(14 އޮކްޓޯބަރ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަރެން މަސައްކަތް ކުރަނީ ފާމެސިއުޓިކަލް ކޮމްޕެނީ އެއްގަ."
"އެމްބީބީއެސް ނުހަދަންތަ؟"
"އާނ. އަހަރެން މާސްޓަރސް ހެދީ ކެމިސްޓްރީ އިން."
"ކޮން ކޮންޕެނީއެއްގަ އުޅެނީ؟"
އިމާމާ ކުންފުނީގެ ނަން ބުންޏެވެ. "އެއީ ވަރަށް ރަނގަޅު ތަނެއް." ޖަލާލް އެ ކުންފުނީގެ މޮޅު ވާހަކަ ދެއްކިއެވެ. ކަޅިޖަހައިނުލައި އިމާމާ އޭނާއަށް ބަލަހައްޓައިގެން އިނެވެ.
"އަހަރެން ދިޔައީ ސްޕެޝަލައިޒް ވާން ބޭރަށް..." ދެން އޭނާގެ އަމިއްލަ ވާހަކަތައް އިމާމާއަށް ކިޔައިދިނެވެ. އިމާމާ އިނީ އުފަލުން ފޮޅިފައެވެ. "މި ތަނަށް މިހާރު އަހަރެއް ވެއްޖެ. ވަރަށް ރަނގަޅަށް އަދި ދަނީ."
ކޮފީ ގެނައި އިރުވެސް އޭނާގެ ވާހަކަ ހުސްނުވެއެވެ.
"ކިހިނެއް މިތަނަށް އަންނަން އެނގުނީ؟" ތަބަކުން ކޮފީ ތަށްޓެއް ނަގަމުން އޭނާ އެހިއެވެ.
"ޑޮކްޓަރުންގެ ލިސްޓުން ފެނުނީ. ރާބިޔާ ވެސް ބުނި. ރާބިޔާ އެނގޭދޯ؟ ޒައިނަބް އަށް ވެސް އޭނަ އެނގޭނެ."
"ރާބިޔާ ފާރޫޤް؟ އާނ. މާ ރަނގަޅަށް ވެސް އެނގޭ. އޭނާގެ ފިރިމީހާ މަސައްކަތް ކުރަނީ މިތާ."
"އާނ." އިމާމާ އަދި ކޮފީ ތަށީގައި އަތް ނުލައެވެ. ކުޑަކޮށް ހިހޫ ވެލަންދެން އިނީ އެވެ. އޭނާ ޖަލާލް އަންޞާރް އަށް ބަލައިލިއެވެ. އެއީ އެއްދުވަސްވަރެއްގައި އޭނާ ނަމޫނާއަކަށް ބެލި މީހެކެވެ. ފިރިހެނެއްގެ ކިބައިގައި ހުންނަންވާ ހުރިހާ ސިފައެއް ޖަލާލްގެ ކިބައިގައި ހުރިކަން އޭނާއަށް އެނގެއެވެ. ފިރިއެއްގެ ކިބައިގައި ހުންނަންވާ ސިފަތައްވެސް މެއެވެ. ޖަލާލް އަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން އިމާމާ އަށް ޔަގީނެވެ. ތުނބުޅި އެއް ނެތަސް އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އޭނާގެ ހިތުގައި އޮތް ލޯބި އުނިވީ ކަމުގެ ހެއްކެއް ނޫންކަން އިމާމާއަށް ޔަގީނެވެ. ޖަލާލް އަދިވެސް އޭނާގެ ހޮސްޕިޓަލުގެ މޮޅު ވާހަކަ ކިޔައިދެނީއެވެ. އެ އަޑަކީ އިމާމާގެ ހަޔާތުގައި ނިންމި އެންމެ ބޮޑު ނިންމުން ނިންމާން އެހީވި އަޑުކަން އިމާމާ ހަނދާނެއް ނުނެތެއެވެ.
ޖަލާލްގެ ކާމިޔާބީގެ ވާހަކަ އޭނާ އަޑުއެހީ އުފަލާއެކުއެވެ. މީގެ އަށް އަހަރުކުރިން އިމާމާ އާ އިންނަން އޭނާ ދެކޮޅުހެދީ މި ސަބަބަށްޓަކައެވެ. މިހާރު އޭނާ ބޭނުންވާ ހުރިހާ ކަމެއް ހާސިލުވީއެވެ. އިމާމާ އާ އިންނާކަށް މިހާރަކު އެއްވެސް ހުރަހެއް އޮވެގެން ނުވާނެއެވެ.
