ކޯލިޝަން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެބައޮތް: ރައީސް

ސަރުކާރު ހިންގާ ކޯލިޝަން ދެމި އޮންނާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ވިދާޅުވީ ކޯލިޝަން ދެމެހެއްޓުމަށް 4 ލީޑަރުން ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. ކޯލިޝަން ރޫޅޭވަރުގެ އެއްވެސް ކަމެއް އަދި ނުހިނގާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ކޯލިޝަން ރޫޅޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި ކޯލީޝަންގެ 4 ލީޑަރުން ކަމަށްވާ މައުމޫން ޢަބްދުލްޤައްޔޫމާއި، މުޙައްމަދު ނަޝީދާއި، ޝައިޚް ޢިމްރާން ޢަބްދުﷲ އާއި ޤާސިމް އިބްރާހީމާ މި ބޭފުޅުން ތިއްބެވީ ވަރަށް ސާބިތު ކަމާއެކުގައި ކަމަށެވެ.

ކޮންމެ ދުވަހަކު އެބޭފުޅުންނާ ބައްދަލު ކުރެވި ވާހަކަ ފުޅު ދައްކަވާ ކަމަށާއި ކޯލިޝަން ރޫޅުމުގެ އެއްވެސް ޖާގައެއް އެއިން އެއްވެސް ބޭފުޅަކު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޯލިޝަން ރޫޅޭނެ ކަމަށް އަޅުގަނޑު ނުދެކެން. ކޯލިޝަންގެ ހަތަރު ލީޑަރުންވެސް ތިބީ ސާބިތުކަމާއެކު. ދުވާލަކު ދެތިން ފަހަރަކު އަޅުގަނޑު އެބަ ވާހަކަ ދައްކަން. އެކަމަކު މައްސަލައެއް ނުފެނޭ،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި ކުރިއަށް ދާނެ ގޮތުގެ އެއްބަސްވުމެއް ހުރިހާ ޕާޓީތަކުގެ މެދުގައި ހެދިފައިނެތީމައި ކޮންމެ ޕާޓީއަކުން ވެސް ގޮނޑި ހޯދަން މަސައްކަތް ކުރައްވަނީ ކަމަށެވެ. އެއީ މައްސަލައެއް ކަމަށް ދެކެ ވަޑައި ނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.