ފާނޫޒު - 74

(9 އޮކްޓޯބަރ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަރެންގެ މޯބައިލުން އެ މީހުންނަށް ގުޅޭނެތަ؟" އިމާމާ އެހިއެވެ.

"މޯބައިލް ފޯނެއް އެބައޮތްތަ؟" ޑރ. ސިބްތެ ޢަލީ ހައިރާންވެފައި އަހައިލިއެވެ.

"އެއީ ސާލާރްގެ ފޯނު."

"ތި ފޯނު ހޯދާކަށް އެ މީހުންނަކަށް މާ ގިނަ ދުވަހެއް ނުނަގާނެ. ޞަބީޙާ ގެ ގެއިން މަރިޔަމް އަށް ގުޅީ މޯބައިލުން ތަ؟" ޑރ. ސިބްތެ ޢަލީ ކަންބޮޑުވެފައި އަހައިލިއެވެ.

"ނޫން. އެ ގޭ ފޯނުން."

"އެއްވެސް ވަރަކަށް ތި ފޯނު ބޭނުންކޮށްގެން ނުވާނެ، ފޯނު ކުރަންވެސް، އަންނަ ފޯނަށް ޖަވާބު ދޭން ވެސް." އޭނާ ކުޑަކޮށް ހިތްހަމަ ޖެހުނެވެ.

***

އިމާމާ ހޯދުމަށް އެ އާއިލާ އިން ކުރާ މަސައްކަތުގެ މައުލޫމާތު ޑރ. ސިބްތެ ޢަލީ އޮފީހުން އައިސް ކޮންމެ ދުވަހަކު އިމާމާއަށް ކިޔައިދެއެވެ. އޭނާ ކިރިޔާ ވެސް ދަންނަ މީހެއް ވެއްޖެއްޔާ އެ މީހަކާ ފުލުހުން ދަނީ ސުވާލުކުރަމުންނެވެ. އަދި އޭނާ ޙިމާޔަތް ހޯދަފާނެހެން ހީވާ ހުރިހާ ތަނެއް ވެސް ބަލައި ފާސްކުރަމުންނެވެ. މެޑިަކލް ކޮލެޖާއި، ހޮސްޕިޓަލާއި، ރައްޓެހީންގެ ގެ އާއި ހޮސްޓެލް އާއި އެކުގައި މަސައްކަތް ކުރި މީހުންގެ ގެދޮރު ވެސް ބަލައި ފާސްކުރިއެވެ. ހާޝިމް މުބީން އިމާމާ ހޯދަން ފުރޮޅަން ޖެހުނު ކޮންމެ ގަލެއް ފުރޮޅިއެވެ. އޭނާ ނުކޮށް ދޫކޮށްލި ހަމައެކަނި ކަމަކީ އިމާމާގެ ވާހަކަ މީޑިއާއާ ހިއްސާކުރުމެވެ. މީޑިއާ އަށް މައުލޫމާތު ދިނުންވަނީ އޭނާގެ ވެއްޓުމެވެ. އޭނާ ބެލީ ސިއްރުކުރެވެން އޮތް ގޮތަކަށް އޭނާގެ އަންހެން ދަރިފުޅު ފިލައިގެން ދިޔަ ވާހަކަ ސިއްރުކުރާށެވެ. ނަމވެސް ފުލުހުންނަށް އެންގިއެވެ. އަދި އޭނާގެ ޖަމާޢަތުގެ މީހުން އިމާމާ ހޯދަން އޭނާއާއެކު މަސައްކަތް ކުރިއެވެ.

ފުުލުހުން ޞަބީހާގެ އާއިލާ އާ ސުވާލުކުރިއެވެ. ނަަމަވެސް އިމާމާ އެގެއަށް ދިޔަ ކަމެއް އެ މީހުންނަކަށް ނޭނގެއެވެ. ޞަބީޙާގެ މުޅި ޢާއިލާ އެދުވަސްކޮޅު ޕިޝާވަރުގައި ތިބުމުން އެ މައްސަލައިން ބަރީއަވެވުނެވެ. މަރިޔަމް ވެސް ޞަބީޙާ ގާތު އިމާމާގެ ވާހަކައެއް ނުބުނެއެވެ.

