ކުށަކަށް އަރައިގެންފައި ނުވާނެ ކަމަށް ވިދާޅުވެ މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެމަނިކުފާނުގެ ދިފާޢުގައި ވާހަކަފުޅު ދައްކަވައިފިއެވެ.
އެމަނިކުފާނު ދިފާޢުގައި ވާހަކަފުޅު ދެއްކެވީ އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ކުރައްވާފައިވާ މަނީ ލޯންޑަރިންގެ ޝަރީޢަތުގެ މިއަދުގެ އަޑުއެހުމުގައެވެ.
"އަޅުގަނޑު މިތާގައި (ޝަރީއަތުގެ މަޖިލީހުގައި ސާބިތު ކުރަން ބޭނުންވަނީ އަޅުގަނޑަކީ ކުށަކަށް އަރައިގެންފައިވާ މީހެއް ނޫނޭ. އަޅުގަނޑު ހިތާމަކުރަން އަޅުގަނޑުގެ މައްޗަށް ދައުލަތުން މިދަޢުވާ ހުށަހަޅުއްވައިގެން އުޅުއްވާތީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ ދަޢުވާއަކީ އެންޓިކޮރަޕްޝަނުން ކޮށްފައިވާ ދަޢުވާއެއް ކަމަށް ޤަބޫލު ނުކުރެއްވޭ ކަމަށެވެ. "އޭސީސީއަށް ލިބުނު ހަތަރު ފަސް އަހަރު މިމައްސަލާގައި އަޅުގަނޑާ ދެކޮޅަށް ދަޢުވާކުރަން. އޭސީސީން މިހާތަނަށް މިދަޢުވާ ކޮށްފައެއް ނެތް،" ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންނަމަވެސް މި ދަޢުވާއަކީ ސަރުކާރުން ބޭނުންވެގެން ކޮށްފައިވާ ދަޢުވާއެއް ކަމަށް އެމަނިކުފާނު ލަފާކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީނާ ދެކޮޅަށްކުރައްވާފައިވާ މަނީލޯންޑަރިންގެ ދަޢުވާގެ ދިފާޢުގައި އެމަނިކުފާނު މިއަދު ވިދާޅުވީ މަނީ ލޯންޑަރިންގައި ދެ އެލިމެންޓެއް ހިމެނޭ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. "ފުރަތަމަ ކަމަކީ ނުރަނގަޅު ފައިސާ ނުވަތަ ޤާނޫނާ ޚިލާފަށް ލިބޭ ފައިސާ ފޮރުވަން ރައްކާކުރަން ނޫނީ އޭގެ އަސްލު އޮޅުވާލަން ކުރާ މަސައްކަތް. އެމަސައްކަތް އެކުރަނީ އެކަން އެނގިހުރެ އަސްލު އޮޅުވާލަން ކަމަށް ވަންޏާ އެއީ ނިޔަތެއް އޮވެގެން ކުރެވޭ ކަމެއް. އެސްއޯއެފުން އަޅުގަނޑުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ (އެމްއެމްޕީއާރުސީއަކުން އަޅުގަނޑުގެ އެކައުންޓަށް ފައިސާއެއް ނުލިބޭ) އެސްއޯއެފް އެކައުންޓުން އަޅުގަނޑުގެ އެކައުންޓަށް ލިބިފައިވާ ފައިސާ އަޅުގަނޑުގެ އެކައުންޓަށް ވަނުމަށް ފަހު އެހެން މީހެއްގެ އެކައުންޓަށް ބަދަލެއް ނުވޭ. އަޅުގަނޑުގެ އެކައުންޓަކުން އެހެން މީހެއްގެ އެކައުންޓަކަށް ޗެކެއް ދީފައެއް ނުވާނެ. އަޅުގަނޑުގެ އެކައުންޓް ހުރި ބޭންކުގެ އެއްއެކައުންޓުން އަނެއް އެކައުންޓަށް