކުރާށެވެ. ސާދުގެ ވާހަކަ އޭނާއަށް އަޑުއިވެއެވެ.

"އަހަންނަށް އެއްވެސް އެއްޗެއް ތައްޔާރުކުރާނެ ކަމެއް ނެތް، އަހަރެން ނުކާނަން." ބަދިގެއިން ނިކުންނަމުން ސާދު ބުންޏެވެ.

"އެއީ ކީއްވެ؟ ކިހިނެއްވީ؟" ސާލާރް ހައިރާންެފައި ސާދަށް ބަލައިލިއެވެ. އޭނާ ސިންކުން އަތް ދޮންނަނީ އެވެ.

ސާދު އަނގަޔަކުން ނުބުނެއެވެ. އެކަމަކު ކޮންމެވެސް އެއްޗެހިތަކެއް ކިޔަވަމުން އަތް ދޮންނަނީއެވެ. ސާލާރް އޭނާޔާ ދިމާއަށް ދަތްކުނޑި ވިކައިލިއެވެ.

"އަހަންނަކަށް ތި ފްރިޖުގައި ހުރި އެއްވެސް އެއްޗެއް ނުކެވޭނެ. އޫރުމަސް ކަންޏާ ސާލާރްގެ ތަށިން ވެސް ނުކެވޭނެ. ކައިފަ ނުކަނީ ކޯޗެއްކަމެއް ވެސް ނޭނގޭ. އެއްޗެއް ކާލަން ބޭރަށް ދަމާ."

'އަހަރެން ލަދުގަންނަވަންތަ ތިއުޅެނީ؟" ސާލާރަށް ވަރަށް އުނދަގޫ ވެއްޖެއެވެ.

"ނޫން. އެހެނެއް ނޫން. ހަރާމް އެއްޗެއް ކާން ބޭނުން ނުވާތީ." ސާދު ބުންޏެވެ.

"އަހަރެން ކަލެޔަށް އޫރުމަސް ކާންދޭކަށް ނޫޅެން. އަހަންނަށް އެނގޭ ކަލޭ އޫރުމަސް ނުކާކަން، އެހެންވީމާ އެ ބާރގަރ ނުކާށޭ ބުނީ. އެކަމަކު މިހާރު ހީވަނީ ބޮޑު ބިރެއް ފެނިގެން އުޅޭހެން. ތި އުޅޭ ގޮތުން ހީވަނީ މިގޭގައި އަހަރެން އޫރު ގެންގުޅެނީ ހެން."

"ހިނގާ، ބޭރަށް ދާން." ސާދު އޭނާ ހަމައަކަށް އެޅުވޭތޯ ބެލިއެވެ.

"ބޭރަށް ދަންޏާ ބިލް ދައްކަން ޖެހޭނީ ސާދް." ސާލާރް ބުންޏެވެ.

"އާނ. މައްސަލައެއް ނެތް." ސާދު ފުން ނޭވާއެއް ލިއެވެ.

"ދެން މިގެއަށް އަންނަންޏާ ކާނެ އެއްޗެއް ގެންނާތި." ސާލާރް ބުނެލިއެވެ.

"އާނ، ގެންނާނަން."

***

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.