ކުދި ޖަޒީރާ ޤައުމުތަކުގައި އިޔާދަކުރަނިވި ހަކަތައާއި ހަކަތައިގެ ޔަޤީން އިތުރުކުރުމަށް ޕްރޮގާރާމެއް ފަށައިފި

ރާއްޖޭގެ އިސްނެގުމުގެ ދަށުން، ކުދި ޖަޒީރާ ޤައުމުތަކުގައި އިޔާދަކުރަނިވި ހަކަތައާއި ހަކަތައިގެ ޔަޤީން އިތުރުކުރުމަށް ޕްރޮގާރާމެއް ފަށައިފިއެވެ.

"އިނިޝިއޭޓިވް ފޯރ ރިނިއަބަލް އައިލެންޑް އެނަރޖީ" (އައިރީ) ގެ ނަމުގައި ހިންގޭ މިޙަރަކާތް ރަސްމީކޮށް ޢިޢްލާން ކޮށްދެއްވީ މޮރޮކޯގެ މަރަކޭޝްގައި މިހާރު ކުރިޔައްދާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ސަމިޓް ނުވަތަ ކޮޕް 22 ގެ ހަވާސާގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ތާރިޤް އިބްރާހީމެވެ.

އެއޯސިސްގެ މިއަދުރުގެ ޗެއާރމަންގެ ޙައިސިއްޔަތުން މި ޕްރޮގްރާމް އިޢްލާން ކުރައްވަމުން މިނިސްޓަރ ދެއްކެވި ވާހަކަ ފުޅުގައި މި ޙަރަކާތުގެ މައިގަނޑު ބޭނުމަކީ، ކުދި ޤައުމުތަކުގައި އިޔާދަ ކުރަނިވި ހަކަތަ އިތުރުކުރުމުގެ ގޮތުން ބޭނުންވާ ފައިސާއާއި އިންސާނީ ވަސީލަތްތައް ހޯދުމާއި ތަރައްޤީކުރުމާއި އަދި މިކަމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލުން ކަމުގައެވެ.

"އައިރީ" ގެ ނަމުގައި ހިންގޭ މިޙަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ، އިންޓަރނޭޝަނަލް ރިނިއަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) އާ ގުޅިގެން އެފަރާތުގެ ބައިވެރިވުން ލިބިގެން ކަމަށްވެސް މިނިސްޓަރަ ފާހަގަ ކުރެއްވިއެވެ. މި ގޮތުން މި ޙަރަކާތުގެ ބޭނުންތަކުގެ ތެރޭގައި، ކުދި ޖަޒީރާ ޤައުމުތަކުގައި، އިޔާދަ ކުރަނިވި ހަކަތަ އިތުރުކުރުމާއި އަދި ހަކަތަ އިޤްތިޞާދު ކުރުމުގައި މިހާރަށްވުރެ ބޮޑަށް ސިޔާސީ ބައިވެރިވުން ހޯދުން ހިމެނެއެވެ.

"އެއޯސިސް" ޤައުމުތައް ހިމެނިފައިވަނީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ތަކުގެ ތެރޭގައި ހިމެނޭ ސާފު އަދި އިޔާދަ ކުރަނިވި ހަކަތަ ފޯރުކޮށް ދިނުމަށާއި އަދި ވީހާވެސް ކުޑައަގެއްގައި ހަކަތަ ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލު ވުމަށް މަސައްކަތް ކުރާ ޤައުމުތަކުގެ ތެރޭގައެވެ. މީގެ އިތުރުން، ޕެރިސް އެގްރީމަންޓްގެ ދަށުން މިޤައުމުތަކުން ތައްޔާކޮށްފައިވާ

"ކޮލައިމެޓް އެކްޝަންޕްލޭން " ތަކުގައިވެސް އިޔާދަ ކުރަނިވި ހަކަތަ އިތުރުކޮށް ފުޅާކުރުމަށް އިސްކަންދީފައިވެއެވެ.

"އައިރީ" ޙަރަކާތް ރޭވުމަށާއި ހިންގުމުގެގޮތުން ތަފާތު ފަރާތްތައް ބައިވެރިވާ އެކި ފެންވަރުގެ ބައްދަލުވުންތައް 2017 ވަނަ އަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި މިކަމަށް ހުރި ހުރަސްތައް ދެނެގަތުގެ މަސައްކަތްވެސް މިއަންނަ އަހަރު ފެށިގެންދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.