***

ޑރ. ސިބްތެ ޢަލީގެ ގޭގައި ދުވަސްކޮޅަކު އުޅެވުމުން އިާމާއަށް ރައްކާތެރިކަން ޔަގީންވިއެވެ. އަދި އޭނާގެ ފަހަތުން އެއްވެސް މީހަކަށް ނާދެވޭނެކަން ކަށަވަރުވިއެވެ. ސާލާރް އަށް ގުޅައި ކާވެނީގެ ސެޓްފިކެޓް ހޯދަން އޭނާ ގަސްތުކުރިއެވެ. ސާލާރް އަށް ގުޅުމުން އޭނާ އަށް ލިބުނީ ބިރުވެރި ޚަބަރެކެވެ. ވަރި ނެގުމުގެ ޙައްްޤު އޭނާއަށް ދީފައެއް ނުވެއެވެ. އަދި ސާލާރް ހުރީ އޭނާ ވަރިކުރާ ގޮތަކަށް ނޫނެވެ. އިމާމާ އަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.

މިއީ ޑރ. ސިބްތެ ޢަލީގެ ގެއަށް އައިފަހުން އޭނާ މޯބައިލް ފޯނު ބޭނުންކުރި ފުރަތަމަ ފަހަރެވެ. އެވެސް ސާލާރް އަށް ފޯނުކުރުމަށެވެ. އެންމެންނަށް ސިއްރުންނެވެ. އޭނާގެ މޮޔަކަން އިހުސާސް ކުރެވެން ފެށީ ދެނެވެ. ސާލާރް ކަހަލަ މީހަކަށް ދުވަހަކުވެސް އިތުބާރުކޮށްގެން ނުވާނެއެވެ. ސޮއި ކުރުމުގެ ކުރިން ކުޑަވެގެން ކާވެނީގެ ލިޔުންތަކުގައި ލިޔެފައި އޮތް އެއްޗެއް ކިޔުނު ނަމައެވެ. ނުވަތަ އޭގެ ކޮޕީއެއް އަތުގައި ބޭއްވުނު ނަމައެވެ.

ސާލާރް އަކީ ދިރިއުޅުމުގެ ބާކީ އޮތް ބައިގައި އުފުލަން ޖެހޭ ތަކުލީފަކަށް ވެއްޖެކަމުގެ އިހުސާސް ކުރެވުމުން އޭގެ ކުރިން ކުރެވުނު ހުރިހާ ކަމަކާ ހިތާމަ ކުރެވެން ފެށިއެވެ.

ޑރ. ސިބްތެ ޢަލީ އޭނާއަށް އެހީވާނެކަން އެނގުނުނަމަ ސާލާރްގެ ވާހަކަ އޭނާއަށް ކިޔައިދޭނެއެވެ. އޭރުން ކޮންމެވެސް ގޮތެއް ހޯދައިދޭނެއެވެ. ނަމަވެސް އޭނާގެ ޙަޔާތަށް އައި ބަދަލުގައި އެއްވެސް ފިރިހެނެއްގެ ބައިވެރިވުން ނެތް ކަމަށް ބުނެ އޭނާވަނީ ޑރ. ސިބްތެ ޢަލީ އަށް ދޮގު ހަދާފައެވެ. މިހާރު އެކަމުން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އޭނާގެ ފިރިމީހާ އަކީ އެމީހެއްގެ ގޯސް ވާހަކަ އޭނާ ޑރ. ޢަލީ ގާތު ބުނި މީހާއެވެ. އޭނާ ވަގަށް ނެގި ކަމަށް ޢާއިލާ އިން ތުހުމަތުކުރާ މީހާއެވެ. މިހާރު ހުރިހާ ވާހަކައެއް ޑރ. ޢަލީ އަށް ކިޔައިދޭންވީ ހެއްޔެވެ؟ އެވާހަކަ ބުނެފިނަމަ ލިބިފައި އޮތް ހަމައެކަނި ޙިމާޔަތް ގެއްލިދާނެކަމުގެ ބިރު ހީވެއެވެ. އެހެންވީމާ އެ ވާހަކަ ނުބުނަން އޭނާ ގަސްތުކުރިއެވެ.