"މީހަކާ އިނީތަ؟" ޖަލާލް ކުއްލިއަކަށް މައުޟޫއު ބަދަލުކުރިއެވެ.
"ނޫން." އިމާމާ މަޑުމަޑުން ބުންޏެވެ.
"ކޮންތާކު ތި އުޅެނީ؟ މައިންބަފައިންނާ އެކުތަ؟" ޖަލާލްގެ އަޑުން ކަންބޮޑުވުމުގެ އަސަރު އިމާމާއަށް ފާހަގަކުރެވެން ފެށިއެވެ.
"ނޫން."
"ދެން ކޮންތާކު..."
"އަހަރެން އުޅެނީ އަމިއްލައަށް. ކިހިނެއް މައިންބަފައިން ގާތަށް ދާނީ؟" އޭނާ ވާހަކަ ދައްކަނީ އަދިވެސް މަޑުމަޑުންނެވެ. "ޖަލާލް... އުޅެނީ މީހަކާ އިނދެގެންތަ؟"
"މީހަކާ އިނިން. މިހާރު ހުސް. އަހަރެންގެ އެބަހުރި ތިން އަހަރުގެ ދަރިއެއް. އޭނާ އުޅެނީ އަހަންނާއެކު." ޖަލާލްގެ އަޑުގައި ހިތާމައިގެ އެއްވެސް އަސަރެއް ނެތެވެ.
"އޯހ... ދެރަ..."
"އެއީ ދެރަވާންޖެހޭ ކަމެއް ނޫން. ރަނގަޅަކަށް ދިމާވިގޮތް. އެއީ ކާވެންޏެއް ނޫން. ބޮލުރިހުމެއް." ޖަލާލް ކޮފީ ތަށި ތަބަކުގައި ބެހެއްޓިއެވެ. ކޮޓަރިތެރެއަށް ހިމޭންކަން ވެރިވިއެވެ.
"މީގެ އަހަރުތަކެއް ކުރިން އަހަންނާ އިނދޭތޯ އެހީމެއްނު؟" އެތަނަށް ވެރިވެފައި އޮތް ހިމޭންކަން ނަގައިލީ އިމާމާ އެވެ.
ޖަލާލް އަނގައިން ނުބުނެ އޭނާއަށް ބަލަން އިނެވެ.
"އޭރުވެސް އަހަންނާ އިންނަން އެދުނިން. އަލުން އަހަންނާ އިންނަންވީނު؟"
ޖަލާލްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން އިމާމާއަށް ފެނުނެވެ.
"ޙާލަތު ބަދަލުވެއްޖެ. މިހާރު ތިއުޅެނީ މައިންބަފައިންނަށް ބަރޯސާވެގެނެއް ނޫން. ކާވެންޏާ ދެކޮޅު ހަދާނެ ސަބަބެއް މިހާރަކު އޮވެގެން ނުވާނެ. އަހަރެންގެ މައިންބަފައިންގެ ނުގަބޫލެއް ވެސް މިހާރަކު ކުރިމައްޗެއް ނުވާނެ."
ޖަލާލްގެ ޖަވާބަކަށް އިމާމާ އިރުކޮޅަކު މަޑުކުރިއެވެ. އޭނާ ހިމޭނުން އިނުމުން އިމާމާ ހާސްވާންފެށިއެވެ. "ވެދާނެ އޭނާގެ ދަރިފުޅު އަހަރެމެންނާއެކު އުޅެން އަހަރެން ދެކޮޅު ހަދާފާނެތީ ކަމަށް." އިމާމާގެ ހިތަށް އެރިއެވެ. އިމާމާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
"ކުރީގެ ކާވެންޏާ މެދު އަދި ދަރިފުޅު އަހަރެމެންނާ އެކު އުޅުމަށް ވެސް އަހަރެންގެ ޝަކުވާއެއް ނެތް."
"ޖަލާލް، އަހަރެންގެ އެއްވެސް މައްސަލައެއް..."
