ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މީހުންގެ އެންމެކުޑަ އުޖޫރަ އަންނަ އަހަރު ކަނޑައެޅޭނެ: ރައީސް

ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުންގެ އެންމެކުޑަ އުޖޫރަ އަންނަ އަޖަރު ކަނޑައެޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އޭގެ އިތުރަށް ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ފަރާތްތަކުގެ އެންމެ ދަށް އުޖޫރަ ވެސް އަންނަ އަހަރު ތެރޭގައި ކަނޑައަޅައި އެކަން ތަންފީޒުކުރެވިގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝީޢާރުން ދޭހަވެގެން ދަނީ ފަތުރުވެރިކަމުން ލިބޭ މަންފާ އެންމެންނަށް ލިބޭނެ ގޮތަށް ކަންކަން ރޭވުންކަން އެނގިގެންދާ ކަމަށެވެ. ފަތުރުވެރިކަމުގެ މިއަހަރުގެ ޝިޢާރަކީ "ފަތުރުވެރިކަމާއި ވަޒީފާ-އެންމެންނަށް ބާއްޖަވެރި ކުރިމަގެއް" އެވެ. މި ޝިޢާރަށް ބަލާއިރު ދިވެހީންގެ ފަރުދީ ފުދުންތެރިކަމާއި، ޢާއްމު ދިރިއުޅުމާއި ފަތުރުވެރިކަން ގުޅިލާމެހިފައިވާ މިންވަރު ހާމަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންފުޅުވަނީ ރިސޯޓްތަކުގެ ވަޒީފާތަކުގެ ތެރެއިން މަތީ މަޤާމުތަކުން ދިވެހީންނަށް ފުރުސަތު ލިބޭގޮތަށް ފަތުރުވެރިކަން ކުރިއަރުވަން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިހާރު އަންނަނީ ހަލުއިކަމާއެކު ކުރިއަރަމުންކަމަށެވެ. އެހެންވި ސަބަބެއް ކަމަށް ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނަށް އައި ހަމަޖެހުން ކަމަށެވެ. އެހެންވުމުން ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރިހަމަ އިތުބާރު އިންވެސްޓަރުންނަށް ލިބިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޓޫރިޒަމް ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް އިތުރުވަމުން އަންނަ ވަރަކަށް، އެ ދާއިރާތަކަށް ދިވެހި ޒުވާނުން އުފެއްދުމަކީވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. ކިތަންމެ އާދައިގެ ވަޒީފާތަކެއް ވިޔަސް، އެކަމާ ގުޅޭ ތަމްރީނާއި ތަޢުލީމާ އެކުގައި މީހުން ބިނާކުރުމުން، ވަޒީފާގައި ދެމިތިބޭ ނިސްބަތް އިތުރުކުރެވޭނެކަން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ރިސޯޓްތަކުގެ ވަޒީފާތަކުގައި މިހާރުވެސް ވަރަށް ގިނަ ޢަދަދެއްގެ ބިދޭސީން އެބަތިބި ކަމަށާއި ހަމައެއާއެކު، ވަޒީފާނެތި ދިވެހި އެތައް ޒުވާނުންނެއް އެބައުޅޭކަމަށް ރައީސް ވިދާޅުވިއެވެ. ރިސޯޓްތަކުގައި ބިދޭސީން މިހާރު ކުރަމުންދާ މަސައްކަތްތައް މާފުރިހަމައަށް ކުރާނެ ބައިވަރު ދިވެހިން އެބައުޅޭކަމަށް ވެސް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ފަތުރުވެރި ވަޒީފާތަކަށް ދިވެހި ޒުވާނުން ޝައުޤުވެރިކޮށް، ދިވެހިންނަށް ފުރުޞަތު ހޯދައިދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް. އަޅުގަނޑުމެން އިފްތިތާޙުކުރި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް، އެންމެ މުހިންމު އިސްކަމެއް ދީފައިވާނީ، ފަޚުރުވެރި ފުދުންތެރި ޢާއިލާއެއް ބިނާކުރުމަށް. އެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި، ސަރުކާރާއި އަމިއްލަ ކޮންމެ މުއައްސަސާއަކުން އަދާކުރަންޖެހޭ ޒިންމާތަކެއް އެބަހުރި. ޤައުމެއް ތަރައްޤީ ކުރެވެނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން. އެކަމަށްޓަކައި ވަކި ރޭވުންތަކެއް ރާވައިގެން މަސައްކަތްކުރާއިރު، ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް މިއަދު އެބަ ބޭނުންވޭ." ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ދެފަހަރު ދެއަނގައިން ވާހަކަ ދައްކަނީ ނެރުނު އެސް އޭޕީ ގަ އޮތީ 2019 ގަ ކަމަށް. އަހަރެމެެންގެ ވޯޓް ކައުންސިލް އިންތިހާބަށް މޑޕ އަށް ހަރާމް.
    ކޮންމެ ކުންފުންޏަކުންވެސް ބަޖެޓް ކުރަނީ އަހަރުން އަހަރަށް.2019 ގަ މިނިމަމްވޭޖް ކަނޑަ އަޅއިން 2020 ގަ ދެވޭނީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.