ހާސްވެ ފިކުރު ބޮޑުވުމުގެ ސަބަބުން އިމާމާ ކާ ހިތްވެސް ކެނޑުނެވެ. ކުރިއަށް އޮތީ އަނދިރި ދުވަސްތަކެވެ. ސާލާރް ސިކަންދަރް އަށް އޭނާގެ ހިތުގައި އިތުރަށް ނަފްރަތު އުފެދިއްޖެއެވެ. އޭނާގެ ހިތުގައި ކުރިން ބިރުވެރިކަން އޮތީ ޢާއިލާ އަށެވެ. މިހާރު އެބޮޅަށް ސާލާރް އިތުރުވީއެވެ. އެހީއަށް އެދި ދާންވީ ތަނެއް އޭނާއަކަށް ނޭނގެއެވެ. އިމާމާ އަކީ އަބަދުވެސް މަޑުމައިތިރި ކުއްޖެކެވެ. މިހާރު ކުރިއަށްވުރެ މަޑުމަތިރިވިއެވެ. މީހާ ހިކި އަނަރޫފަ ވާން ފެށިއެވެ. އޭނާއަށް އަންނަމުންދާ ބަދަލު ޑރ. ސިބްތެ ޢަލީ އާއި އޭނާގެ އާއިލާއަށް ފާހަގަކުރެވެއެވެ. އާއިލާގެ އެކި މެންބަރުން އޭނާއާ އެކި ފަހަރު މަތިން ވާހަކަ ދެއްކިއެވެ. އޭނާ ހިތާމަކުރާ ސަބަބެއް އޮޅުން ފިލުވުމަށެވެ.

"އިމާމާ، ކިހިނެއްވީ؟ ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެފަ އިންނަހެން ހީވަނީ." އޭނާ އާ އެންމެ ފުރަތަމަ ވާހަކަ ދެއްކީ މަރިޔަމް އެވެ.

"ކަމެއް ނުވޭ މަރިޔަމް. މަންމަމެން މަތިން ހަނދާންވަނީ." އިމާމާ ވަރަށް އާދައިގެ ގޮތަކަށް ބުންޏެވެ.

މަރިޔަމް އަކަށް އޮޅުވައެއް ނުލެވޭނެއެވެ. "ކީއްވެ މިހާރު ހަނދާންވާންވީ. މިގެއަށް އައިތާ ވެސް ދުވަސްކޮޅެއް ވެއްޖެ މިހާރު. ތި ބަދަލު އަންނަން ފެށީ އިހަކަށް ދުވަހު. މިހާރު ނުވެސް ކަމެއްނު. މީހާ ތިހިރީ ދޮންފޫޑުވެފައި، ލޯ ކައިރިވެސް ކަޅުވެފައި. ރަނގަޅަށް ނުނިދޭތީ އެއީ. އަނެއްކާ ވަރަށް ބޮޑަށް ހިކިއްޖެ. ތިހެން ވާނަމަ ބަލިވެދާނެ."

މަރިޔަމްގެ ވާހަކައަށް އިމާމާއަކަށް އިންކާރެއް ނުކުރެވުނެވެ. އެންޒައެޓީގެ ޝިކާރައަކަށް އޭނާވެފައިވާ ކަން ފެންނަ ކޮންމެ މީހަކަށް އެނގޭނެއެވެ. ނަމަވެސް މަރިޔަމް އަށް ވެސް ސާލާރްގެ ވާހަކަ ކިޔައިދެވޭކަށް ނެތެވެ. ސާލާރް އާ އޭނާގެ ކާވެނީގެ ސިއްރު ހާމައެއް ނުކުރެވޭނެއެވެ.

