އިނގިރޭސިވިލާތް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކިވުމުގެ (ބްރެގްޒިޓް ގެ) މައްސަލައިގައި އެއްގަލަކަށް އެރޭތޯ އިނގިރޭސި މައި ދެ ޕާޓީ، ވެރިކަން ކުރާ ކޮންޒާވެޓިވް ޕާޓީއާއި އިދިކޮޅު ލޭބާ ޕާޓީ ކުރަމުން އައި މަޝްވަރާތައް ހުއްޓުމަކަށް އަތުވެއްޖެއެވެ. ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވަނީ އޭނާގެ ޕާޓީ މަޝްވަރާތަކުން ވަކިވެފައިވާ ކަން އިއުލާންކުރައްވާފައެވެ. ކޯބިން ވިދާޅުވީ މަޝްވަރާތަކުގައި "ދެވޭނެ އެންމެ ކުރިއަކަށް ދެވިފައިވާ" ކަމުގައެވެ. އަދި "އަހަރުމެންގެ ސިޔާސަތުތަކުގެ މެދުގައި ހުރި މުހިއްމު ތަފާތުތައް އެއްގޮތް ނުކުރެވުނު" ކަމުގައެވެ.
1973 ވަނަ އަހަރު އިނގިރޭސިވިލާތުން މެންބަރަކަށްވި ޔޫރަޕްގެ އިއްތިހާދުން ވަކިވާން %52 ގެ ކުޑަ އަޣުލަބިއްޔަތުން ނިންމިތާ ތިން އަހަރުވެ ވަކިވާން ބުނި މުއްދަތު ފާއިތުވެ ދިޔައިރުވެސް، ވަކިވާނެ ގޮތަކާ އަދި ދުވަހަކާމެދު މިވަނީ އެއްބަސްވުމަކަށް ނާދެވިފައެވެ. މިހާރު ދީފައި އޮތް ވަގުތީ ސުންގަޑިއަކީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހެވެ.
ލޭބާ ޕާޓީއާއި އެކު ކުރަމުން މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމުމާއެކު އިނގިރޭސި ބޮޑުވަޒީރު ޓެރޭސާ މޭގެ ބޮޑުވަޒީރުކަންވެސް ނިމުމަކަށް އައުން ކައިރިވީކަމަށް ބެލެވެއެވެ. އީޔޫއިން ވަކިވުމާ ގުޅޭގޮތުން އަންނަ ޖޫން މަހު ހައުސް އޮފް ކޮމަންސްގައި ނަގާ ވޯޓު ކާމިޔާބު ނުވެއްޖެނަމަ މޭ އިސްތިއުފާދެއްވާނެ ކަމަށް ބެލެވެއެވެ. ލޭބާ ޕާޓީއާއެކު އެއްބަސްވުމަކަށް ނާދެވުމުން އެ ވޯޓު ކާމިޔާބުވުމުގެ ފުރުސަތު ކުޑައެވެ. ޓެރޭސާ މޭ އިސްތިއުފާ ދެއްވައިފިނަމަ ބޮޑުވަޒީރުކަމަށް އެންމެ ބޮޑަށް ވާދަކުރައްވާނެކަމަށް ބެލެވެނީ ކުރީގެ ޚާރިޖީ ވަޒީރު ބޮރިސް ޖޮންސަންއެވެ. އޭނާއަކީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވި އެއް ބޭފުޅާއެވެ.
އީޔޫން ވަކިވާނެ އުސޫލުތައް ކަނޑައެޅުމުގައި ވެރިކަންކުރާ ކޮޏްޒާވެޓިވް ބައިބައިވެފައި ވާއިރު، ހައުސް އޮފް ކޮމަންސްގައި ތިއްބެވި އެޕާޓީއަށް ނިސްބަތްވާ ގިނަ މެންބަރުން ތިއްބެވީ ޓެރޭސާ މޭ ހުށަހަޅުއްވާ ކޮންމެ ހުށަހެޅުއްވުމަކާ ދެކޮޅަށް ވޯޓުދެއްވާށެވެ.
ބޮޑުވަޒީރު މޭއާ އެކު ކުރަމުން އައި މަޝްވަރާތަކުން ލޭބާ ޕާޓީ ވަކިވި މައިގަނޑު އެއް ސަބަބަކީ މޭގެ ޕާޓީ ބައިބައިވެފައި ވުމުގެ ސަބަބުން އޭނާއަށް ބޮޑުވަޒީރުކަމުގައި ދެމިހުންނެވޭނެކަމުގެ ޔަގީންކަން ނެތުމުންނެވެ. އެފަދަ ހާލަތެއްގައި މޭއާކު ލޭބާ ޕާޓީން އެއްބަސްވާ ކަންކަމަށް ދެން ވަޑައިގަންނަވާ ބޮޑުވަޒީރަކު އަމަލުނުކުރެއްވުމަކީ ގާތް ކަމެކެވެ.