"އިމާމާ ތީ ވާނެ ކަމެއް ނޫން..." ޖަލާލް އިމާމާގެ ވާހަކަ މެދުކަނޑައިލިއެވެ.
"ކީއްވެ ނުވާންވީ؟ އަހަރެން ދެކެ ލޯތްބެއް ނުވޭތަ؟"
"މިކަމަކާ ލޯތްބަކާ އެއްވެސް ގުޅުމެއް ނެތް. އޭގެ ފަހުން މިހާރު އެތައް އަހަރެއް ވެއްޖެ. ފުރަތަމަ ކާވެނި ފެއިލްވީ. އެހެންވީމާ އަދި އެހާ އަވަަހަށް މީހަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ އަހަރެންގެ މަސައްކަތަށް ވަގުތު ދޭން. "
"ޖަލާލް. އަހަރެމެންގެ ކާވެނި ފެއިލްވެދާނެތީ ޖަލާލް ކަންބޮޑުވާކަށް ނުޖެހޭ. އަހަރެން އެގޮތަށް އެކަން ވިޔަ ނުދޭނެކަން ޖަލާލް އަށް ރަނގަޅަށް އެނގޭނެ."
"އެހެން ވިޔަސް ރިސްކެއް ނަގާކަށް ބޭނުމެއް ނޫން." ޖަލާލް ބުންޏެވެ.
"އަހަރެން އިންތިޒާރު..."
"އެއީ ބޭކާރު ކަމެއް އިމާމާ." ޖަލާލް ބުންޏެވެ. "އަހަރެން މިހިރީ އިމާމާ އާ އިނދެވޭ ހާލަތަކު ނޫން."
އިމާމާ މޮޅިވެފައި ޖަލާލް އަށް ބަލަން އިނެވެ.
"އަހަރެން ކުރިން މީހަކާ އިނީ އަމިއްލަ އަށް ބޭނުންވެގެން. އެ ކާވެނި ފެއިލް ވީ. އެ ކުށް ތަކުރާރުކުރާކަށް އަހަރެން ބޭނުމެއް ނޫން. ދެން އަހަރެން އިންނާނީ މައިންބަފައިން ދައްކާ މީހަކާ."
"އެހެންވެއްޖެއްޔާ މައިންބަފައިން ގާތު އަހަރެންގެ ވާހަކަ ބުނަންވީނު." އިމާމާގެ ހިތް ކުދިކުދި ވެއްޖެއެވެ.
"ނޫން. އިމާމާ! ދެ މީހުން ވެސް ގަބޫލުކުރަންޖެހޭ ހަގީގަތްތަކެއް އެބަހުރި. އިމާމާގެ އިހުސާސްތަކަށް އަހަރެން އިޙްތިރާމް ކުރަން. އަދި ކުރިން އަހަރެންވެސް އިމާމާއަށް ޝައުގުވެރިވިން. އެހެން ގޮތަކަށް ބުނާނަމަ އަހަރެން އިމާމާ ދެކެ ލޯބިވިން. މިއަދުވެސް އަހަރެންގެ ހިތުން އިމާމާއަށް ޚާއްޞަ ޖާގައެއް ދެވިފައިވޭ. އެކަމަކު ދިރިއުޅުން ބިނާވަނީ ހަމައެކަނި ޖަޒުބާތުގެ މައްޗަކަށް ނޫން."
އިމާމާ އިނީ އޭނާއަށް ބަލަހައްޓައިގެންނެވެ.
"އޭރު އަހަރެން އާދޭސްކުރިން ގެއިން ނުކުމެގެން ނުދާން. އިމާމާ އަހަރެންގެ ވާހަކަ އަޑެއް ނޭހި. އިމާމާ ކަންތައް ކުރީ އިމާމާ ބޭނުންވާ ގޮތަށް. އަހަންނާ އިންނަން މައިންބަފައިންގެ ރުހުން ހޯދުމުގެ ބަދަލުގައި އިމާމާ ބެލީ އަހަަންނަށް މަޖުބޫރުކޮށްގެން އަހަންނާ އިނދެވޭތޯ. އަހަންނަށް އެކަމެއް ނުކުރެވުނު. އެއީ ރަނގަޅު ގޮތެއް ވެސް ނޫން. ދީނަކީ އެއް ހުރަސް. އެކަމަކު ކާވެންޏަށް މެދުވެރިވި ހަމައެކަނި ހުރަހެއް ނޫން. އިޖްތިމާއީ ގޮތުން އަހަރެމެންގެ ބޮލުގައި އެޅިފައި އޮންނަ ޒިއްމާއިން ނުރެކެވޭނެ. މުޖްތަމައުން ދަމަަހައްޓަމުން އައި އަގުތައް ހިފެހެއްޓުމަކީ އަހަރެމެންގެ ޒިއްމާއެއް."
