އިންޑިއާގެ ހަނގުރާމަމަތީ އުދުހޭ ބޯޓު ވެއްޓުމުގެ ސިލްސިލާއަށް އަނެއްކާ ވެސް ބޮޅެއް އިތުރުވެގެން ހިނގައްޖެއެވެ. ތަމްރީނުތަކެއްގައި އުދުހެމުން ދިޔަ މިގް 21 މަރުކާގެ ބޯޓު ވެއްޓުނީ އާދީއްތަ ދުވަހު ހެނދުނު އިންޑިއާ ގަޑިން 10 ޖަހަން އުޅެނިކޮށްނެވެ. ބޯޓު ވެއްޓުނީ މަދިޔަޕްރަދޭޝްގެ ގޮވާލިޔާގެ ވައިގެ ބަނދަރުގެ ކައިރި ސަރަހައްދަކަށެވެ. ބޯޓު ވެއްޓި ހަލާކުވިޔަސް ދެ ޕައިލެޓުން ވަނީ ވައިކުޑައިގައި ސަލާމަތުން ބިމަށް ތިރިކޮށްފައެވެ.
ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެމަސައްކަތް އިސްވެ ކުރަމުންދަނީ ވައިގެ ކަމާގުޅޭ އިސްބޭފުޅުންގެ ޓީމަކުންނެވެ.
ފާއިތުވި އޮގަސްޓު މަހުގެ 8 ވަނަ ދުވަހުވެސް ވައިގެ ސިފައިންގެ އުދުހޭ ބޯޓެއް ވެއްޓުނެވެ. އާސާމުގައި ހިނގި އެ ހިތާމަވެރި ހާދިސާގައި ޕައިލެޓު ސަލާމަތްވިއެވެ.
ޖޫން މަހު އަރޫނާޗަލް ޕްރަދޭޝްގައި ހިނގި ހާދިސާއެއްގައި އިންޑިއާގެ ވައިގެ ސިފައިންގެ މުދާ އުފުލާ ބޯޓެއް ވެއްޓި އެއިން ދަތުރުކުރި 26 މީހުން މަރުވިއެވެ.
އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވައިގެ ސިފައިންގެ ހަނގުރާމަމަތީ 26 އުދުހޭ ބޯޓު ވަނީ ވެއްޓިފައެވެ. އަދި އެ ހާދިސާތަކުގައި ވައިގެ ސިފައިންގެ 46 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މަރުވި ވައިގެ ސިފައިންނާއި ވެއްޓުނު ހަނގުރާމަމަތީ ބޯޓުތަކުގެ އަދަދު ސަރުކާރުން ހާމަކުރާ ވަރަށްވުރެ އިތުރުވާނެއެވެ.
ރަޝިޔާގައި އުފައްދާފައިވާ މިގް-21 މަރުކާގެ ބޯޓުތައް އިންޑިއާގެ ވައިގެ ސިފައިންގެ ލަޝްކަރުގައި ބޭނުންކުރަން ފެށިފަހުން 44 އަހަރުވެއްޖެއެވެ.
"އެހާވަރަށް ބައުވެފައިވާ ކާރެއް ވެސް މީހަކު ދުއްވާކަށް ނޫޅޭނެ." ވައިގެ ސިފައިންގެ ވެރިޔާ ބީއެސް ދަނޯއާ ވިދާޅުވެފައިވެއެވެ.
އިންޑިއާގެ ވައިގެ ސިފައިންގެ ލަޝްކަރުގައި ބޭނުންކުރަމުންދާ މިގް-21 މަރުކާގެ މަތިންދާބޯޓު ބޭނުން ކުރުން މިއަހަރުގެތެރޭގައި ހުއްޓާލާނޭކަމުގައި އިންޑިއަން އެއާރ ފޯސްގެ ވެރިޔާ ދަނޯއާ ވަނީ ވިދާޅުވެފައެވެ.
އިންޑިއާއިން މިހާރު މަސައްކަތް ކުރަމުން ދަނީ ފަރަންސޭސިވިލާތުގައި އުފައްދާފައިވާ ރަފޭލް މަރުކާގެ 36 ޖެޓު ވައިގެ ލަޝްކަރުގައި ހިމެނުމަށެވެ. ނަމަވެސް ފަރަންސޭސިވިލާތުން 36 ޖެޓު ގަތުމަށް ކުރި ވިޔަފާރީގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް އިދިކޮޅުފަރާތްތަކުން ގެންދަނީ އަޑުއުފުލަމުންނެވެ.