އިނގިރޭސިވިލާތް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކިވުމާ (ބްރެގްޒިޓާ) ބެހޭގޮތުން ދެވަނަ ވޯޓެއް ލުމަށް ގޮވާލައި ލަންޑަނުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފިއެވެ.
ޔޫރަޕިޔަން ޔުނިއަނުން ވަކިވުމާ ދެކޮޅު މީހުން ޕާލަމަންޓް ކުރިމައްޗަށް އެެއްވެ ގޮވާލާފައި ވަނީ 'ރައްޔިތުންގެ ވޯޓެއް އަލުންނަގައި، އީޔޫއިން އިނގިރޭސީން ވަކިވުމުގެ ކަންތައް ކުރިއަށް ދާނެގޮތާމެދު ބޮޑުވަޒީރު ޓެރޭސާ މޭ އީޔޫއާއެކު ހައްދަވާ އެއްބަސްވުން ނިންމުމުގެ ކުރިން އާއްމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހެޅުމަށެވެ.
"އެ ވޯޓުލައި ނިމިމުން އަހަރެންގެ ލޮލުން ކަރުނަ އޮހުނު. މުސްތަގުބަލު ވަރަށް ނުބައިކޮށް ފެނުނީ" ލަންޑަނުގައި ދިރިއުޅޭ އިޓަލީ އަންހެނެއް ކަމަށްވާ ޗިއަރާ ލިޑޫރީ ބުންޏެވެ.
"ބަރެގްޒިޓަކީ ވަރަށް ނުބައި ކަމެެއް. އެއީ އަަަަހަރުމެން ހަަމައެކަނި ކަންކަން އޮތް ގޮތަށް ބާއްވަން އެދޭތީއެއް ނޫން. ބަދަލުތައް ގެންނަންވެސް އެތެރޭގައި ތިބުން މުހިއްމުކަމަށް ވާތީ" އޭނާ އިތުރަށް ބުންޏެވެ.
އިއްޔެގެ މުޒާހަރާ ފެށުނީ ލަންޑަނުގެ ޕޯލް މޯލް މަގުންނެވެ. ދެން ބޮޑުވަޒީރުގެ އޮފީސް 10 ޑައުނިންގ ސްޓްރީޓުން ލާފައި ގޮސް މުޒާހަރާގެ ބައިވެރިން ހުއްޓުނީ ހައުސް އޮފް ޕާލަމަންޓް ކުރިމަތީގައެވެ. އެތާނގައި ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ވިންސް ކޭބަލްއާއި، ބޮޑުވަޒީރު ޓެރޭސާ މޭގެ ކޮންޒާވެޓިވް ޕާޓީން ބްރެކްޒިޓާ ދެކޮޅަށް ނުކުންނަވާފައިވާ އަނާ ސޯބްރީ މުޒާހަރާގެ ބައިވެރިންނާ މުޚާޠަބުކުރެއްވިއެވެ.
ސަރުކާރުން އީޔޫއާއެކު އެކުލަވާލާ އެއްބަަސްވުމަށް ރައްޔިތުން ނޫނެކޭ ބުނެފިނަަމަ ދެން ކަންތައް ވާނެގޮތް ނޭނގުމެއްގެ ތެރޭގައި ވާއިރުވެސް، ފާއިތުވި ހަފުތާގެ ތެރެގައި ނެގުނު ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާގޮތުގައި އިނގިރޭސިންގެ ތިންބައިކުޅަ ދެބައި މީހުން ބޭނުންވަނީ އެފަދަ އެއްބަސްވުމެއް ރައްޔިތުންގެ ވޯޓަކުން ފާސްކުރުމަށެވެ.
ޓެރޭސާ މޭގެ ސަރުކާރު މިހާރު ތައްޔާރުވަމުން ދަނީ އީޔޫން ނުކުންނާނެ ގޮތް ކަނޑައެޅުމާ ބެހޭ އެެއްބަސްވުމާ ގޮޅޭ ވާހަކަތަކުގެ އައު ބުރެއް ފެށުމަވެ.
ޔޫރަޕިއަން ޔުނިއަނުން އިނގިރޭސިވިލާތް ވަކިވުމާ ބެހޭގޮން އާއްމުންގެ ފެންނަ ނުފެންނަ ވޯޓު ނެގުނީ 29 މާރިޗު 2017 ގައެވެ. އެދުވަހުގެ ވޯޓުގައި އީޔޫ އިން ވަކިވާން ތާއީދުކުރީ %51.9 މީހުންނެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން 29 މާރިޗު 2019 ގައި އިނގިރޭސިވިލާތް އީޔޫ އިން ވަކިވާނެއެވެ.