ބޯކޮށް ވާރޭވެހުމުގެ ސަބަބުން އައްޑޫގެ އެތައް ގެއަކަށް ބޮޑެތި ގެއްލުންވި: ޑެޕިޔުޓީ މޭޔަރ

އިޔެއިން ފެށިގެން އައްޑޫސިޓީއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން 60 އަށްވުރެ ގިނަގޭގެއަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށް އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ހިތަދޫން އެކަނިވެސް ސާޅީހަކަށް ގެއަށް ފެންވަދެފައިވާ ކަމަށެވެ. އަދި ފޭދޫންއިން ތިރީހަށްވުރެ ގިނަ ގެއަށް ފެންވަދެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ކޮންމެ ގެއަކަށްވެސް ވެފައިވަނީ ބޮޑެތި ގެއްލުން. އެންމެ ކުޑަކޮށްގެއްލުންވި ގެއަށްވެސް ވަނީ ފަރުނީޗަރާއި އަލަމާރިފަދަ އެއްޗެހިހުރި ތަނަށް ފެންވަދެފައި. އެހެންވީމާ އެއީ ކުޑަގެއްލުމެއްނޫންތާ،" ޔަސްރިފް ވިދާޅުވިއެވެ.

ހިތަދޫގެ ބައެއް ގެތަކުގައި ޖަހައިފައިވާ ތަށިމުށިތައްކުގެ އަޑިންވެސް ފެންވަނީ ވަދެފައެވެ. އެހެން ކަމުން އެފަދަ ބައެއް ގެތަކުންވަނީ އަލަމާރިއާއި މޭޒާއި އެނދު ފަދަ ތަކެތީގެ ދަށަށް ލަކުޑުފަދަ އެއްޗެހި ލައްވައިގެން ފެންގަޑަށްވުރެ މައްޗަށް އެތަކެތި އުފުލައިފައެވެ.

އައްޑުއަށް މީގެ ކުރިންވެސް ވަނީ ބޯކޮށް ވާރޭވެހި ގެތަކަށް ގެއްލުންވެފައެވެ. އެފަހަރު ހަލާކުވި ބައެއް ސާމާނު އުކާލުމަށްފަހު އައު ފަރުނީޗަރުތައް ގެއަށް ގެނެސް މާގިނަ ދުވަހެއް ނުވަނީސް މިއަދު މިވަނީ ފެންވަދެ އެތަކެއްޗަށް ގެއްލުންވެފައެވެ.

ޔަސްރިފް ވިދާޅުވީ ފެންބޮޑުވުމުގެ ޙާދިސާގައި ގެއްލުންވި ފަރާތްތަކަށް ބަދަލެއް ނުދެވޭނެ ކަމަށެވެ. މީހުންނަށް ގެއްލުންވެފައިވަނީ ދެލައްކަ، ތިންލައްކަ ރުފިޔާއިން ކަމަށާއި އޭގެ ބަދަލުގައި ގެއަކަށް ފަސް ވަރަކަށް ހާސް ރުފިޔާ ދިނަސް އެއީ ބަދަލަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންނަމަވެސް އެހީތެރިކަމެއް ދޭނެ ސަރުކާރުން،" ޔަސްރިފް ވިދާޅުވިއެވެ.

ގެއްލުން ލިބިފައިވާ ގެތަކުން ނަގަންޖެހޭ މަޢުލޫމާތު އެއްކުރުމަށްފަހު މާދަމާ ހެނދުނު ކައުންސިލަށް އެފޯމްތައް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "މިވަގުތު މިކުރާކަމަކީ ނިދޭނެގޮތެއް ކެވޭނެގޮތެއް ނެތްމީހަކު ވެއްޖެއްޔާ އޭނާއަށް ނިދޭނެގޮތެއް ކެވޭނެ ގޮތެއްހުރި ތަނަކަށް ބަދަލުކޮށްލުން. މަރަދޫ ފޭދޫއިން ޢާއިލާއަކާއި ހިތަދޫ އުތުރުދާއިރާއިން ޢާއިލާއެއްވެއްޖެ އެގޮތަށް ބަދަލު ކޮށްފައި،" ޔަސްރިފް ވިދާޅުވިއެވެ. އެގޮތަށް ބަދަލުވާން ގިނަ ޢާއިލާތަކުން ނުވެސް އެދޭ ކަމަށާއި ނޭދެނީ ގޭގައި ސަލާމަތުން އެންމެ ކޮޓަރިއެއް ހުއްޓަސް އެންމެން އެތަނުން ފުއްދާލައިގެން ތިބޭތީއެވެ. "މީހުން ބޭނުންނުވޭ ވައްކަންކުރާ ދުވަސްވަރެއްގައި ކޮންމެހެން ގޯތި ދޫކޮށްލާފައި ދާކަމަށްވެސް،" ޔަސްރިފް ވިދާޅުވިއެވެ.

ޔަސްރިފް ވިދާޅުވީ މިހާދިސާގައި އަނިޔާ ވެފައިވަނީ އެންމެ މީހަކަށް ކަމަށެވެ. އެއީ ފެން ހިންދުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކަށެވެ. އޭނާއަށް އަނިޔާވީ ފެންބޮޑުވެފައި އޮތްތަނަކުން ފެން ހިންދަން އުޅެނިކޮށް ކައްސާލައިގެން ވެއްޓިގެންނެވެ. އޭނާގެ އަތާއި އުޅަބޮށިވަނީ ކަނޑައިގެން ގޮސްފައެވެ. އޭނޫން މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ޑެޕިޔުޓީ މޭޔަރ ވިދާޅުވިއެވެ.

މިހާދިސާގައި ފުލުހުންވަނީ 140 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ ފޭދޫ 43 ގެއަކާއި، ހިތަދޫ 44 ގެއާއި، މަރަދޫ 4 ގެއާއި މަރަދޫ ފޭދޫ 12 ގެއާއި މީދޫ 27 ގެއާއި ހުޅުދޫ 10 ގެއެވެ. އިތުރު ގެތަކަށް އެހީވުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވަނީ މާދަމާރޭގެ 8:00 އާ ހަމައަށްވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ ފެންބޮޑުވުމުގެ ޙާދިސާގައި 140 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގެ ތެރޭގައި ހިމެނެނީ ހިތަދޫ 44 ގެއާއި މަރަދޫ 4 ގެއާއި މަރަދޫފޭދޫ 12 ގެއާއި ފޭދޫ 43 ގެއާއި ހުޅުދޫ 10 ގެއާއި މީދޫ 27 ގެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ އިރާއި އިރުދެކުނުން ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ކަނޑުތައް ވެސް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާ ގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.