ޖަލާލް މިގޮތަށް ވާހަކަ ދައްކަފާނެ ކަމަކަށް އިމާމާ ހިއެއް ނުކުރެއެވެ.
"އިމާމާ ފިލައިގެން ދިޔައީ. އޭގެ ސަބަބުން ދިމާވި ކަންތައް އެނގޭތަ؟ ނޫސްތަކަށް ޚަބަރު ދިޔަ ނުދޭން ތި އާއިލާއިން މަސައްކަތް ކުރި. އެކަމަކު ކޮލެޖުގައި އުޅުނު އެންމެންނަށް އެކަން އެނގުނު. ފުލުހުން ބޮޑު ތަހުގީގެއް ހިންގި. އިމާމާގެ ހުރިހާ ރައްޓެހިންނާ ސުވާލުކުރި. ޒައިނަބް އާ ވެސް ސުވާލުކުރި. އަަހަރެމެން ސަލާމަތްވި ކަން އެއީ ނަސީބު."
ޖަލާލް ގޮނޑިން ތެދުވިއެވެ. "މި ހިސާބަށް އާދެވިފައި މިހިރީ އަހަރެންގެ ބުރަ މަސައްކަތުން. އިމާމާ އާ އިންނަހާ ހިތްވަރެއް އަހަރެންގެ ނެތް. އަހަންނާ ދިމާއަށް މީހުން އިނގިލި ދިއްކުރާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން އުޅެނީ ޑޮކްޓަރުންނާއެކު. އިމާމާ ހާޝިމް އާ އިނދެފިނަމަ މީގެ އަށް އަހަރު ކުރިން ހިނގި ހާދިސާ ހިލޭނެ. އޭރުން އަހަންނަށް ޖެހޭނީ އެންމެންނާ ވަކިން އުޅެން. މިހުރިހާ ދުވަހު އިމާމާ އުޅުނީ ކޮންތާކު؟ ކިހިނެއް؟ މި ހުރިހާ ސުވާލެއް އަންނާނެ. އަހަރެންގެ މައިންބަފައިން އިމާމާގެ ވާހަކަ ގަބޫލެއް ނުކުރާނެ. އަހަރެން އަހަރެންގެ ގަދަރު ހިފަހައްޓަން ޖެހޭނެ. ތީ ރަނގަޅު ކުއްޖަކަށް ވެދާނެ. އެކަމަކު އަބުރެއް އޮތް ކުއްޖެއް ނޫން. ނަން ކިލަނބުވެފައިވާ އަންހެނަކާ އަހަންނަކަށް ނީނދެވޭނެ. އަހަރެންގެ އަންހެނުންނަކީ އަބުރެއް ނެތް މީހެއް ކަމަށް މީހުން ބުނާ އަޑު އަހާކަށް ބޭނުމެއް ނޫން. އަހަންނަށް މާފުކުރޭ. އުއްމީދުކުރަން އަހަރެން މި ދެއްކި ވާހަކަ ވިސްނޭނެކަމަށް."
ކޮފީ ތަށި މުޅިން ހިހޫ ވެއްޖެއެވެ. މިހާރަކު އެ ތަށިން ދުމެއް ނާރައެވެ. ކުރިން އޭނާއަށް ޖަލާލް ގެ މޫނު ސާފުކޮށް ނުފެނުނީ ކޮފީ ތަށިން އެރި ދުމުގެ ސަބަބުންނެވެ. ނަމަވެސް މިހާރަކުވެސް އޭނާއަށް ޖަލާލްގެ މޫނު ސާފުކޮށް ނުފެނެއެވެ. އޭނާގެ ލޯ ފުސްވީ ކަމަށް ވެސް ވެދާނެއެވެ. މޭޒުމަތީގައި ދެ އަތް އަޅާފައި ތެދުވަން މަސައްކަތް ކުރަމުން އޭނާ ބުންޏެވެ. "އާނ. އަހަންނަށް ވިސްނޭ." އިމާމާ އެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.
