އަލިފާނުގެ ޙާދިސާގައި ގެދޮރަށް ގެންލުންނުވާ، ޞިއްޙީގޮތުން ވަދެވޭ ޙާލަތުގައި ހުރި ގޭގެއަށް މިއަދު މީހުން ބަދަލު ކުރަނީ

އަލިފާނުގެ ޙާދިސާގައި ގެދޮރަށް ގެންލުންނުވާ، ޞިއްޙީގޮތުން ވަދެވޭ ޙާލަތުގައި ހުރި ގޭގެއަށް މިއަދު މީހުން ބަދަލު ކުރަން މަސައްކަތް ކުރައްވަމުންދާކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރައްވައިފިއެވެ.

އާފަތިސް އޮން ލައިންނަށް މަޢުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ ގެދޮރާއި މުދަލަށް ގެއްލުން ނުލިބޭ މީހުންގެ ތެރޭގައި މިހާރު އެންޑީއެމްއޭގެ ވަގުތީ ހިޔާތަކުގައި ތިބީ ހަތަރު ގެއެއްގެ މީހުން ކަމަށެވެ. އެމީހުން އެތަންތަނަށް ބަދަލު ކުރެވޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު އެސެސްމެންޓެއް ހަދައި ޞިއްޙީ ގޮތުން ދިރިއުޅެން ރަނގަޅުތޯ ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ. އަލިފާނުގެ ހާދިސާގައި ގެދޮރަށް ގެއްލުންނުވާ ބައެއް ޢާއިލާތަކުން ކުރިންވެސް ވަނީ އެމީހުންގެ ގޭގެއަށް ބަދަލު ވެފައެވެ.

އަލިފާނުގެ ޙާދިސާ ހިނގިތަނުގެ މަގުތަކުގައި ހުރި ކުނިތަކާއި ގުދަންތަކުގެ ކުނިތައް ނަގާ މިހާރު ވަނީ ވަރަށް ބޮޑަށް ސާފުކޮށްފައެވެ. މިއަދުވެސް ބައެއް މަގުތައް ހުޅުވާލެވޭ ވަރަށް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޙިސާން ވިދާޅުވިއެވެ.

އަލިފާނުގެ ޙާދިސާގައި މީހުން ދިރިނޫޅެވޭވަރަށް ހަލާކުވެފައިވާ ތަންތަނުގެ ފުރިހަމަ އެސެސްމެންޓެއް އެމްއެންޑީއެފާއި ޕްލޭނިން މިނިސްޓްރީއާއި ހައުސިން މިނިސްޓްރީ ހެދުމަށް ފަހު އެންޑީއެމްއޭ އަށް ހުށަހަޅާނެކަމަށް ވެސް ޙިސާން ވިދާޅުވިއެވެ. އެޙާދިސާގައި އެޢިމާރާތްތަކަށް ލިބިފައިވާ ގެއްލުމުގެ ތަފްޞީލް އެނގޭނީ އެފަދަ ފުރިހަމަ އެސެސް މަންޓަކަށްފަހުގައިވެސް ޙިސާން ފާހަގަ ކުރެއްވިއެވެ.

މިހާދިސާއާ އަށް ހަތް ދުވަސް ވީއިރު 786 މީހުން އެހީތެރިކަން ބޭނުންވާކަމަށް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީގައި ރަޖިސްޓްރީވެފައިވާކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ. އޭގެތެރެއިން 56 އާޢިލާގެ 326 މީހުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

އަލިފާނުގެ ޙާދިސާއަށްފަހު އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ޙާލަތު ވަރަށް ގާތުން ބަލަމުން އަންނަކަމަށް ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވިއެވެ. ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ ޙާލަތު ބަލާހެދިއިރު އަމިއްލައަށް ކައްކައި ކެއުމުގެ އިންތިޒާމު ބޭނުންވަނީ އެންމެ އާއިލާއަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއިލާއަށް އެކަމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވަމުން ގެންދަވާކަމަށް ވެސް ވިދާޅުވިއެވެ. އެނޫންފަރާތްތަކަށް ކެއިން ބުއިމުގެ އިންތިޒާމުތައް ވެސް ހަމަޖައްސައި ދެވިފައިވާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ތިބޭމީހުންނަށް ފައިސާގެ އެހީތެރިކަން މިދެނީ ހަފްތާއަކަށް، އެހެން މިގެންދަނީ އެމީހުންނަށްވެސް އަޅުގަނޑުމެންނަށް ވެސް ފަސޭހަވާނީ އެގޮތަށް ކަމަށްވާތީ، ކޮންމެ ދުވަހަކު ފައިސާ ހޯދަން އަންނަން ޖެހެންޏާ އެމީހުންނަށް ފަސޭހައެއް ނުވާނެ." ޙިސާން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.