ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހުށަހެޅުމަށް އެދިވަޑައިގެންފި

ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް، މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައި ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޤާނޫނުއަސާސީ އިޞްލާޙު ގެނައުމަށް ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން އިއްވަމުންނެވެ. މިބިލް ސަރުކާރުފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހުތަދޫ އުތުރުދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމެވެ.

ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ހުށަހެޅި ބިލެއް އިޞްލާޙު ކުރުމަށް ހުށަހަޅައިފައި ވަނީ ޤާނޫނު އަސާސީގެ އަށްވަނަ ބާބެވެ. އެއީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ބާބެވެ. ހުށަހަޅައިފައިވާ އިޞްލާޙްތަކުގެ ތެރޭގައި ކައުންސިލްތަކުގެ ޢުމުރު ތިން އަހަރުން 5 އަހަރަށް އިތުރުކުރުން ހިމެނެވެ.

ކޮންމެ ރެށެއްގެ ރަށު ކައުންސިލްތަކުގެ ރައީސުން އެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މެމްބަރުންކަމުގައި ކަނޑައެޅުން ވެސް ހިމެނެއެވެ. އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނާއިބް ރައީސުން އިންތިޚާބުކުރާނީ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށް ކަނޑައެޅުން ވެސް އެބާބަށް ގެންނަ އިޞްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

ބިލްގެ ފުރަތަ ކިޔުން އިއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ބިލް މަޖިލީހުން ގޮތެއް ނިންމުމާ ދެތޭރޭގައި ތިން ހަފަތާގެ މުއްދަތެއް ލިބިގެންދާނެކަމުގައެވެ. އެހެންކަމުން ޤާނޫނު އަސާސީއަށް ގެނެވޭ އިޞްލާޙަށް ރައްޔިތުންގެ ޚިޔާލު އިންތިހާ އަށް ބޭނުންވާނެކަން ފާހަގަ ކުރެއްވިއެވެ. ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަކީ އާއްމު ޤާނޫނެއް އިސްލާޙުކުރުމާ ވަރަށް ތަފާތު ބޮޑު ކަމެއްކަން ފާހަގަ ކުރައްވައި، މަޖިލީހުގެ ރައީސް ސިފަކުރެއްވީ އެއީ "ސާރޖަރީއެއްގެ" ގޮތުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.