"އަހަންނަށް މާފު..." ޖަލާލް މާފަށް އެދެން އުޅުނެވެ. އިމާމާ ކޮޓަރިން ނުކުތީ އޭނާ އާ ދިމާއަށް ބަލައިވެސް ނުލައެވެ.
ގަޑިން އިރު އޮއްސި ހަތެއް ޖެހީއެވެ. ރޭގަނޑުގެ އަނދިރިކަން ވެރިވިއެވެ. މަގުބައްތިތައް ހުރީ ދިއްލައިފައެވެ. އަދި ފެހިކުލައިގެ އަލިން އިޝްތިހާރު ބޯޑުތައް ދިއްލިފައި ހުއްޓެވެ. މަގުމަތި ވަރަށް ކާރުބާރު ބޮޑެވެ. މި މަގުގެ ދެ ފަރާތުގައި ހުރީ ހޮސްޕިޓަލާއި ކްލިނިކް ތަކެވެ. މި މަގުގައި އަމިއްލަ ކްލިނިކެއް ހުޅުވުމަކީ އޭނާ ދުށް ހުވަފެނެކެވެ. އެ ކްލިނިކްގެ ބޭރުގައި އޭނާގެ ނަމާއި ސްޕެޝަލައިޒްވެފައިވާ ދާއިރާ ލިޔަން ބޭނުންވިއެވެ. ޖަލާލް އަންޞާރްގެ ހޮސްޕިޓަލާއި އަދި މި މަގުގައި ހުރި އެހެން ކްލިނިކްތައް ފަދައިންނެވެ. އެ އުއްމީދުތައް ހާސިލުވާނެކަން އޭރު އޭނާއަށް އެނގެއެވެ. އެއީ މީގެ އަށް އަހަރުކުރިއެވެ.
ހޮސްޕިޓަލުން ނުކުމެ މަގުމަތީގެ ޓްރެފިކަށް ބަލަން އޭނާ އިރުކޮޅަކު މަޑުކުރިއެވެ. އޭނާގެ ސިކުނޑިއަށް މިހާރަކު އެކައްޗެއް ވެސް ނުވިސްނެއެވެ. ދެން އޭނާ ކަންތައް ކުރަންވީ ކިހިނެއް ހެއްޔެވެ؟ ހޮސްޕިޓަލަށް ކުރިމަތިވާ ގޮތަށް އޭނާ އެނބުރުނެވެ. ހޮސްޕިޓަލުގެ ނަންބޯޑުން ޖަލާލް އަންޞާރްގެ ނަން ފެހިކުލައިން ދިއްލިފައި ހުއްޓެވެ.
"ތީ ރަނގަޅު ކުއްޖަކަށް ވެސް ވެދާނެ. އެކަމަކު އަބުރެއް އޮތް ކުއްޖެއް ނޫން." ޖަލާލްގެ އަޑު އޭނާގެ ކަންފަތުގައި ގުގުމައިގަތެވެ.
މިއުޅެވެނީ ޚިޔާލީ ދުނިޔެއެއްގައިކަން އޭނާއަށް އިހުސާސް ކުރެވުނީ ދެނެވެ. އޭނާ ކިތަންމެ ލޯބިވިޔަސް ޖަލާލް އޭނާ ދެކެ ދުވަހަކުވެސް ލޯބިނުވާކަން އިމާމާއަށް އިހުސާސްކުރެވުނެވެ. އޭނާ އިމާމާއަށް ބޭނުންވީއެވެ. އިމާމާގެ އާއިލާގެ ނަމާއި ހައިސިއްޔަތެވެ. އިމާމާގެ ތަނަވަސްކަމާއި މުދަލެވެ. އޭރު އިމާމާ އާ އިންނަމަ އެ ހުރިހާ ކަމެއް ހާސިލުވީހެވެ. ފަޅިސިކުންތެއްގެ ތެރޭގައި ގަދަރު އުފުލި ކަމުވޮށިގެންވާ މީހުންގެ ތެރޭގައި ހިމެނުނީހެވެ. އެކަމަކު އިމާމާ އުޅުނީ އެހެން ދުނިޔެއެއްގައެވެ. ލޯބީގެ ދަޅަދައްކައިގެން ޖަލާލް އުޅުނު އިރު އިމާމާއަށް އެކަމެއް ރޭކާވެސް ނުލައެވެ.