ބަދަލުވީމާ ދައުލަތުން ޝަރީޢަތުގެ މަޖިލީހުގައި އަދި މީގެކުރީން ވެސް ދެއްކެވި ވާހަކަފުޅުތަކަކުން އެއް ބޭންކެއްގެ އެއް ކަސްޓަމަރެއްގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ބަދަލުވާ މިންވަރަކުން އެއީ އޭގެ އަސްލު އޮޅުވާލަނީ ކަމަށް ސާބިތުވާ ވަރުގެ އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވޭ،" އެމަނިކުފާނު ވިދާޅުވިއެވެ. "ދެވަނަ ކަމަކަށް އަޅުގަނޑު ފާހަކޮށްލަނީ ނުރަނގަޅު ފައިސާތަކެއް ލިބިފައިވާއިރު ނުރަނގަޅު ފައިސާ ލިބިފައިވަނީ މަނީލޯންޑަރިންގެ ޢަމަލެއް ހިމެނިގެންތޯ ނޫނީ ކޮރަޕްޝަންގެ ޢަމަލެއް ހިމެނިގެންތޯ އެސްއޯއެފްއަށް މިވަދެފައިވާ ފައިސާ ވަދެފައި އޮތީ. ވަރަށްގިނަ ތަފްސީލް އަޅުގަނޑުގެ ލޯޔަރުން އެކަމާބެހޭ ދެއްވައިފި. ދައުލަތުގެ ފަރާތުން އަދި މިހާތަނަށް ޝަރީޢަތުގެ މަޖިލީހަށް ސާބިތު ކޮށްދެވިފައެއް ނުވޭ އެމްއެމްޕީއާރުސީން އެސްއޯއެފަށް ވަދެފައިއޮތް އެއްމިލިއަން ޑޮލަރަކީ އޭގެ ޒާތުގައި އޭގައި ކޮރަޕްޝަން ހިމެނޭކަމެއް ކަމަށް. ނުވަތަ އޭގެ ޒާތުގައި އެމްއެމްޕީއާރުސީން އެކޮށްދިނީ މަނީލޯންޑްރިން މަސައްކަތެއް ކަމެއް ނުވަތަ އެސްއޯއެފުން އެމްއެމްޕީއާރުސީއަށް އެކޮށްދިނީ މަނީލޯންޑްރިންގެ މަސައްކަތެއްކަމެއް މިހާރު މިމައްސަލަ ރައްދުވާ އެއްމިލިއަން ޑޮލަރާ ބެހޭގޮތުން ވެސް މިހާތަނަށް ދައުލަތުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ސާބިތުކުރެވޭ ވަރަށް ވާހަކަފުޅު ދައްކަވާފައެއްނުވޭ،" ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ އެމްއެމްޕީއާރުސީއާއި އެސްއޯއެފްއާ ދެމެދު ސައްޙަ ވިޔަފާރީގެ މުޢާމަލާތް ހިނގާފައިވާ ކަމަށް މަދަނީކޯޓުން 2017 ވަނަ އަހަރު ނިންމަވާފައިވާތީއެވެ. އަދި ވޮޑަމުއްލާއަށް ލިބުނު އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ ކަމެއް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މިއަދުގެ ޝަރީޢަތުގެ އަޑުއެހުން ނިންމަވައިލެއްވީ އޮކްޓޯބަރ 10 ވަނަ ދުވަހު އިތުރު އަޑު އެހުމެއް ބާއްވާނެ ކަމަށް އިޢުލާން ކުރައްވަމުންނެވެ. އެ އަޑުއެހުމުގައި އޮންނާނީ ޚުލާސާ ބަޔާން އިއްވުން ކަމަށް ޤާސީ އަޙުމަދު ހައިލަމް ވިދާޅުވިއެވެ. އެދުވަހުގެ ޝަރީޢަތް ފެށޭނީ 1:00 ގައެވެ.
Manikufaanah engivadaeh nuvesgannavaane kusheh kuravvaakah ves. Naseeb dheththo.