ހެންވޭރު ބޮޑު އަލިފާނުގެ ޙާދިސާގެ ރިލީފް ފަންޑަށް 1.39 މިލިއަން ރުފީޔާ ލިބިއްޖެ

ސެޕްޓެމްބަރ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ޙާދިސާ: އެ ޙާދިސާގައި ވަނީ ބޮޑެތި ގެއްލުންވެފައި

ހެންވޭރު ބޮޑު އަލިފާނުގެ ޙާދިސާގެ ރިލީފް އެކައުންޓަށް 1.39 މިލިއަން ރުފީޔާ ލިބިފައިވާކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރައްވައިފިއެވެ. އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިއީ އިއްޔެ ހަވީރު 4 ޖެހުމާ ހަމަޔަށް މިފަންޑަށް ޖަމާވި ފައިސާގެ ޢަދަދެވެ.

ސެޕްޓެމްބަރ 20 ގެ ބޮޑު އަލިފާނުގެ ޙާދިސާގައި ގެއްލުންވި މީހުންނަށް އެހީތެރިވުމަށް ހިންގި ރިލީފް ސެންޓަރުން ޖުމުލަ 429 މީހުންނަށް ވަނީ އެހީތެރިކަން ފޯރިކޮށްދީފައެވެ. އެއީ 328 ދިވެހިންނާއި 101 ބިދޭސީންނަށް ކަމަށް އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރިލީފް އެހީގެ ގޮތުގައި އާއްމުފަރާތްތަކުން ފޯރުކޮށްދީފައިވާ ތަކެތީގެ ތެރެގޭގައި އަންނައުނާއި ފެނާއި ކިރުޕެކެޓާއި ޖޫހާއި ލުއިކާނާއާއި ރީތިވާ ސާމާނުފަދަ ތަކެތި ހިމެނޭ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ހެންވޭރު ބޮޑު އަލިފާނުގެ ޙާދިސާގައި 31 ގޭބިސީއަށް ގެންލުންވިއެވެ. އޭތެރެއިން 25 ގޭބިސީއަކީ ކުއްޔަށް އުޅޭ ގޭބިސީތަކެވެ. އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން 20 ސެޕްޓެމްބަރ ހެންވޭރުގައި ހިނގި އަލިފާނުގެ ޙާދިސާގައި 26 ގެއަކުން މީހުން ހުސްކުރެވުނެވެ. އެއީ 87 ގޭ ބިސީކަމަށް އެ އޮތޯރިޓީން ހާމަކުރެއްވިއެވެ.

މިދިޔަ މަހުގެ 24 ގެ ނިޔަލަށް އެންޑީއެމްއޭގެ ވަގުތީ އެހީތެރިކަމަށް 786 ފަރާތުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އެއީ 636 ދިވެހިންނާއި 150 ބިދޭސީންނެވެ. ވަގުތީ އެހީތެރިކަމަށް ރަޖިސްޓްރީ ކުރި މީހުންގެ ތެރޭގައި 114 ކުޑަކުދިންވެސް ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.