ގެއިން ނުކުމެގެން ދިއުމުން މީހުން އޭނާއަށް ބަދުބަސް ބުނެ މަލާމާތް ކުރާނެކަން އިމާމާއަށް އެނގެއެވެ. އޭނާ ޚިޔާރުކުރި މަގަކީ ފަސޭހަ މަގެއް ނޫންކަން އެނގެއެވެ. ވިހަ ދޫތަކާއި މަލާމާތުގެ ބަސްތައް ރައްދުވާނެކަން އެނގެއެވެ. އެކަމަކު ޖަލާލް އަންޞާރް އޭނާގެ ބޮލުގައި އެކަހަލަ ތުހުމަތެއް އަޅުވާނެ ކަމަކަށް އިމާމާ ހިއެއް ނުކުރެއެވެ. އެކަހަލަ މީހެއްގެ ކުރިމަތީގައި އޭނާގެ މައުސޫމުކަން ދިފާއުކުރާކަށް އިމާމާ ބޭނުމެއް ނޫނެވެ. ޖަލާލްގެ ބަސްތަކަކީ އޭނާގެ ހިތަށް ހެރުނު ތޫނު ޚަންޖަރެކެވެ.
"އެހެންވީމާ... އިމާމާ ހާޝިމް އަކީ އެއީ. އަބުރު ގެއްލިފައިވާ އަންހެނެއް."
އޭނާ މަޑުމަޑުން ކުރިއަށް ހިނގަން ފެށިއެވެ. މަގުމަތީގައި ހުރި ހުރިހާ ބޯޑެއްގައި ހުރި ނަންތައް ކިޔަމުންނެވެ. ބައެއް ނަންތަކަކީ އޭނާއާ އެކު އެއް ކުލާހެއްގައި ކިޔެވި ކުދީންގެ ނަމެވެ. އޭނާ އަށް ދިރިއުޅުމުގައި ހާސިލުވީ ކޮންކަމެއް ހެއްޔެވެ؟
'ބަލަން ހުންނާތި. އެއްވެސް ކަމެއް ހާސިލެއް ނުވާނެ. އެއްވެސް މީހަކަށް ވެސް ނުވެވޭނެ." އޭނާގެ ބައްޕަ ހާޝިމް މުބީން އިންޒާރު ދިނެވެ. އިމާމާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. މަގުބަައްތީގެ އަލިން އޭނާއަށް އުނދަގޫ ވާން ފެށިއެވެ. ޖަލާލް އަންޞާރް އަކީ ގޯސް މީހެއް ނޫނެވެ. އެކަމަކު އެއީ އޭނާ ހީކުރި ކަހަލަ މީހެއް ނޫނެވެ. އޭނާދެކެ ލޯބިވެވުނީ ބޭރުފުށުން ފެނުނު ސިފައަކުންނެވެ. އެކަމަކު އެއީ އޭނާގެ އަސްލެއް ނޫނެވެ. އޭނާ އަކީ އަމިއްލަ އެދުން ބޮޑު، ފައިސާ އާއި މުދަލަަށް ދަހިވެތިވެފައިވާ މީހެކެވެ. އިމާމާއަށް އެކަން ރޭކާލީ މިއަދުއެވެ. މިއަދު އެ ފެނުނީ އޭނާގެ އެތެރެފުށެވެ. ގެއިން ނިކުތްފަހުން މީހެއްގެ މަލާމާތް އޭނާއަށް ރައްދުވީ މިއަދުއެވެ. ޖަލާލްގެ ކުރިމަތީގައި އިމާމާ އަކީ މައިންބަފައިންނަށް ސިއްރުން ގެއިން ނިކުމެގެން ދިޔަ ވިޔާނުދާ އަންހެން ކުއްޖެކެވެ.
އިމާމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ އާއެކު ޖަލާލަށްޓަކައި އޭނާގެ ހިތުގައި އުފެދިފައިވާ ހުރިހާ ޖަޒުބާތެއް ވެސް ދޮވެވިގެން ދިޔައެެވެ. ގައިގައި އޮޅާފައި އޮތް ޗާދަރުގެ ކަނުން ކޯތާފަތް މަތިން ފައިބާ ކަރުނަ ފޮހެލިއެެވެ. އަދި ރިކިސާ އެއް ހުއްޓުވައި އެއަށް އަރައިގެން އޭނާ ގެއަށް ދިޔައެވެ.
ސަޢީދައްތަ ދޮރު ހުޅުވުމުން އޭނާ ދުން ޖަހާފައި އެތެެރެއަށް ވަދެގެން ދިޔައެވެ. ސަޢީދައްތަ އަށް އޭނާގެ މޫނު ދައްކަން ބޭނުންނުވީއެވެ.
"ދަރިފުޅު، ކޮންތާކުން ތި އައީ؟ ހާދަ ލަސްވެއްޖެއޭ. މަންމަ މީނީ ވަރަށް ހާސްވެފައި. އޮފީހަށް މީހަކު ފޮނުވަން އުޅެނިކޮށް ތި އައީ." ސަޢީދައްތަ ބުންޏެވެ.
"އެއްވެސް ތާކަށް ނުދަން މަންމާ. މަސައްކަތެއް ނިންމަން މަޑުކޮށްލީ." ފަހަތަށް އެނބުރި ބަލައިވެސް ނުލައި އިމާމާ ބުންޏެވެ.
"ދަރިފުޅު މިހައި ލަސްވަންދެން މީގެ ކުރިން ދުވަހަކުވެސް އޮފީހުގައި މަޑެއް ނުކުރަމެއްނު. އަނެއްކާ ކޮން މަސައްކަތެއްތަ ނިންމަންޖެހުނީ." އިމާމާގެ ޖަވާބަކީ ސަޢީދައްތަ މާ ގަޔާވާ ޖަވާބަކަށް ނުވިއެވެ.
"ކިހިނެއް ބުނެދޭނީ. މީގެ ފަހުން އެހައި ލަސްވަންދެން މަޑެއްނުކުރާނަން." އިމާމާ ހުރީ އަދިވެސް ސަޢީދައްތައަށް ފުރަގަސްދީގެންނެވެ. އޭނާ ދިޔައީ ކޮޓަރިއަށެވެ.
"ކާއެއްޗެހި ހޫނުކުރަންތަ؟ ނޫނީ ފަހުންތަ ކާނީ؟"
"މިހާރަކު ނުކެވޭނެ. ވަރަށް ބޮޑަށް ބޮލުގައި ރިއްސާ އެބަ. ކުޑަކޮށް ނިދާލަން ބޭނުން."
"ކީއްވެ ބޮލުގައި ރިއްސަނީ؟" ސަޢީދައްތަ އިމާމާ އާއެކު ކޮޓަރިއަށް ވަނެވެ. "ބޭސް ގުޅަައެއް ގެނެސްދެންތަ؟ ސައި ތަށްޓެއް ގެންނަންތަ؟"
'މަންމާ. އަހަރެން ނިދިޔަދީ. އެއްވެސް އެއްޗެއް ބޭނުމެއް ނޫން މިހާރަކު." ހަގީގަތުގައި ވެސް އޭނާގެ ބޮލުގައި އެބަ ރިއްސައެވެ.
އޭނާގެ ސުވާލުން އިމާމާއަށް ވަނީ އިތުރު އުނދަގޫކަން ސަޢީދައްތަ އަށް ވިސްނުނެވެ. "އެންމެ ރަނގަޅު. އަރާމުކޮށްލާ." އޭނާ ކޮޓަރިން ނުކުތެވެ.
ކޮޓަރީގެ ބޮކިވެސް ނިވައިނުލާ އިމާމާ ރަޖާ އަަޅައިގެން އޮށޯތެވެ. އޭނާ ބޭނުންވީ ނިދާށެވެ. ޖަލާލް އަންޞާރް އާ ދެކެވުނު އެއްވެސް ވާހަަކައެއް ހަނދާންކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ރޯކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ މުސްތަގްބަލާ މެދު ވިސްނާކަށް ވެސް އިމާމާ ބެނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ނިދާާށެވެ.
