ބޮލީވުޑްގެ ރީތީ ގެ ރާނީ ސާރާ އަލީ ޚާން އާއި އޭނާގެ ކޮއްކޮ އިބްރާހީމް އާއެކު މަޖައްލާއެއްގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފިއެވެ. މިއީ ސައިފް އަލީ ޚާންގެ ދެބެން އެކުގަިއ މަސައްކަތް ކުރި ފުރަތަމަ ޕްރޮޖެކްޓެވެ. ދައްތަ އާއެކު އިބްރާހީމް މަސައްކަތް ކުރީ ހެލޯ މެގަޒިން އަށެވެ.
ސާރާ އާއި އިބްރާހީމްގެ ފޮޓޯ ޝޫޓުގެ ބައެއް ފޮޓޯތައް ސާރާ ވަނީ އޭނާގެ އިނސްޓެގްރާމްގައި ޝެއަރކޮށްފައެވެ. އޭގެ ތެރެއިން އެއް ފޮޓޯއެއްގެ ކެޕްޝަންގައި "ޔޯ ބްރޯ" ލިޔެފަިއ ވެއެވެ. މި ފޮޓޯއަށް ބޮލީވުޑްގެ ތަރީން ހިމެނޭހެން ގިނަބަޔަކު ތައުރީފުކޮށްފައިވެއެވެ. އޭގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ ވެސް ހިމެނެއެވެ.
މި ފޮޓޯ ޝޫޓުގައި ސާރާއާއި އިބްރާހީމް ބޭނުންކުރީ އިންޑިއާގެ މަޝްހޫރު ޑިޒައިނަރ ޑުއޯ އަބޫޖާނީ އެންޑް ސަންދީޕް ޚޯސްލާގެ ހެދުންތަކެވެ. ޚާއްޞަ ހަފްލާތަކުގައި ސާރާ އާއްމުކޮށް ބޭނުންކުރަނީ އަބޫޖާނީގެ ހެދުންތަކެވެ. އިންސްޓެގްރާމްގައި ސާރާ ޝެއަރކުރި ފުރަތަމަ ފޮޓޯ މިލިއަނަކަށް ވުރެ ގިނަ މީހުން ލައިކް ކޮށްފައިވެއެވެ.
ސާރާ އަކީ ބޮލީވުޑާ އަލަށް ގުޅުނު ތަރީންގެ ތެރެއިން ބެލުންތެރީންގެ ހިތް އަތުލާފައިވާ ތަރިއެކެވެ. އޭނާގެ ހިތް ތިރިކަމާއި އޯގާތެރިކަމަށްޓަކައި އެތައް ބައެއްގެ ތައުރީފު އޭނާއަށް ލިބެއެވެ. ބޮލީވުޑާ ގުޅުމުގެ ކުރީން އޭނާ ވަނީ އެމެރިކާގެ ކޮލަމްބިއާ ޔުނިވަރސިޓީ އިން ހިސްޓްރީ އާއި ޕޮލިޓިކަލް ސައެންސް އިން ޑިގްރީ އެއ ހާސިލްކޮށްފައެވެ. އޭނާ އަކީ އާދަޔާ ޚިލާފަށް ތޫނުފިިލި މޮޅު ކުއްޖެކެވެ.
ބޮލީވުޑްގައި މަސައްކަތް ކުރަން ފެށި އިރު އެތައް ގޮން ޖެހުންތަކެއް ކުރިމަތިވީ ނަމަވެސް ފުރަތަމަ ފިލްމު ރިލީޒް ވުމަށްފަހު އޭނާ ދަނީ އަވަދި ނެތި ފިލްމުތަކުގައި މަސައްކަތް ކުރަމުންނެވެ. އޭނާއަށް މިހާރު ފިލްމު ފެއަރގެ ބެސްޓް ޑެބިއު އެވޯޑާއި އަދި އައިފާ ސްޓާރ ޑެބިއު އެވޯޑް ލިބިފައިވެއެވެ.
ފުރަތަމަ ފިލްމު، ކެދަރްނާތުގައި އޭނާ މަސައްކަތް ކުރީ ސުޝާންތް ރާޖްޕުތު އާއެކުއެވެ. އެއަށް ފަހު ރަންވީރް ސިންހާ އެކު ސިމްބާގައި މަސައްކަތް ކުރިއެވެ. އަދި ކަރްތކް އާރްޔަން އާއެކު އިމްތިޔާޒް އަލީގެ ފިލްމެއްގެ މަސައްކަތް ދާދި ފަހުން ކުރިއެވެ. މިހާރު މަސައްކަތް ކުރަމުންދަނީ ޑޭވިޑް ދަވަންގެ "ކޫލީ ނަމްބަރ 1" ގައެވެ. މި ފިލްމުގައި ސާރާާ މަސައްކަތް ކުރަނީ ޑޭވިޑް ދަވަންގެ ދަރިފުޅު ވަަރުން ދަވަން އާއެކުއެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރީންގެ ދަރިން ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރިނަމަވެސް އަދި އިބްރާހީމް ކުރިއަށްދާނެ ވަކި ދާއިރާއެއް ނޭނގޭ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ.