ފަތުރުވެރިކަން ކުރިއެރުވުމަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު، ތިމާވެށީގެ ޙިމާޔަތަށް ދެފިޔަވަޅުކުރިއަށް އަޅަން މަޖުބޫރު- ރައީސް

 ފަތުރުވެރިކަން ކުރިއެރުވުމަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު، ތިމާވެށީގެ ޙިމާޔަތަށް ދެފިޔަވަޅު ކުރިއަށް އަޅަން އަޅުގަނޑުމެންނަށް މަޖުބޫރުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ވިދާޅުވެއްޖެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ކްރޮސް ރޯރޑްގައި މިރޭ ބޭއްވި ގާލާ ނައިޓް އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަ ފުޅުގައެވެ.

ސަރުކާރުން ބޭނުންވާ ތަރައްޤީގެ ޙަޤީޤީ ތަޞައްވުރަކީ، ޖަޒީރާވަންތަ ސިފަތަކާއެކު، ކުރިމަގުގެ ޖީލަށް ރާއްޖެ ގެންގޮސްދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން އެންމެ ބޮޑަށް ގުޅިފައިވަނީ، މިރާއްޖޭގެ ޤުދުރަތީ ވެށްޓާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަން ކުރިއެރުވުމުގައިވެސް، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހެނީ މި ސަބަބުތަކަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ރާއްޖޭގައި މާގިނަ އާސާރީ ތަންތަނާއި، މާގިނަ ސަގާފީ ތަރިކަތަކެއް ނެތް. ނަމަވެސް މަދު ޤައުމަކަށް ނޫނީ ލިބިފައިނުވާ ޠަބީޢީ ހިތްގައިމުކަމެއް މި ރާއްޖެއަށް ވަނީ ލިބިފައި. ކަނޑުފަޅުތަކާއި، ގިރިފަރުތަކާއި، ނޫ ވިލުތަކަކީ، މި ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ޤުދުރަތީ މުއްސަނދިކަން. ދޮންވެލި ގޮނޑުދޮށްތަކާއި، ތުނޑިތަކާއި، ހޭޅިފަށާއި، ވައުތަކާއި، ކުޅިތަކާއި، ފާތަކުގައި އެވާ ދިރުންތަކަކީވެސް، މި ރާއްޖޭގެ ޖަޒީރާވަންތަކަމުގެ ވަރަށް މުހިންމު ބައެއް. އެހެންކަމުން، ފަތުރުވެރިކަން ކުރިއެރުވުމަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު، ތިމާވެށީގެ ޙިމާޔަތަށް ދެފިޔަވަޅު އަޅަން އަޅުގަނޑުމެންނަށް މަޖުބޫރުވޭ." ރައިސް ޞާލިޙް ވިދާޅުވިއެވެ.

ތިމާވެށީގެ ޙިމާޔަތަށް ކުރަން، ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުންކަން ރައީސް ޞާލީހް ފާހަގަކުރެއްވިއެވެ. 2023 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖެއަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންނުކުރާ ޤައުމަކަށް ހަދަން، ސަރުކާރުން މިހާރު ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ މިއީ ވަރަށް މުހިންމު، ވަރަށް ބޭނުންތެރި ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ އެއް ފަރާތަކީ، ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ ފަރާތްތައް. ފަތުރުވެރިކަމާ ގުޅިފައިވާ މި މުހިންމު ލަނޑުދަނޑި ހާސިލުކުރުމަށް، ސަރުކާރާ ގުޅިގެން، ހުރިހާ ރިސޯޓްތަކުން މަސައްކަތްކޮށްދެއްވުމަކީ، އަޅުގަނޑުގެ ވަރަށް މުހިންމު އެދުމެއް."  ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޓޫރިޒަމް ރާއްޖެއަށް ތަޢާރަފްވެގެން އައި ގޮތާއި ޓޫރިޒަމް ތަޢާރަފް ކޮށްދެއްވި ބޭފުޅުން ކޮށްދެއްވި މަސައްކަތް ފާހަގަ ކުރެއްވިއެވެ. މިއަދު ރާއްޖެ ދެކޭ ފަތުރުވެރިކަމުގެ ފަޚްރުވެރި ޝަރަފުވެރިންނަކީ އެއީކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.