ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި ހާސިލު ކުރުމަށް ހުރިހާ ދާއިރާއެއްގެ އެއްބާރުލުން ބޭނުން : ޠާރިޤް

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ، ޒިންމާދާރު ގޮތެއްގައި އުފެއްދުމާއި ބޭނުންކުރުން، މިލަނޑުދަނޑި ހާސިލުކުރުމަށް ކަމާ ގުޅުންހުރި ހުރިހާ ދާއިރާތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

 މިއަދު ހެނދުނު ކަސްޓަމްސް ބިލްޑިންގައި ފެށި މަސައްކަތު ބައްދަލުވުން އިފުތިތާހު  ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމުގައި ބޭނުންކުރާތަކެތި ޒިންމާދާރު ގޮތެއްގައި އުފައްދައި ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ވެސް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

 "ފަތުރުވެރިކަން އަޅުގަނޑުމެން ތަރައްގީ ކުރަންޖެހެނީ ދެމެހެއްޓެވި ގޮތެއްގައި." މިނިސްޓަރ ވިދާޅުވިއެވެ. "އުފެއްދުމާއި ބޭނުން ކުރުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެން ބޭނުން ކުރަންވާނީ."

 މި ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) އާއި ގުޅިގެން ބާއްވާ ދެ ދުވަހުގެ ބައްދަލުވުމެކެވެ.

 މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވަނީ، ފަތުރުވެރިކަމުގެ ދާއިރާގައި އުފައްދައި ބޭނުންކުރާ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށްޓާއި ރަށްޓެހިގޮތަށް ބޭނުންކުރުމާ ބެހޭގޮތުންނެވެ.

 މިނިސްޓަރ ތާރިޤް އިބްރާޙީމްގެ ވާހަކަފުޅުގައި ރާއްޖޭގެ ރިސޯޓްތަކުގައި އުފައްދާ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭނެ ގޮތަކީ ކޮބައިކަން ބެލުމާއި  ސަކެޕްގެ މެންބަރު ގައުމުތަކުގެ ޓޫރިޒަމް އިންޑަސްޓްރީގައި މިމަސައްކަތް ކުރާގޮތުގެ ތަޖުރިބާ ހިއްސާކުރުން މުހިއްމު ކަމަށް ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ އިތުރުން، މިމަސައްކަތު ބައްދަލުވުމުގައި އަފްޣާނިސްތާނާއި ބަންގްލަދޭޝާއި ބޫޓާނާއި  ނޭޕާލާއި ޕާކިސްތާނާއި ސްރީލަންކާއިން ބައިވެރިވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.