އަނެއްކާވެސް އޭނާ ބެލީ މަރިޔަމް ގާތު ކޮންމެވެސް އެހެން ވާހަކައެއް ބުނެވޭތޯއެވެ. "މަންމަމެން މަތިން މާބޮޑަށް ހަނދާންވަނީ މިހާރު. ދުވަސްތައް ފާއިތުވި ވަރަކަށް ހަނދާންތައް އާ ވަނީ." މޮޅިވެރި ރާގަކަށް އޭނާ ބުންޏެވެ. އެއީ މުޅިއަކުން ދޮގެއްވެސް ނޫނެވެ. އާއިލާގެ އެންމެން މަތިން އޭނާ ހަނދާންވެއެވެ.

އާއިލާ އާއި ވަކީން ދުރުގައި މިހައި ގިނަ ދުވަސް އޭނާ ދުވަހަކުވެސް ހޭދައެއް ނުކުރެއެވެ. އޭނާ ކިޔަވަން އުޅުނު އިރު އުޅުނީ ލާހޯރްގައި ހުންނަ ހޮސްޓެލް އެއްގައެވެ. ނަމަވެސް މަދުވެގެން މަހަކު އެއްފަހަރު އޭނާ އާއިލާ ގާތަށް ދެއެވެ. ހޮސްޓެލްގައި އުޅުނު އިރު ބައްޕަ ނުވަތަ ބޭބެ ދޭތެރެއަކުން ޒިޔާރަތް އޭނާއަށް ކުރެއެވެ. އަދި އެމީހުންނާ ކޮންމެ ދުވަހަކުހެން ފޯނުން ވާހަކަ ދައްކައެވެ. މިހާރު އޭނާ މިވަނީ މާ ސިންގާ ކަނޑެއްގައެވެ. އާއިލާ މީހުންގެ މޫނުތައް އެއީ ހަމައެކަނި ހަނދާނުގައި ހުރި ތަސްވީރު ތަކެކެެވެ.

އެ މައުޟޫއަށް އިމާމާ ވާހަކަ ދައްކަން ބޭނުންނުވާ ކަން އެނގުމުން މަރިޔަމް މައުޟޫއު ބަދަލުކުރިއެވެ. އިމާމާ ފިކުރު ކުރާ ކަމަކުން އޭނާގެ ޚިޔާލުތައް ދުރަށް ގެންދިއުމުގެ ނިޔަތުގައެވެ.

***

ޑރ. ސިބްތެ ޢަލީގެ ތިން އަންހެން ދަރިން ތިބެއެވެ. މަރިޔަމް އަކީ އެ ތިން ކުދީންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ކާވެންޏަށް ފަހު ދޮށީ ދެ ކުދީން ދިރިއުޅެނީ ލާހޯރުން ބޭރުގައެވެ. އިމާމާ އެގެއަށް އައި ފަހުން މަރިޔަމް ގެ ދައްތަމެން އެ މީހުންގެ މައިންބަފައިންނަށް ޒިޔާރަތްކުރިއެވެ.