އޭނާގެ ދުޢާ އިޖާބަކުރެއްވިއެވެ. އިމާމާ ފުން ނިންޖަކުން ނިދިއެވެ. ނިދުނީ ކޮން އިރަކު، ކިހިނެއް ކަމެއް ވެސް ނޭނގެއެވެ.
ދިހަވަނަ ބާބު
އޭނާ ހުރީ އިމާމާއަށް ވުރެ އެންމެ ތިން ފިޔަވަޅު ކުރީގައެވެ. އަތް ދަމާލައިފިނަމަ އޭނާގެ ކޮނޑުގައި އަތް ލެވޭ ހިސާބުގައެވެ. އެ ދެމީހުން ފިޔަވައި އިތުރު މީހަކު އެތާކު ނެތެވެ. އޭނާގެ ކޮނޑުމަތިން ކަޢުބާގެ ދޮރުކޮޅު ހުޅުވޭތަން އޭނާއަށް ފެނެއެވެ. މުޅި ތަނަށް އެ އަލި ފެތުރިގެން ދިޔަތަން އޭނާއަށް ފެނުނެވެ. ކަޢުބާގެ ބޭރުގައިވާ އުރަކޮޅުގައިވާ ލިޔުން އޭނާއަށް ފަސޭހައިން ކިޔާލެވެއެވެ. އުޑުގައި ހުރި ތަރިތަކުގެ ވިދުވަރު ގަދަވިހެން ހީވިއެވެ. އޭނާގެ ކުރިމަތީގައި ހުރި ފިރިހެން މީހާ ތަލްބިޔާ ކިޔަނީ އެވެ. އަޅުކަން ފެށުމުގެ ކުރިން އެންމެންވެސް އެންމެ ފުރަތަމަ ކިޔަނީ އެ އާޔަތްތަކެވެ. މުޅިތަނުގައި ގުގުމާފައި ހުރީ އެ މީހާގެ އަޑެެވެ. އެއީ ހިތަށް ފަސޭހަ ރީތި އަޑެކެވެ. އޭނާވެސް އެ މީހާގެ އަޑުދަށުން ތަލްބިޔާ ކިޔަން ފެށިއެވެ. ވައިއަޑުންނެވެ. ދެން ބާރަށް ކިޔަން ފެށިއެވެ. އޭނާގެ އަޑު ނެރެވޭ އެންމެ ބާރަށެވެ. އެ މީހާއާއެކު ހިފަހައްޓާލެވުމުން އޭނާ ހިތްހަމަޖެހުނެވެ.
މިހާރު ކަޢުބާގެ ދޮރުކޮޅު ހުރީ ހުޅުވިފައެވެ. އެ މީހާ ގޮސް ކަޢުބާގެ ދޮރުމަތީގައި ހުއްޓި ދުޢާއަށް އަތް އުފުލިއެވެ. ދުޢާކޮށް ނިމި އޭނާގެ އަތް ތިރިކުރަންދެން އެމީހާއަށް ބަލަން އިމާމާ އިނެވެ. ދެން ކަޢުބާގެ ދޮރާއި ދިމާއަށް އޭނާ ސިޖަދައަށް ތިރިވިއެވެ. އޭނާ ތެދުވެ ފަހަތަށް އެނބުރެނީއެވެ. އިމާމާ ބޭނުންވީ އެ މީހާގެ މޫނު ދެކިލާށެވެ. އެއީ އޭނާ ދަންނަ އަޑެކެވެ. އެކަމަކު އެ މޫނު...؟ މިހާރު އޭނާ އެ އެނބުރެނީއެވެ.
***
(ނުނިމޭ)
ތަފާތު ވާހަކަ އެއް... ސްޓޯރީ ލައިން ވަރައް ކަމުދޭ ....
V reethi... Waiting for da next part
Thikahala loabi nuviyyaa
hevee.jalaal evee loaiybeh
noon.amilla edhun
Salaar ah gefulhu kairin
imaamaa hama
? fenuneethaa
Aneh bayah varah
inthizaarukuran
ހާދަރީއްޗޭ މިވާހަކަ