އެންމެ އިސްކަން ދޭންޖެހިފައިވަނީ ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތްކޮށްދިނުމަށް: ރައީސް

ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގައި އެންމެ އިސްކަމެއް ދޭން ޖެހިފައިވަނީ ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތް ކޮށްދިނުން ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދް ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރރިއޔާ މިހެން ވިދާޅުވީ މިއަހަރުގެ ބައިނަލްއަގުވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސް ވިދާޅުވިގޮތުގައި ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ، މިނިވަންކަން ހިފެހެއްޓި، ގައުމަށް ލޮޅުން އަރައިގެން ދިޔަ މިންވަރު ރައްޔިތުންނަށް ވަޒަންކުރެވިއްޖެއެވެ. އަދި މުއައްސަސާތައް ބަލިކަށިވެ، ދައުލަތް ހިިންގުމުގެ ނިޒާމު ފާލުން ނެއްޓި، އޭގެ ގެއްލުންވެސް ރައްޔިތުންނަށް ވަނީ އިހުސާސްކޮށްފައެވެ. ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމުން ގައުމުގައި ހަމަޖެހުން ގާއިމުވެގެންދާ ގޮތް ވެސް ރައްޔިތުން އަމަލީގޮތުނުް ތަޖުރިބާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައޔިތުންގެ ނިންމުމާ އެއްގޮތަސް ކަންކަން ބަދަލުވެފައިވާ އިރު މިހާރު ކުރަންޖެހިފައިވާ އެނެމެ މުހިއްމު ކަމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިންސަނީ ހައްގުތަކާއި، އަސާސީ ހައްގުތައް ހިމާޔަތް ކުރުމާއި ރައްކާތެރިކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

"އޭގެ ތެރެއިންވެސް އެންމެ އިސްކަން ދޭންޖެހިފައިވަނީ، ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ޙިމާޔަތް ކޮށްދިނުމަށެވެ. ޢަދުލުވެރިކަމާއި ހާމަކަމާއެކު، އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ނަގަހައްޓައިދިނުމަށެވެ. ވަޒީފާ އަދާކުރުމާއި އާމްދަނީ ހޯދުމުގެ ޙައްޤު ރައްކާތެރި ކޮށްދިނުމަށެވެ." ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ޑިމޮކްރެސީ ދުވަހުގެ ޝިޢާރުގެ ގޮތުގައި އ.ދ. އިން ކަނޑައަޅާފައިވާ ޝިޢާރަކީ "ޕާޓިސިޕޭޝަން" (ބައިވެރިވުން) އެވެ. ގައުމުގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ބައިވެރިވުމަކީ މުހިއްމު ކަމެއް ކަމަށާއި، މިދިޔަ މަދު އަހަރުތަކުގެ ތެރޭގައި ރައްޔިތުން އެކަންކަން ގާތުން ތަޖުރިބާކޮށްފައިވާ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"މިއަހަރުގެ ޝިޢާރަކީ، ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި، ރައްޔިތުން ބައިވެރިވެ، އެމީހުން އެދޭ ގޮތް ހާމަކޮށް، ބަސް ބުނުމުގެ މުހިންމުކަން ހަނދާންކޮށްދީ، އެކަމަށް ބާރުއަޅާ ޝިޢާރެކެވެ. ޑިމޮކްރެސީއަކީ އެންމެންގެ ޝާމިލުވުމާއި އެންމެންނާމެދު ހަމަހަމަކަމާއެކު މުޢާމަލާތު ކުރުމާއި، އެންމެންގެ ބައިވެރިވުމުގެ މައްޗަށް ބިނާވެފައި އޮންނަ ހަމަތަކެކެވެ. އަދި އެއީ، ދެމެހެއްޓެނިވި ތަރައްޤީއާއި އިންސާނީ ޙައްޤުތަކާއި ޞުލްޙަމަސަލަސްކަން ދަމަހައްޓައިދިނުމުގެ އަސާސީ ބަހާވެސްމެއެވެ." ރައީސް ވިދާޅުވިއެވެ.

ޑިމޮކްރެސީއަކީ ރައްޔިތުން އެދޭ ގޮތަށް ޤައުމުގެ ކަންކަން ހިންގުން ކަމަށްވާއިރު، ރައްޔިތުން އެދޭ ގޮތްތައް ކަނޑައެޅިފައި ހުރީ، ރައްޔިތުންގެ މަންދޫބުން އެކަށައަޅާފައިވާ ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ކުރަހައިދޭ އިމުގެ ތެރޭގައި ކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރައްޔިތުންގެ ވެރިކަމަކީ ޤާނޫނުގެ ވެރިކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ޤައުމުގެ ކޮންމެ ފަރުދަކުމެ އަދި ކޮންމެ މުއައްސަސާއެއްމެ، ޤާނޫނަށް ބޯލަނބައި ކިޔަމަންގަތުމުގެ މައްޗަށް ބިނާވެފައި އޮންނަ ވެރިކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ. އެކަމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން، ކޮންމެ ރައްޔިތަކުވެސް ޝާމިލުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައިސް ވިދާޅުވި ގޮތުގައި ޑިމޮކްރެސިގެ ބެނުން ފުރިހަމަ ގޮތުގައި ހިފާނަމަ، އެއީ ކޮންމެ ގައުމަކަސް އަދި ކޮންމެ މުޖްތަމައަކަށް ވެސް އުޖާލާކަމާއި އުފަވެރިކަން ގެނެސްދޭ ހަމަތަކެވެ.

"އެއީ އެބައެއްގެ ޘަޤާފަތާއި، އެބައެއްގެ ޢަޤީދާއާ ފުށުނާރާ ގޮތަށް، އެ މުޖުތަމަޢަކަށް ފައްކާކުރެވޭ ހަމަތަކެކެވެ. މި އުޞޫލުން، ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެއެވެ. އަދި ކޮންމެ ރައްޔިތެއްގެ ކޮންމެ ޙައްޤެއް ޙިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވަމެވެ." ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ޑިމޮކްރެސީ ދުވަހަކީ ސެޕްޓެންބަރު މަހުގެ 15ވަނަ ދުވަހެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.