އެއީ ޑރ. ސިބްތެ ޢަލީ ހައި ހިތްހެޔޮ އޯގާތެރި ކުދީންނެވެ. އެ މީހުން އަންނަ ކޮންމެ ފަހަރަކު އިމާމާ އަށް އޭނާގެ މަންމަ އާއި ބައްޕަ އަދި އެއްބަނޑު އެއްބަފާ ދައްތަމެނެްގެ މަތިން ހަނދާންވެއެވެ. ވަސީމް އާއި ސާދްގެ މަތިން ވެސް ހަނދާންވެއެވެ. ސާދް އާއި އޭނާޔާ ލޭގެ ގުޅުމެއް ނެތެވެ. ސާދްއަކީ އެގެއަށް ގެނައި ޔަތީމު ކުއްޖެކެވެ. ސާދް އެގެއަށް ގެނައީ އިމާމާ ސްކޫލް ނިމުނު އަހަރުއެވެ. ބީރައްޓެއްސަކު ގޭގައި ދިރިއުޅެން ފެށުން ވީ އިމާމާއަށް މުޅިން އާ ތަޖުރިބާ އަކަށެވެ.

"އަހަރެމެން ސާދު އެޑޮޕްޓް ކުރީ ﷲ އަށްޓަކައި. އެކަލާނގެ ވަނީ އަހަރެމެންނަށް އެތައް ނިޢުމަތެއް ދެއްވާފައި. މިއީ އޭގެ ބަދަލުގައި އަހަރެމެން ކުރާ ކަމެއް." ސާދް އެގެއަށް ގެނައި ދުވަހު އިމާމާގެ މަންމަ އޭނާ ގާތު ބުންޏެވެ. "އެއީ ދަރިފުޅުގެ ކޮއްކޮ."

އިމާމާގެ މައިންބަފައިންނާ މެދު އޭނާ ފަޚުރުވެރި ވިއެވެ. ނިކަމެތީންނަށް އަޅާލައި ލިބިފައިވާ ތަނަވަސްކަން އެފަދަ މީހުންނާ ހިއްސާކުރީތީއެވެ. އޭނާގެ ބޮޑު ބޭބޭ މެން ވެސް ވަނީ ކުދީން އެޑޮޕްޓްކޮށްފައެވެ. ގަދަރުވެރި، ތަނަވަސް އާއިލާ ތަކުންވެސް ނިކަމެތިން ގެނެސް އަމިއްލަ ދަރީންގެ ގޮތުގަައި ބަލައިގަނެއެވެ. ނަމަވެސް އޭގެ ފަހަތުގައި ފޮރުވިފައި އޮތް ޙަޤީޤަތް އޭނާއަށް އެނގުނީ ދާދި ފަހުންނެވެ. ފެށުނީއްސުރެ ސާދް އާއި އިމާމާ ނިދަނީ އެއް ކޮޓަރިއެއްގައެވެ. ދެބޭން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. މެޑިކަލް ކޮލެޖުގައި ކިޔަވަން ފަށައި، އިސްލާމް ދީން ގަބޫލުކުރި ފަހުން އޭނާ ގެއަށް އަންނަ ކޮންމެ ފަހަރަކު ސާދް އަށް ރަސޫލާގެ އެކި ވާހަކަތައް ކިޔައިދެއެވެ. އޭރު ސާދް އަކީ ކުޑަ ކުއްޖެކެވެ. އިމާމާ އޭނާ ގާތު އަބަދު ބުނެއެވެ. "ﷲ އަކީ އެއްކައުވަންތަ ކަލަކަށް ވީ ފަދައިން އަހަރެމެންގެ ރަސޫލާއަކީވެސް އެފަދަ ދެވަނައެއް ނެތް ބޭކަލެއް."

ސާދް އާއި ވާހަކަ ދައްކާ އިރު އޭނާ އަބަދުވެސް ދޭ ނަސޭހަތެއް އޮވެއެވެ. އެ ވާހަކަތައް އާއިލާގެ އެއްވެސް މީހަކާ ހިއްސާ ނުކުރުމަށެވެ. އެކަމަކު އެކަން ސިއްރު ނުކުރެވޭނޭކަން ވެސް އިމާމާއަށް ރަނގަޅަށް އެނގެއެވެ. ސާދް އަށް ވަނީ އާއިލާ އާއި އެ ޖަމާއަތުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައެވެ. އިމާމާގެ ވިސްނުމުގައި ހުންނަނީ ކިޔަވަިއ ނިމި އަމިއްލަ ދިރިއުޅުމެއް ފަށާ ދުވަހަކުން އޭނާ އާއެކު ސާދް ގެންދިއުމަށެވެ. އެއީ ފަސޭހަކަމަކަށް ނުވާނެކަން ވެސް އޭނާއަށް އެނގެއެވެ.

