އެއްބަސްވުމަކާ ނުލާ އީޔޫއިން ވަކިވާނަމަ އިނގިރޭސި 5 މިނިސްޓަރަކު އިސްތިއުފާދެއްވަނީ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން

ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމާ ބެހޭ އެއްބަސްވުމަކަށް ނާދެވި މި މަހުގެ 31 ވަނަ ދުވަހު އިނގިރޭސިވިލާތް އެ ޖަމާއަތުން ވަކިވެއްޖެ ނަމަ، ބޮޑުވަޒީރު ޖޮންސަންގެ ސަރުކާރުގެ ފަސް މިނިސްޓަރަކު ތިބީ އިސްތިއުފާދެއްވަން ތައްޔާރަށް ކަމުގައި އިނގިރޭސިވިލާތުގެ ނޫހަކުން ބުނެފިއެވެ.

އެ ރިޕޯޓު ބުނާގޮތުން ކަލްޗާ މިނިސްޓަރ ނިކީ މޯގަން، މިނިސްޓަރ ފޯ ނޯދަން އަޔަލޭންޑް ޖޫލިއާން ސްމިތު، ޖަސްޓިސް މިނަސްޓަރ ރޮބަޓް ބަކްލޭންޑް، ހެލްތު މިނިސްޓަރ މެޓް ހޭންކޮކް އަދި އެޓާނީ ޖެނެރަލް ޖެފްރީ ކޮކްސް އަކީ 'އިސްތިއުފާ ލިސްޓު' ގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.

31 އޮކްޓޯބަރާއި ހަމައަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އީޔޫއިން ވަކިވުން (ބްރެގްޒިޓް) ލަސްކުރަންޖެހޭ ގަރާރެއް އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލިސް، ހައުސް އޮފް ކޮމަންސްގެ އަޣުލަބިއްޔަތުން ފާސްކޮށްފައި ވިޔަސް، ޖޮންސަން ގެންދަވަނީ، އެއްބަސްވުމަކާ ނުލައިވެސް އިނގިރޭސިވިލާތް އެ ދުވަހު އީޔޫއިން ވަކިވާނެކަމަށް ވިދާޅުވަމުންނެވެ.

ނަން ހާމަކުރައްވަން ބޭނުންފުޅު ނުވާ ވަޒީރަކާ ހަވާލާ ދީ އެ ނޫހުން ބުނެފައިވާ ގޮތުގައި އެއްބަސްވުމަކާ ނުލައި އިނގިރޭސިވިލާތް އީޔޫއިން ވަކިވާން (ނޯ ޑީލް ބްރެގްޒިޓް) ޖެހިއްޖެ ހާލަތެއްގައި، ގާނޫނުހަދާ މަޖިލީހުގައި ތިއްބެވި ވެރިކަންކުރާ ކޮންޒާވެޓިވް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެންބަރުންތަކެއް އެ ޕާޓީ ދޫކުރައްވާނެއެވެ.

ބޮޑުވަޒީރު ޖޮންސަން ވަނީ އިއްޔެގެ ވަގުތެއްގައި ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލްއަށް ފޯނުން ގުޅުއްވައި 'ބްރެގްޒިޓް' ގެ މައްސަލައިގައި ވާހަކަފުޅުދައްކަވާފައެވެ. އެ ފޯނު ކޯލުގެ މައުލޫމާތު  އެނގޭ ބައެއް ފަރާތްތަކާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުގައި ޗާންސެލާ މާކެލް ވަނީ ޖޮންސަން ބޭނުންފުޅުވާ ގޮތަށް އީޔޫއިން އިނގިރޭސިވިލާތް ވަކިވުމަކީ ވާނޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާ މެދު އާއްމުން ދެކޭ ގޮތް ބަލަން 2016 ވަނަ އަހަރުގެ ޖޫން މަހު ނެގި ފެންނަ ނުފެންނަ  ވޯޓުގައި އެކަމަށް ތާއީދުކުރީ %51.9 މީހުންނެވެ. މި ވޯޓާ ގުޅިގެން 2107 ވަނަ އަހަރު މާރިޗު މަހު އިނގިރޭސި ސަރުކާރުން ނިންމީ 29 މާރިޗު 2017 ގައި ފެށޭ  2 އަހަރުގެ އިންތިގާލީ މަރުހަލާއަކަށް ފަހު 29 މާރިޗު 2019 ގައި އިނގިރޭސިވިލާތް އީޔޫއިން ވަކިވާނެ ކަމުގައެވެ. އެހެންނަމަވެސް، އެ ދުވަސް ފަހަނައަޅައިގޮސް، 31 އޮކްޓޯބަރާ ހަމައަށް މުއްދަތު އިތުރުކުރުމުންވެސް އިނގިރޭސި ސަރުކާރަށް މިވަނި އެކަން ކުރާނެ ގޮތަކާމެދު އެއްބަސްވަމަކަށް ނާދެވިފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.