ގެއިން ނިކުމެގެން ދާއިރު ސާދް ގޮވައިގެން ދާން އޭނާ ވަރަށް ވިސްނިއެވެ. އެކަމަކު ސާދް ގޮވައިގެން ހިނގައްޖެނަމަ ކުރިމަތިވާނެ ނުރައްކާ ބޮޑު ކަމުން ނުގެންދިޔައީއެވެ. ޑރ. ސިބްތެ ޢަލީގެ ގޭގެ ދިރިއުޅެން ފެށިފަހުން ވެސް ސާދް ގެނެވޭނެ ނަމައޭ އޭނާގެ ހިތަށް އަރައެވެ. އާއިލާއާ ގުޅުން ކެނޑި، ކުރިއަށްދާނެ މަގު އަމިއްލައަށް ޚިޔާރު ކުރި ކަމުގައި ވީ ނަމަވެސް އާއިލާ އާއި ޖަލާލް އަންޞާރްގެ މަތިން އޭނާ ހަނދާނެއް ނުނެތެއެވެ.

އެކަނި މާއެކަނި ކޮޓަރީގައި އިނދެގެން އެ މީހުންނަށްޓަކައި އޭނާ ކަރުނަ އޮހޮރައެވެ. ކުރިން އޭނާގެ މޫނުމަތިން އެއްވެސް މީހަކަށް އެކަން ފާހަގައެއް ނުކުރެވެއެވެ. ހެނދުނު ނާސްތާ ކުރަން އަންނައިރު ލޯ ދުޅަވެފައި ހުންނާތީ ސުވާލުކުރުމުން އެއީ ރަނގަޅަށް ނުނިދޭތީ ކަމަށް ބުނެ އޮޅުވާލައެވެ. ނަމަވެސް އެއް ރެއަކު ދަންވި ފަހުން މަރިޔަމް އިމާމާގެ ހުއްދަ ނެތި އެ ކޮޓަރިއަށް ވަނެވެ. މާ ބޮޑަށް ދަންވީމާ އޭނާ ހީކުރީ އިމާމާ އޮންނާނީ ނިދާފައި ކަމަށެވެ. އިމާމާ އޮތީ އެނދުގައި އޮށޯވެއެވެ. ގައިގައި ރަޖާ އަޅައިގެން އޮވެ ގިސްލަގިސްލާފައި ރޮނީއެވެ. މަރިޔަމް ކޮޓަރިއަށް ވަންނަން ދޮރުގެ ތަޅުގައި ހިފައި އަނބުރައިލުމުން އިމާމާ މޫނުމަތީގައި ރަޖާ އެޅިއެވެ. އެ ހަރަކާތުން އިމާމާ އޮތީ ހޭލާކަން މަރިޔަމް އަށް އެނގުނެވެ.

"އިމާމާ؟"

އިމާމާ ޖަވާބެއް ނުދިނެވެ.

"އިމާމާ، ނިދަނީތަ؟" މަރިޔަމް އެނދުކައިރިއަށް ގޮސް އިމާމާގެ މޫނުމަތިން ރަޖާ ނެގިއެވެ. އިމާމާގެ މޫނު ވަނީ ކަރުނައިން ފޯވެފައެވެ. "އިމާމާ! ވަރުބަލިވެފައި ހުންނަނީ ކީއްވެކަން މިހާރު މިއެނގުނީ." އޭނާ އިމާމާ ކޮޅަށް ނެގިއެވެ. "މީގެ ފަހުން ނިދާނީ އަހަރެންގެ ކޮޓަރީގައި." މަރިޔަމް ބުންޏެވެ.

އިމާމާ މަރިޔަމް އާ އެކު އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަނގައިން ބުނާނެ ހިތްވަރެއް ނެތެވެ. އެރެއަށް ފަހު އިމާމާ ނިދަނީ މަރިޔަމް ގެ ކޮޓަރީގައެވެ. ނަތީޖާއެއްގެ ގޮތުން ރޭގަނޑު ރުއިން ހުއްޓުނެވެ. ނަމަވެސް ހަމަ ނިންޖެއް ނުލިބެއެވެ. ބައެއް ރޭރޭ އިރު އަރަންދެން އޭނާ އޮންނަނީ ހޭލައެވެ.

މަރިޔަމްގެ ކޮޓަރީގައި ހުރި މެޑިކަލް ފޮތްތައް ފެނުމުން އޭނާ ވަރަށް ދެރަވެއެވެ. އެ ޙަޔާތް އެއީ މާޒިކަން އެނގޭއިރުވެސް އެވެ.

ހެނދުނު ޑރ. ސިބްތެ ޢަލީ އޮފީހަށް ދެއެވެ. އަދި މަރިޔަމް ކޮލެޖަށް ދެއެވެ. އިމާމާ އެ ވަގުތު ހޭދަކުރަނީ ސިބްތެ ޢަލީގެ އަންހެނުންނާ އެކުއެވެ. ސިބްތެ ޢަލީގެ އަންހެނުން އަބަދުވެސް އިމާމާ ކޮންމެވެސް ކަމަކާއިގެން މަޝްޣޫލުކުރެވޭތޯ ބަލައެވެ. ނަމަވެސް ދޭތެރެއަކުން އިމާމާ ފިކުރު ބޮޑުވާ ފަހަރު އާދެއެވެ. ސާލާރް އާއި އަލުން ގުޅާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. ފިކުރު ބޮޑުވުން ނޫން އެހެން ކަމެއް ނުވާނެކަން އެނގޭތީއެވެ.

***

ޑރ. ސިބްތެ ޢަލީގެ ގެއަށް އޭނާ އައިފަހުން މިޙާރު ތިން މަސް ވީއެވެ. އެއްދުވަހަކު އޭނާ އިމާމާ އަށް ގޮވިއެވެ.

"އިމާމާ. ގެއިން ނިކުތްތާ ވެސް މިހާރު ދުވަސްކޮޅެއް ވެއްޖެ. ދަރިފުޅު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދޭ. އެކަމަކު މިހާރު ކުރިން ކުރާ ވަރަކަށް މަސައްކަތެއް ނުކުރޭ. ދަރިފުޅު ދެން ކަންތައް ކުރާނެ ގޮތަކާ މެދު ވިސްނައިފިންތަ؟" އޭނާ އެހިއެވެ.

"ކިޔަވަން ބޭނުން." އިމާމާ ބުންޏެވެ.

އެ ޖަވާބުން ޑރ. ސިބްތެ ޢަލީ އިތުރު ސުވާލެއް ކުރިއެވެ.

"ދިރިއުޅުމެއް ފެށުމާ މެދު އެބަވިސްނަންތަ؟"

"ދިރިއުޅުމެއް... ނޭނގޭ..." އިމާމާ ބުންޏެވެ.

"މިހާރު މިއޮތް ގޮތުން ދެން އެންމެ ރަނގަޅުވާނީ އަވަހަަށް މީހަކާ އިނިއްޔާ. ރަނގަޅު އާއިލާއެއްގެ ކުއްޖަކާ އިނދެވިއްޖެނަމަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ." ޑރ. ސިބްތެ ޢަލީ ބުންޏެވެ. "ރަނގަޅު އާއިލާތަކަށް ނިސްބަތްވާ ކުދީން އަހަންނަށް އެނގޭ. ދަރިފުޅު އެއިން އެކަކާ އިންނަންވީނު؟"

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.